ޔުމްނު ފުރާޅު މައްޗަށް ވެއްޓުނު ވަގުތު އެ އަޑު އިވުނު ބިދޭސީ މީހާ އަޑު އިވުނު އިރު އޭނާ ހުރިތަން 'ދައުރު'ގެ ނޫސްވެރިންނަށް ދައްކާލަނީ: އޭނާ ބުނީ ހީވީ ބޮމެއް ގޮވިހެން ކަމަށް (ދައުރު ފޮޓޯ/ އަހުމަދު ނާއިފް)
ޔުމްނު ވެއްޓުން: އެވަގުތު ރައުދު އޭނާއާ އެކު ހުރިކަމުގެ ފުރުސަތު ބޮޑު
މުހިންމު ނުކުތާތައް
ރައުދު ނޫން މީހެއްގެ ބައިވެރިވުން ޔުމްނު ވެއްޓުމުގައި އޮތް ކަމުގެ ހެއްކެއް އަދި ފެންނާކަށް ނެތް
އެ ވަގުތު ދެ ފުލުހަކު ސައިކަލުގައި ކަލާފާނުހިނގުމުން އެންސީއައިޓީ އިމާރާތުގެ ކުރިމަތިން ސައިކަލެއްގައި ދުއްވާފައި ދިޔަ
މަގުމަތިން ހިނގާފައި ދިޔަ މީހަކަށް 4:54ގައި ބޮމެއް ގޮވާ ކަހަލަ އަޑެއް އިވި ސިއްސައިގެން ދޭ؛ އެއީ ޔުމްނު ވެއްޓުނު ގަޑިކަމަށް ބެލެވޭ
އަށާރަ އޭޕްރީލްވީ ހުކުރު ދުވަހުގެ ފަތިހު 4:53 އެވެ. ބުރުޒުމަގު، ހ. ފެންޓެނޯއީގެ ތިރީގައި ހުންނަ ބުރުޒު ކޭޓަރިންގެ ބަދިގޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ އެމްޑީ ހޮސެއިން (އަސްލު ނަމެއް ނޫން) އެ ރޭ ވެސް ފަތިސް ނަމާދަށް ބަންގި ގޮވުމާއެކުހެން މިސްރާބު ޖެހީ ޝަހީދު އަލީ މިސްކިތާ ދިމާލަށެވެ. މިދިޔަ 11 އަހަރު ވެސް އެއީ އޭނާގެ އާދަ އެވެ.
ބުރުޒުމަގާއި ކަލާފާނު ހިނގުން ގުޅޭ ހަތަރުއަނގޯޅިއާ ހަމައަށް އެރިތަނާހެން އޭނާއަށް އިވުނީ ބާރު އަޑުފައްގަނޑެކެވެ. އޭނާ ސިއްސައިގެން ގޮސް ފަހަތަށް ބެލި އެވެ. އެ ހަތަރު އަނގޯޅީގައި ހުރި ޖަންކްޝަނާ ހިސާބުގައި ހުރެ މައްޗަށް ވެސް ބެލި އެވެ. އެއީ ގަޑިން ފަތިހު 4:54 އެހާއިރެވެ. ހަމަ އެ ވަގުތު ކަލާފާނު ހިނގުމުން ސައިކަލުގަ އައި ދެ ފުލުހަކު އެންސީއައިޓީ އިމާރާތާ އަރާ ހަމަވާނީ އެވެ. އެ މީހުންނަށް ވެސް އެ އަޑު އައިހެން ހީވި ދިމާ ކަމަށްވާ ކަނާތްފަރާތަށް މޫނު އަނބުރާލި އެވެ. އެކަމަކު އެ މީހުން ނުހުއްޓި ދިޔައީ އެވެ.
މިއީ ފެންޓެނޯއީގޭ މަތިން ޔުމްނު ރަޝީދު ވެއްޓުނު ކަމަށް ބެލެވޭ ވަގުތު އެ ސަރަހައްދުގައި ކަން ހިނގި ގޮތް ފެންނަ ސީސީޓީވީ ކެމެރާގެ ފުޓޭޖްތަކުން ފެންނަ މަންޒަރުތަކެވެ.
"ބާރު އަޑުއިވެނީ. ބޮން ގޮވާ ވައްތަރު އަޑުއިވެނީ. އަހަރެން ދަނީ އެއްލިގަނެގެން. އެކަމަކު އެއްވެސް އެއްޗެއް ނުފެންނަނީ އަހަރެން ބަލަނީ،" ހާދިސާ ހިނގިތާ ހުރެ އޭނާ 'ދައުރު'އަށް މިއަދު ފަތިހު ކިޔައިދިނެވެ.
"އަހަރެން ކުޑަ މަޑުކުރަނީ ވެސް އެ މީހުން [ޕޮލިސް މީހުން] މަޑުކުރޭތޯ. އަޅާ ނުލަނީ."
އޭނާއަށް ވެސް އެ އަޑު އައި ތަނެއް އަދި ޝައްކު ކުރެވޭ ކަމެއް ނުފެނުމުން އަވަހަށް މިސްކިތާ ދިމާލަށް ހިނގައިގަތީ އެވެ. އޭނާ ބުނި ގޮތުގައި، އެ އަޑު ކައިރި ހިސާބުތަކަށް ވަރަށް ރީއްޗަށް އިވޭނެ އެވެ.
"ކައިރި ޓޫތްރީ [ދެތިން] ގޯޅި ފަހަތަށް ވެސް އިވެނީ. އެހާ ބާރު،" ޔުމްނު ފުރާޅު މައްޗަށް ވެއްޓުނު އަޑު އެންމެ ކައިރިން އިވުނު މީހުންގެ ތެރޭ ހިމެނޭ ހޮސެއިން ބުންޏެވެ.
އެހެންވެ، އެ ސަރަހައްދުން ދިޔަ ފުލުހުންނަށް އެ އަޑު އެ ވަގުތު ނީވިއެއް ނުދާނެ އެވެ.
ބާރު އަޑުއިވެނީ. ކުޑަ ބޮން ގޮވާ ވައްތަރު އަޑުއިވެނީ. އަހަރެން ދަނީ އެއްލިގަނެގެން. އެކަމަކު އެއްވެސް އެއްޗެއް ނުފެންނަނީ އަހަރެން ބަލަނީ. އަހަރެން ކުޑަ މަޑުކުރަނީ ވެސް އެ މީހުން [ޕޮލިސް މީހުން] މަޑުކުރޭތޯ. އަޅާ ނުލަނީ
އަޑު އިވިގެން ބެލި ބިދޭސީ މީހާގެ ބަޔާން ފުލުހުން ނެގީ ރޭގެ ވަގުތެއްގަ އެވެ.
އެހެން ސީސީޓީވީ ކެމެރާއެއްގެ ވީޑިއޯއިން ފެންނަ ގޮތުގައި، ހަމަ އެ ވަގުތު ފެންޓެނޯއީގޭގެ ފުރަތަމަ ފަންގިފިލާގެ ބެލްކަނިން މީހަކު ނުކުމެ ދެކޮޅު ބަލައިލަ އެވެ. އެެ ފަންގިފިލާގައި ވެސް ހުންނަނީ ބުުރުޒު ކޭޓަރިންގެ ބަދިގެ އެވެ.
އެ މީހާއާ އެކު ބަދިގޭގައި ހުރި އެހެން ކައްކާއަކު 'ދައުރު'އަށް މިއަދު ކިޔައިދިން ގޮތުގައި، އެ ވަގުތު އެ މީހާ ބޭރު ބެލީ ބާރު އަޑުފައްގަނޑެއް އިވިގެންނެވެ. އެކަމަކު، ބޭރުން ކަމެއް ފެންނަން ނެތެވެ. ދެން އޭނާ ބެލީ ބަދިގޭގައި ހުރި ގޭސް ފުޅިން ގޮވި އަޑެއްތޯ އެވެ.
"ބޭރުން ކަމެއް ނުފެންނަނީ. ދެން އެހެންވެ ގޭސް ފުޅިން ގޮވި އަޑެއްތޯ ވެސް ބެލިން. އަނެއްކާ ގޭސްފުޅި ގޮވީތޯ،" އޭނާ ބުންޏެވެ.
ޔުމްނުގެ ބަރުދަނުގައި ހުންނަ ކަމަށް 'ދައުރު'އަށް ކަށަވަރުކުރެވިފައިވަނީ 45 ކިލޯ އެވެ. ފުލުހުންގެ ބޮޑެތި ތަހުގީގުތަކުގައި މީގެ ކުރިން މަސައްކަތްކޮށް މިހާރު ރިޓަޔާކޮށްފައިވާ ބޭފުޅަކު ވިދާޅުވީ 45 ކިލޯގެ މީހަކު 89 ފޫޓް މަތިން ޓިނުގަނޑެއްގެ މައްޗަށް ވެއްޓޭއިރު ބާރު އަޑެއް ހުންނާނެ ކަމަށާއި ލޮޅުމެއް ވެސް ހުންނާނެ ކަމަށެވެ.
ފެންޓެނޯއީގެ ދޮރުމަތި އަރާ ގޮތަށް އެވިޑް ކޮލެޖުގެ ބޭރުގައި ހުރި ސީސީޓީވީ ކެމެރާގެ ފުޓޭޖް ޒޫމްކޮށް އަދި އެންހޭންސްކޮށްގެން ބެލުމުން ފަތިހު 4:54:22 ވަނަ މިނެޓުގައި މަތިން ފަތްތަކެއް ކަހަލަ އެއްޗެހިތަކެއް ފެންޓެނޯއީގެ ދޮރުމައްޗާއި އެތެރެއަށް ފައިބާތަން ފެނެ އެވެ. އަދި ޔުމްނު ވެއްޓުނު މިޓާޒުގޭގެ ގުދަން މައްޗަށް އަރާފައިވާ ވެޔޮގަނޑަށް އެ ވަގުތު ލޮޅުމެއް އާދެ އެވެ. އެއީ ޔުމްނު ފުރާޅުމަތީ ޖެހުނު ވަގުތު ކަމަށް ބެލެވެ އެވެ.
މީގެ އިތުރަށް ފާހަގަވި ގޮތުގައި، އެވިޑް ކޮލެޖުގެ ފުޓޭޖުގެ ޑީވީއާރުގެ ގަޑީގައި އަވަސްކަމެއް އުޅެ އެވެ. އެހެންކަމުން ޔުމްނު ވެއްޓުނު ކަމަށް ލަފާކުރެވޭ ގަޑި ނިންމާފައިވަނީ 'ދައުރު'އާ ވާހަކަ ދެއްކި މީހުން ބުނެފައިވާ ވަގުތުތަކާއި ގަޑި ހަމައަށް ހުރި ސީސީޓީވީ ފުޓޭޖްތަކުގެ ގަޑި ބަލައިގެންނެވެ.
ވެއްޓޭ ވަގުތު ރައުދު ހުރީ ޔުމްނުއާ އެކު
'ދައުރު'ން ބެލި ފެންޓެނޯއީގޭގެ 7 އަދި 9 ވަނަ ފަންގިފިލާގެ ކެމެރާގެ ވީޑިއޯތަކުން ރައުދުގެ ހަރަކާތްތައް ހުރި ގޮތް އެނަލައިޒް ކުރިއިރު ފެންނަނީ:
-
4:49:50 - ދެ މީހުން އެކުގައި 10 ވަނަ ފަންގިފިލާއަށް އަރާ
-
4:50:30 - ރައުދު އެކަނި ތިރިއަށް ފައިބައި 7 ވަނަ ފަންގިފިލާއަށް ދޭ
-
4:51 - ރައުދު 7 ވަނަ ފަންގިފިލާއަށް ގޮސް ފައިވާނަށް އެރުމަށް ފަހު، އެޕާޓްމަންޓް 701 އާއި 702އާ ދެމެދުގެ ފާރު ކައިރީ ލެނގިލައިގެން ހުރޭ
-
4:51 - އޭރު ޔުމްނު 10 ވަނަ ފަންގިފިލާއިން 9 ވަނަ ފަންގިފިލާއަށް ފައިބައި ދޮރުތަކުގައި ހިފުމަށް ފަހު އަނެއްކާ ވެސް އޭނާ އެކަނި 10 ވަނަ ފަންގިފިލާއަށް އަލުން އަރާ؛ *އެއަށް ފަހު ޔުމްނު އެ ފަންގިފިލާއިން ތިރިއަށް ފައިބާ ތަނެއް ނުފެނޭ*
-
4:51:03 - ރައުދު 10 ވަނަ ފަންގިފިލާއަށް އަނެއްކާ ވެސް އަރާ؛ އޭރު ވެސް ޔުމްނު ހުރީ 10 ވަނަ ފަންގިފިލާގައި
-
4:52:42 - ރައުދު 10 ވަނަ ފަންގިފިލާއަށް ދިޔަ ފަހުން ކަރުކެހޭ ކަހަލަ އަޑުތަކެއް އިވޭ
-
4:53:54 - ރައުދު 10 ވަނަ ފަންގިފިލާއިން ތިރިއަށް ފައިބާ؛ *2 މިނެޓާއި 51 ސުކުންތު ވަންދެން، ރައުދު ޔުމްނުއާ އެކު 10 ވަނަ ފަންގިފިލާގައި ހުރޭ*
-
4:54:22 - މަގުމަތިން ދިޔަ ބިދޭސީ މީހާއަށް ބާރު އަޑަކާ އެކު ފުރާޅު މަތީ އެއްޗެއް ޖެހޭ އަޑު އިވުން؛ *މިއީ ޔުމްނު ވެއްޓި ފުރާޅުގައި ޖެހުނު ގަޑި ކަމަށް ބެލެވޭ*
-
4:57:48 - 8 ވަނަ ފަންގިފިލާގެ ސިޑިކައިރީ ހުންނަ ކުޑަދޮރުން ބޯދީގެން ރައުދު، ޔުމްނުއަށް ގޮވާ ތަން ފެނޭ
-
4:58 - ރައުދު 7 ވަނަ ފަންގިފިލާގެ ސިޑި ކައިރީ ހުރި ކުޑަދޮރުން ބޯދީ ޔުމްނުއަށް ގޮވާ
ފާހަގަކޮށްލެވޭ ކަމަކީ، ޔުމްނު ވެއްޓުނު އަޑު ކަމަށް ބެލެވޭ އަޑު އިވުނު ވަގުތާއި ރައުދު ޔުމްނުއާ އެކު ހުރުމަށް ފަހު، މަތިން ތިރިއަށް ފޭބި ވަގުތާ ދެމެދު ހުރީ 28 ސުކުންތެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ކުޑަދޮރާއި އޭނާ ވެއްޓިފައި އޮތް، ހ. މިޓާޒްގެ ފުރާޅާ ދެމެދުގައި ހުންނަނީ 89 ފޫޓެވެ.
ފިޒިކްސްގެ ތިއަރީތަކުން ދައްކާ ގޮތުން އެވަރުގެ އުސް ތަނަކުން މީހަކު ވެއްޓެން ނަގާނީ 0.83 ސުކުންތު އެވެ. އަދި އެފަދަ ވެއްޓުމެއްގެ އަޑު އިވެން ނަގާނީ 0.12 ސުކުންތު ކަމަށް ވެސް ތިއަރީތަކުގައި ބުނެ އެވެ.
އެހެންކަމުން ސީސީޓީވީ ފުޓޭޖްތަކަށް ބަލާއިރު ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތު ރައުދު ހުރީ ޔުމްނުއާ އެކު 10 ވަނަ ފަންގިފިލާގައި ކަމަށް ބެލުމުގެ ޖާގަ ވަރަށް ވެސް ބޮޑެވެ. އަދި ރައުދު 4:53:54 މިނެޓުގައި 10 ވަނަ ފަންގިފިލާއިން ތިރިއަށް ފައިބާއިރު ޔުމްނު ވެއްޓިފައިވާ ކަމަށް ބުނެވިދާނެ އެވެ. އެއީ މިހާތަނަށް ޔުމްނު ވެއްޓުނު ގަޑިކަމަށް ބަލަނީ މީހާއަށް އަޑުއިވުނު ވަގުތު ކަމަށްވާތީ އެވެ. އެހެންކަމުން ޔުމްނު ފުރާޅުމަތީ ޖެހެން ނެގި ވަގުތާއި އިމްޕެކްޓް އަޑުއިވެން ނެގި ވަގުތުގައި ލަސްކަމެއް އުޅޭނެތީ އެވެ. ބެލެވެނީ އެ ވީކަމެއް ވުމުން ރައުދު 10 ވަނަ ފަންގިފިލާއިން ތިރިއަށް ފައިބަނީ އެވެ.
މީގެ އިތުރަށް އެކި ސީސީޓީވީ ކެމެރާގެ ވީޑިއޯތަކުގެ ގަޑިތައް ތަފާތުވުމުން ސީދާ ކަން ހިނގި ވަގުތު ހިސާބު ކުރާއިރު ވަރަށް ކުދި ތަފާތުތައް އައުން އެކަށީގެންވެ އެވެ.
ރައުދު ބޭރަށް ނުކުމެ ވެއްޓުނު ފުރާޅާ ދިމާލަށް ބެލި
ޔުމްނު ވެއްޓުނުތާ މަދުވަގުތުކޮޅެއް ތެރޭ ރައުދު ފެންޓެނޯއީގެ ބޭރަށް ނިކުމެ އެންމެ ފުރަތަމަ ވެސް ބަލަނީ ޔުމްނު ވެއްޓިފައި އޮތް މިޓާޒް ގޭގެ ފުރާޅާ ދިމާލަށެވެ. އަދި އޭނާ މައްޗަށް ބަލަހައްޓައިގެން ހުރެ މީހަކަށް ގޮވާތަން ވެސް ފެނެ އެވެ.
އެ ގޮވާ އަޑަށް ފެންޓެނޯއީގެ ފުރަތަމަ ފަންގިފިލާއިން މީހަކު ބެލްކަނިން ނިކުމެ ބޯދިއްކުރާތަން ވެސް ފެނެ އެވެ. އަދި އޭރު މީހުން ފަތިސް ނަމާދަށް ދާތަން ފެނެ އެވެ. އެގޮތުން އެހެން ދިޔަ ބުރުޒުގެ މުވައްޒަފަކާ އޭނާ ވާހަކަތަކެއް ދެއްކިތަން ވެސް ފެނެ އެވެ.
އެ ބަންގުލަދޭޝް މީހާއާ 'ދައުރު'އިން ސުވާލުކުރުމުން އޭނާ ބުނީ ރައުދު އޭނާ ކައިރީ އެދުނީ ފޯން ނިވިގެން ޗާޖްކުރަން އައިފޯން ޗާޖަރެއް ދިނުމަށެވެ.
"އަހަރެން ބުނަނީ އަހަރެން އަތުގައި ހުންނަނީ، ރެޑްމީ ފޯނެއް. ފޯނު ދައްކާފައި އެހެން ބުނީ،" އޭނާ ބުންޏެވެ.
އެރޭ ހާދިސާ ހިނގުމަށް ފަހު ރައުދު މަގުމަތީ އުޅުނު ވަގުތުތަކުގައި އޭނާ ވަނީ ބުރުޒު ކޭޓަރިންގައި މަސައްކަތް ކުރާ ތިން މުވައްޒަފަކާ މަގުމަތިން ވާހަކަ ދައްކައިފަ އެވެ. އެ މީހުން 'ދައުރު'އަށް ބުނީ އެއިން އެއްވެސް ފަހަރަކު މީހަކު ވެއްޓިގެން އުޅޭ ކަމަށް އޭނާ ނުބުނާ ކަމަށެވެ.
"އެހެންވެ، އަހަރެމެން ހީކުރީ ފެމިލީ މައްސަލަ ހުންނަނީއޭ. އޭނާ ހުންނަނީ ޓެންޝަންގައި. އެއް ފަހަރު އައިސް ސިނގިރޭޓެއް ދޭން ވެސް ބުނި،" އެތަނުން މުވައްޒަފަކު ބުންޏެވެ.
"އަހަރެމެން ކައިރީ ރާއްޖެ މީހާ [ރައުދު] ނުބުނަނީ މީހާ ވެއްޓެނީ. ބުނަނީމާ ހެލްޕް ވަނީނު،"
އެ މީހުން ބުނި ގޮތުގައި ރައުދު މީގެ ކުރިން ފެންޓެނޯއީގެ ކައިރިން ވެސް އަދި އެ ގެއަށް ވަތްތަނެއް ވެސް އެ މީހުންނަށް ފެނިފައެއް ނުވެ އެވެ.
"އަލަށް އެ ރޭ ފެންނަނީ. ކުރިން ދުވަހަކު ނުފެންނަނީ،" ކުރިން ވާހަކަ ދެއްކި އެމްޑީ ހޮސެއިން ބުންޏެވެ.
ކަވަރޭޖް ބޮޑު ދެ ރިޕޯޓެއް:
މިހާރު ހުރި ހުރިހާ ކަމަކަށް ބަލާއިރު ޔުމްނު ވެއްޓުނު އިރު ރައުދު ފިޔަވާ އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަކަށް ނުބެލެވެ އެވެ. އެއީ އެ ގޭގެ ތެރެއަށް އެ ވަގުުތަކުގެ ތެރޭ އިތުރު ބަޔަކު ވަތް ކަމަށް ސީސީޓީވީ ފްޓޭޖްތަކުން ނުފެންނާތީ އެވެ. އަދި އެގެއިން ނިކުންނަނީ ހާދިސާ ހިނގި ފަހުން އެ ގޭގައި ދިރިއުޅޭ މީހަކު ނަމާދަށް ދިޔުމަށް އެކަންޏެވެ.
ރައުދުގެ ހަރަކާތްތައް ހުރި ގޮތުން ޔުމްނު ވެއްޓުނުކަން އިނގޭކަން ހަރަކާތްތަކުން އެނގެ އެވެ. އެހެންވެ، ޔުމްނު ވެއްޓުނުއިރު ވީ ގޮތާއި އެކަން ހިނގި ގޮތް ރައުދުއަށް އެނގޭނެ އެވެ. ތަހުގީގަށް އޭނާ ދޭ މައުލޫމާތަކުން މިކަމުގެ ހަގީގަތް ސާފުވާނެ އެވެ. އަދި ޔުމްނު ވެއްޓުނުއިރު، ރައުދު އޭނާއާ އެކު ނެތް ކަމަށް ފުލުހުން ބުނީ ރަނގަޅަށް އެނަލިސިސް ނަހަދާ ކަމަށް ބެލެވެ އެވެ.
-
އިތުރަށް ކިޔާލަން: ޔުމްނު ވެއްޓުނު ހާދިސާގެ ދައުގެ ކަވަރޭޖް
ކޮމެންޓް (9)
ޙަނާ
ހަސަނު
ފިޒިކްސް ސަރ
ހރހދދގ
ގޮއްޔެ
އަލީ
ހާޖީ
ބަލަމާ
އަލީ