އައްޑޫ ސިޓީގެ ހިތަދޫ މަތިން (ފޮޓޯ/ އަލީ އިބްރާހިމް)

އައްޑޫ

އައްޑޫ ކަރަންޓު މައްސަލަ ހައްލުނުވެ ރޯދަމަސް ނިމެނީ

ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ރޯދަމަސް ފެށެންވާއިރަށް ކަރަންޓު މައްސަލަ ދިމާވެފައިވާ ހުރިހާ ރަށަކަށް ބޭނުންވާ ޖަނަރޭޓަރުތައް ގެނެސް އިންސްޓޯލްކޮށް، ކަރަންޓު މައްސަލަ ހައްލުކުރުން. އައްޑޫ ކަރަންޓު މައްސަލަ އަދިވެސް އޮތީ ހައްލު ނުވެ

މިދިޔަ ޖެނުއަރީގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އެވެ: "އިރާދަކުރެއްވިއްޔާ މި ދެ މަސް ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި، ރޯދަ މަހު ތިބޭފުޅުން ކަންބޮޑުވެ ވަޑައިގަންނަވަން ޖެހިވަޑައި ނުގަންނަވާ މިންވަރަށް މި ކަރަންޓުގެ މައްސަލަ ހައްލު ކުރުމަކީ އަޅުގަނޑުމެން އަމާޒު ހިފި ކަންތައް."

ރައީސް މިހެން ވިދާޅުވީ ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ގދ. ފިޔޯރީއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުހާތަބުކުރައްވަމުންނެވެ.

ދެން މިއޮތީ ރާއްޖޭގެ ދެ ވަނައަށް އެންމެ އާބާދީ ބޮޑު އައްޑު އަތޮޅުގެ ކަރަންޓާ ގުޅޭ ގޮތުން، އެ ހިދުމަތް ދޭ ފެނަކައިން ރޭ ދަންވަރު ދަންވަރު 2 ޖަހާ ބޮޑުވި ފަހުން ކަސްޓަމަރުންނަށް އެންގި އެންގުމެކެވެ:

"24 މާޗު 2025 ވަނަ ދުވަހު މެންދުރު 12އިން، އިރުއޮއްސި 7އާ ދެމެދު ހިތަދޫ އާއި ގުޅިފައިވާ ރަށްތަކުގެ ބައެއް ސަރަހައްދުތަކުން 1 ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ޖެހިދާނެ ކަމުގައި ދަންނަވަމެވެ."

މި ރޯދަމަހުގެ ފަހު ހަފްތާ ގުނަމުންދާއިރު އައްޑޫ ކަރަންޓު މައްސަލަ އަދި ހައްލެއް ނުވެ އެވެ. އެ ހިދުމަތް ދޭ ފެނަކައިން އަހަރު ފެށީއްސުރެ މިއަދާ ހަމައަށް ވެސް ކަސްޓަމަރުން ތިބޭ ގްރޫޕަށް ފުލުފުލުގައި ފޮނުވަނީ ހިދުމަތް މެދުކެނޑޭނެ ވަގުތާއި ސަރަހައްދު ބުނެދޭ މެސެޖުތަކެވެ. މުޅި ރޯދަމަސް މި ހުސްވަނީ އައްޑޫގެ ކަރަންޓު މައްސަލަ ހައްލުނުވެ އެވެ. މިދިޔަ އަހަރުގެ ރޯދަމަސް ވެސް ދިޔައީ ހަމަ މިގޮތަށެވެ.

'ބޭނުންވާ ވަރަށް ވުރެ 1،000 ކިލޯވޮޓު އެބަ މަދުވޭ'

ފެނަކައިގެ އެންގުމުގައި މިއަދު ކަރަންޓު ކަނޑަން ޖެހޭ ސަބަބު ސާފުކޮށްދެމުން ބުނީ އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ބޭނުންކުރާ 1،600 ކިލޯވޮޓުގެ ދެ އިންޖީނަކަށް މައްސަލަ ދިމާވެ، މަރާމާތުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފެނަކައިން ބުނީ އެ ސަބަބާ ހުރެ ގުޅިފައިވާ ރަށްތަކަށް އެންމެ މަތީ ލޯޑު ނަގާ ވަގުތުތަކުގައި ބޭނުންވާ ވަރަށްވުރެ ކަރަންޓު އުފައްދާ މިންވަރު 1،000 ކިލޯވޮޓު މަދުވާ ކަމަށެވެ.

އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން ކުރާ މަސައްކަތްތަކުގެ ތެރޭގައި އިތުރު ޖެންސެޓުތައް ގެނައުން ވެސް ހިމެނެ އެވެ. ފެނަކައިިން ލިބެން ހުރި މައުލޫމާތަށް ބަލާއިރު ރޯދަމަސް ފެށުމުގެ ކުރިން ގެނެސް، ބޭނުންކުރަން ފެށިފައިވަނީ 1.8 މެގަވޮޓުގެ ޖެންސެޓެކެވެ.

އޭގެ ފަހުން ވެސް މައްސަލަ ހައްލުނުވުމުން މި މަހުގެ ތެރޭގައި 1،000 ކިލޯވޮޓުގެ ޖެންސެޓަކާއި 1،600 ކިލޯވޮޓުގެ ޖެންސެޓެއް ފޮނުވުމުގެ ކަންކަމައިގެން އެ ކުންފުނިން އުޅުނެވެ.

ފެނަކައިން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަސްޓަމަރުންނާ ހިއްސާކުރި ލިޔުން.

ނަމަވެސް ރައީސްގެ ފިޔޯރީ ދަތުރުފުޅުގައި ވިދާޅުވި ގޮތުގައި އަމާޒަކީ ރޯދަމަސް ފެށެންވާއިރަށް ގެންނަންޖެހޭ ޖަނަރޭޓަރުތަކެއް ގެނެސް، އިންސްޓޯލްކޮށް ނިންމުމަށެވެ. މިފަހަރު އުންމީދެއް، ޔަގީންކަމެއް ވެސް ނޫނެވެ. އަމާޒެކެވެ. ދެން އެއަށް ވާސިލުވުމާއި ނުވުމަކީ އަދި އެހެން ކަމެއް ނޫން ހެއްޔެވެ.

"މިހާރު އަޅުގަނޑުމެން ހާއްސަ މަސައްކަތްތަކެއް ފަށައިފިން ފިނޭންސް މިނިސްޓްރީ އާއި ފެނަކަ އާއި އެސްޓީއޯ، އެމްޓީސީސީ ފަދަ ކުންފުނިތައް ގުޅި، ކުރިއަށް އޮތް ރޯދަމަސް އަންނަންވާއިރަށް އަޅުގަނޑުމެން މި އަމާޒު ކުރަނީ މުޅި ރާއްޖޭގައި [ކަރަންޓު މައްސަލަ] މި މައްސަލަ އޮތް ރަށެއްވިއްޔާ ހިމެނޭ ގޮތަށް، އެންމެ ރަށެއް ވެސް ދޫކޮށް ނުލާ ހުރިހާ ރަށެއްގައި ޖަނަރޭޓަރުތަކުގެ މައްސަލަ ހައްލު ކުރުމަށް ގެންނަން ޖެހޭ ޖެނެރޭޓަރުތައް ގެނެސްދީ، އިންސްޓޯލުކޮށް ނިންމަން،" ރައީސް ވިދާޅުވި އެވެ.

ދޭން ޖެހޭ ހިދުމަތްތައް ނުދީ އެހެން ހުރިހާ ކަމަކާ ހަވާލުވޭ

ފެނަކަ އުފެއްދި މޭންޑޭޓުގައި އޮންނަނީ، އެ ކުންފުނީގެ ނަމުން ވެސް ބުނެދޭ ފަދައިން ރަށްރަށަށް ބޭނުންވާ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމެވެ.

ނަމަވެސް އެ ތިން ހިދުމަތް މެނޭޖު ނުކުރެވިގެން ކަންކަން ބޮއްސުންލައިގެން ގޮސްފައިވާއިރު ވެސް އެހެން ހުރިހާ ކަންކަމުގައި ވެސް ފެނަކައިން ބައިވެރިވެ އެވެ.

ނިމިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް ފެނަކަ ހިމެނޭ ގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސީއެސްއާރުގެ ދަށުން އެކިއެކި މަޝްރޫއުތައް ހިންގި އެވެ. އަދި އެކަމާ މި ސަރުކާރަށް ނިސްބަތްވާ މީހުން އޭރު އިދިކޮޅުގައި ތިބެ ފާޑުވެސް ކިޔެ އެވެ. ނަމަވެސް އެއީ އިދިކޮޅުގައި ތިބޭއިރު ގޯސްވާ ކަންކަމެވެ.

ފެނަކައިގެ މިހާރު އޮތް މެނޭޖްމަންޓުން ވެސް ކުރަމުންދަނީ ހަމަ އެއް ކަމެކެވެ. ކުންފުނީގެ މާލީ ހާލަތު އެހާ ގޯސްކޮށް އޮތްއިރު، އަދި މޭންޑޭޓުގައި ހިމެނޭ ކަންކަން ވެސް ނުކޮށް މިހާރު ވެސް ކުރާ މަސައްކަތަކީ އިމާރާތްކުރުމެވެ.

ފެނަކަ އޮފީސް ހުންނަ އިމާރާތް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މި މަހުގެ ތެރޭގައި އެކަނި ވެސް 40 ރަށެއްގައި ޕޮލިސް ސްޓޭޝަން އިމާރާތް އަޅަން ހަވާލުވެއްޖެ އެެވެ. ގުރުއާން މަރުކަޒާއި މިސްކިތްތަކާއި ކުނި މަރުކަޒު ވެސް އަޅަނީ އެވެ.

ރަށެއްގައި ބޯޅަދަނޑެއް އެޅިޔަސް ފެނަކަ އެވެ. ދަނޑެއްގައި ޓާފު އެޅިޔަސް، އެ ޓާފު އެއްވަރުކުރާ މެޝިނެއް ގަންނަން ވިޔަސް ފެނަކަ އެވެ. މިނިސްޓްރީތަކުގެ މަސައްކަތް ކުރަން ވެސް ފެނަކަ އެވެ. ނުކުރެވޭ ހަމައެކަނި ކަމަކީ އަމިއްލަ މޭންޑޭޓުގައި ހިމެނޭ ހިދުމަތްތައް ބަރާބަރަށް ދިނުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް