އައްޑޫއަށް ފެނަކައިން ފޮނުވި އާ ޖެންސެޓް ބޭނުންކުރަން ފަށާފައި (ފޮޓޯ/ފެނަކަ)

އައްޑޫ

އައްޑޫއަށް ފޮނުވި އާ ޖެންސެޓް ބޭނުންކުރަން ފަށައިފި؛ އަދި ކަރަންޓު މައްސަލަ އެއްކޮށް ހައްލެއް ނުވޭ

އާ ޖެންސެޓް ބޭނުންކުރަން ފަށާފައިވާ ކަމަށް ފެނަކައިން ބުނިއިރު މާދަމާ ވެސް ސަބް ސްޓޭޝަނަކުން އެއް ގަޑިއިރަށް ކަރަންޓު ކަނޑާލަން ޖެހޭނެކަން ވަނީ އަންގާފައި
21 ފެބްރުއަރީ 2025

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެނަކައިން ފޮނުވި 1.8 މެގަވޮޓުގެ އާ ޖެންސެޓް ބޭނުންކުރަން ފަށާފައިވާ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.

ވީކިހިނެއް؟ - އައްޑޫގައި ކަރަންޓު ދޭ ޖެންސެޓުތަކެއް ހަލާކުވެ، މަރާމާތުކުރަން ބޭނުންވާ ސްޕެއާ ނުފޮނުވި ލަސްވާތީ މައި އިންޖީނުގޭގައި ކަރަންޓު ލޯޑު ނުހިފެހެއްޓިގެން އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އާ ޖެންސެޓެއް މިދިޔަ ހޯމަ ދަވަހު އައްޑޫއަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔަ އެވެ.

ތަފްސީލް - ފެނަކައިން މިރޭ ބުނީ އައްޑޫގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓް ޔަގީން ކުރުމަށްޓަކައި މައި އިންޖީނުގެއަށް ހޯދި 1.8 މެގަވޮޓުގެ ޖެންސެޓް އިންސްޓޯލްކޮށް، މިހާރު ވަނީ ހިދުމަތަށް ބޭނުން ކުރަން ފަށާފައި ކަމަށެވެ.

ފެނަކައިން އެގޮތަށް ބުނިއިރު، މާދަމާ ވެސް ސަބް ސްޓޭޝަނަކުން އެއް ގަޑިއިރަށް ކަރަންޓު ކަނޑާލަން ޖެހޭ ކަމަށް މަރަދޫފޭދޫގެ ބްރާންޗްގެ ވައިބާ ގްރޫޕަށް ފޮނުވާފައިވާ މެސެޖެއްގައިވެ އެވެ.

އާ ޖެންސެޓެއް ގެންގޮސްފައިވަނީ އެއް ޖެންސެޓް ބޭނުންނުކުރެވޭ ވަރަށް ހަލާކުވީމަ އެވެ. އިތުރަށް ތިން ޖެންސެޓަކަށް މައްސަލަ ދިމާވިއިރު އެއިން އަދި މާރާމާތުކޮށް ނިމުނީ އެންމެ ޖެނެރޭޓަރެކެވެ. އެހެންކަމުން ދެ ޖެންސެޓެއް އަދި މަދުވެ އެވެ.

ފެނަކައިން ބުނިގޮތުގައި:

  • ދެވަނަ ޖެނެރޭޓަރު މަރާމާތުކޮށް މި ހަފުތާގެ ނިޔަލަށް ހިންގޭނެ

  • ބޭރުން ސްޕެއާ ގެނެސްގެން ތިންވަނަ ޖެނެރޭޓަރު މަރާމާތުކޮށް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހިންގަން ފެށޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް