ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ބޭނުންވަނީ ވީހާ ވެސް އަވަހަކަށް މައްސަލައިގެ އިންސާފަކާ ހަމައަށް ދިއުން: ކޮމިޝަން

މުނައްވަރު ވިދާޅުވީ ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ މިނިވަންކޮށް ކަމަށާއި އޭނާގެ މައްޗަށް އެއްވެސް މީހެއްގެ ނުފޫޒެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް

މި މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލާގައި ބޭނުންވަނީ ވީހާ ވެސް އަވަހަކަށް އިންސާފަކާ ހަމައަށް ދާން ކަމަށް އެ މައްސަލަ ބެލުމަށް ރައީސް މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރިޔާސީ ކޮމިޝަނުން މިއަދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ މިނިވަންކޮށް ކަމަށާއި އޭނާގެ މައްޗަށް އެއްވެސް މީހެއްގެ ނުފޫޒެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ތަފްސީލް - އޭނާ ވިދާޅުވީ އެކި މައްސަލަތައް ބެލުމަށް މީގެ ކުރިން ރާއްޖޭގައި އުފެއްދި ރިޔާސީ ކޮމިޝަންތަކުން ކުރި މަސައްކަތުގެ ނަތީޖާ ރައްޔިތުންނާ ހަމައަށް އައިސްފައި ނުވާ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް އަޅުގަނޑުމެންނަށް ވަރަށް މިނިވަންކަމާ އެކު މަސައްކަތް ގެންގޮސް، މި މައްސަލާގައި ރައްޔިތުން ބޭނުންވާ ގޮތަށް އިންސާފުވެރިކަމާ އެކު ދައުލަތުގެ މުއައްސަސާތަކުން ބެލޭނެކަން ކަށަވަރުކުރުން އަޅުގަނޑުމެންނަށް ކުރެވެން ޖެހޭނެކަން،" މުނައްވަރު ވިދާޅުވި އެވެ.

 ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް މިނިވަންކަމާ އެކު ފުރިހަމަކޮށް ގެންދެވޭނެކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"މިނިވަންކޮށް މިކަން ނުގެންދެވޭ ކަމަށް ވެއްޖެއްޔާ، އެއްވެސް ބާވަތެއްގެ ނުފޫޒަށް ކަމެއް ނިންމަން ޖެހޭ ގޮތަށް ޕްރެޝަރެއް އައިސްފިއްޔާ އަޅުގަނޑު އިސްތިއުފާ ދޭނަން ވަގުތުން،" އޭނާ ވިދާޅުވި އެވެ.

"މިނިވަންކޮށް ނުގެންދެވޭ ކަމަށް އަޅުގަނޑަށް ވިސްނުމާ އެކު [އިސްތިއުފާ ދޭނަން]. ކަމެއް ވައިޓްވޮޝް ކުރާކަށް މިކަމުގައި އަޅުގަނޑެއް ނުއިންނާނަން."

މިއީ ހައްސާސް މައްސަލައެއްކަން ފާހަގަކުރައްވަމުން މުނައްވަރު ވިދާޅުވީ މި މައްސަލައިގެ މައުލޫމާތު ދިނުމަށް ޕޯޓަލެއް ތައްޔާރު ކުރާނެ ކަމަށެވެ. އެގޮތުން:

  • އެ ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ސުވާލު ކުރެވޭނެ

  • ކޮމިޝަނުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ފެންނާނެ

މި މައްސަލާގައި ޖިނާއީ މައްސަލައެއް ވެސް ހިމެނޭތީ ބައެއް މައުލޫމާތު ހާމަކުރެވޭނީ ތަހުގީގު ފުރިހަމަވުމުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މިއީ ކުރިއަށް ދާ ތަހުގީގަކާ ގުޅުން ހުރި މަސައްކަތްތަކެއް ކުރާ ކޮމިޝަނަކަށްވާތީ، ދައުވާ ކުރަންޖެހޭ ފަރާތްތަކުގެ މަައްޗަށް ދައުވާކޮށް، އަދަބު ލިބެންޖެހޭ ފަރާތްތަކަށް އަދަބު ލިބި، ޖަވާބުދާރީ ވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވަން ވެސް ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަށް މުއްދަތެއް ނަގައިގެން ނުވާނެ. އަޅުގަނޑު ބަލަނީ ވީހާ ވެސް އަވަސް މުއްދަތެއްގެ ތެރޭގައި، ކުރު މުއްދަތެއްގެ ތެރޭގައި އަޅުގަނޑުމެންގެ މަސައްކަތް ނިންމާލެވޭތޯ،" މުނައްވަރު ވިދާޅުވި އެވެ.

ގުޅުން ހުރި - ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

އެ ކޮމިޝަންގައި ތިއްބަވަނީ މުނައްވަރުގެ އިތުރުން:

  • 1-

    ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު، ވ. އަލްމާން

  • 2-

    ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641 

  • 3-

    ޖަބީން މުހައްމަދު، މޫނިމާގެ/ތ. ވޭމަންޑޫ

  • 4-

    އާމިނަތު އީނާސް، ހ. ހަބަރުގެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް