އައްޑޫއަށް ގެންދާ އާ އިންޖީނު މާލޭ ބަނދަރުން ރޭ އުޅަނދަކަށް ލޯޑުކުރަނީ(ފޮޓޯ/ފެނަކަ)

އައްޑޫ

އައްޑުއަށް ފޮނުވާ އާ އިންޖީނު ބުރާސްފަތި ދުވަހު ލިބޭނެ: ފެނަކަ

ފެނަކައިން ބުނީ އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް ބުރާސްފަތި ދުވަހު ލިބޭ 1000 ކިލޯވޮޓުގެ އިންޖީނުގެ އިތުރުން 1800 ކިލޯވޮޓުގެ އިންޖީނެއް ވެސް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފޮނުވާ 1000 ކިލޯވޮޓުގެ އާ އިންޖީނު ބުރާސްފަތި ދުވަހު ލިބޭނެ ކަމަށް ފެނަކައިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭ ޖެންސެޓުތަކެއް ހަލާކުވެ، މައި އިންޖީނުގޭގައި ކަރަންޓު ލޯޑު ނުހިފެހެއްޓިގެން އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އާ ޖެންސެޓެއް މިދިޔަ މަސްތެރޭ ގެންގޮސް ކަރަންޓު ފޯރުކޮށްދެމުން ދިޔަ ނަމަވެސް އަދި ވެސް ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެ އެވެ.

ބުނީ ކީކޭ؟ - ފެނަކައިން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައިވާ ގޮތުން 1000 ކިލޯވޮޓުގެ އާ އިންޖީނެއް ރޭގެ ވަގުތެއްގައި ވަނީ އައްޑުއަށް ފޮނުވުމަށް މާލެއިން އުޅަނދަކަށް ލޯޑުކޮށް ފުރުވާލާފަ އެވެ.

ފެނަކައިން ބުނީ:

  • އެ އުޅަނދު ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އައްޑޫގައި ބަނދަރުކުރަން ވަނީ ތާވަލުކޮށްފައި

  • އިންޑިއާއިން ގެންނަ 1800 ކިލޯވޮޓުގެ އިންޖީނާ އެކު ފުރި އުޅަނދު ވެސް ތާވަލާ އެއްގޮތަށް ދަތުރުކުރަމުން އެބަދޭ

ފާހަގަކޮށްލެވޭ ކަމެއް - އާ އިންޖީނެއް އައްޑުއަށް ފޮނުވުމަށް ރޭ ފުރުވާލާފައި މިވަނީ ކަރަންޓު މައްސަލަ ހައްލުނުވާތީ މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ. އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލު ހުށަހެޅުއްވި އެ މައްސަލަ މަޖިލީހަށް ބަލައިގެންފައެއް ނުވެ އެވެ.

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން 1.8 މެގަވޮޓުގެ އާ ޖެންސެޓެއް މިދިޔަ މަސް ތެރޭ ވެސް އައްޑުއަށް ގެންގޮސް ހިދުމަތް ދޭން ފެށި އެވެ. ނާޒިލް އިއްޔެ ހުށަހެޅި ކުއްލި މައްސަލާގައި ބުނެފައިވާ ގޮތުން އެއީ ބޭނުންވާ ކެޕޭސިޓީއެއް ނޫން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް