ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ނޫސްވެރިންގެ ބައްދަލުވުމެއްގައި

ފުލުހުން

ވަގުތީ ޕޮލިސް ކޮމިޝަނަރަކަށް ފަރުހާދު ހަމަޖައްސާފައި އެކަން ބަދަލުކޮށް މިހާރު އެ ޒިންމާ ދިނީ ނަވީންއަށް

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ބަދަލު ގެނައީ މި ވަގުތު އެންމެ އިސްކަން ދީގެން ކުރިއަށް ގެންދާ ތަހުގީގައި އިސްކޮށް ނަވީން ހުންނެވުމުން ކަމަށް

ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ)ގެ މަގާމަށް، ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ ވަގުތީ ގޮތުން ހަމަޖެއްސުމަށް ފަހު އެކަން ބަދަލުކޮށް އެ ޒިންމާ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ މިރޭ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ސީޕީގެ މަގާމު ހުސްކަމަކަށް ދިޔައީ ގެއެއްގެ ނުވަ ވަނަ ބުރިން އަންހެނަކު ވެއްޓުނު ހާދިސާގެ ތަހުގީގާ މެދު ފުލުހުންނާ ދޭތެރޭ އާންމުންގެ ނުރުހުން ބޮޑުވެފައިވަނިކޮށް، ސީޕީކަމުން އަލީ ޝުޖާއު މިއަދު އިސްތިއުފާ ދެއްވުމުންނެވެ.

ތަފްސީލު - ޝުޖާއު އިސްތިއުފާ ދެއްވައި، ރައީސްއަށް ފޮނުއްވި ސިޓީ އެމަނިކުފާނު ވަނީ ގަބޫލުކުރައްވާފަ އެވެ. އަދި އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނަރު ފިކުރީ އައްޔަންކުރެއްވިކަން ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވަނީ އިއުލާންކުރައްވާފަ އެވެ.

ވަގުތީ ކޮމިޝަނަރުގެ މަގާމަށް ފަރުހާދު އައްޔަންކުރެއްވިކަން ހޯމް މިނިސްޓަރު އަލީ އިހުސާން އިއުލާންކުރެއްވިތާ މާ ގިނަ އިރެއް ނުވެ އެ ނިންމުން ވަނީ ބަދަލުކުރައްވައިފަ އެވެ. އޭގެ ސަބަބަކީ މިހާރު ކުރިއަށް ދާ މަރިޔަމް ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުކަން، މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ފުލުހުންގެ މުއައްސަސާއިން މިވަގުތު އެންމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތް ކަމަށް ވެފައި މި ތަހުޤީގުގެ ކަންކަމާ އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީންކަމަށް ވާތީ ކޮމިޝަނަރ އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީން ކަނޑައަޅައިފީމެވެ،" އެކްސްގައި އިހުސާންކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.

ކޮމެންޓް (2)

ސިކުނޑި

27 އޭޕްރީލު 2025
ބޮޑަށް ބެލެވެނީ އެ ޕޯސްޓްގައި ރައީސްގެ އިރުޝާދާއި ލަފާފުޅުގެ ދަށުންނޭ ނެތީމަ ބަދަލުކުރީ ކަމަށް! ވަޒީރަށްވެސް އިނގެންވާނެ ކަމިޝަނަރ އެއީ ރައީސް އައްޔަން ކުރައްވާ މަގާމެއްކަން! ކުރިންވެސް ތަހުގީގުގައި އިސްކޮށް އުޅުއްވީ ނަވީން! އެކަން އޭރު ރޭކާވެސް ނުލީތޯ! ކީއްވެތޯ ސާމިހުއަށް ނުދިނީ! އޭނަ ކަންނޭނގެ ތި މައްސަލައިގައި އެންމެ އިސްކޮށް ކުރިން އުޅުނީ! ފުލުހުން ކުރާ އެއްވެސް ކަމެއްގައި އާންމު މީހަކު މިހާ ސުވާލު ކުރަން ނުޖެހޭ ހަމަ އެއްކަމެއްވެސް ނެތީތަ؟ އޭގެ އަސްލަކީ ނާގާބިލުކަން!!
0 0

ތެފައާސާ.

27 އޭޕްރީލު 2025
[...ފުލުހުން މިވަގުތު އެންމެ އިސްކަންދީގެން ކުރިއަށްގެންދާ ތަހުޤީގުގެ ކަންކަމާ އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީންކަމަށް ވާތީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީން ކަނޑައަޅައިފީމެވެ...] އެހެންވީމާ އެއިރެއްގައި އެންމެ އިސްކަމެއްދީގެން ކުރާ ތަހުގީގެއްގެ އެންމެ އިސްފަރާތާއިތޯ މީގެ ފަހުން ސީޕީކަމުގެ މަސްއޫލިއްޔަތު ހަވާލުކުރަނީ؟ މިއީ ކޮންކަހަލަ އުސޫލެއްތޯ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް