ކުއްލި މައްސަލަ މިއަދުގެ މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ނާޒިލް (ފައިލް ފޮޓޯ / މަޖިލިސް)

އައްޑޫ ކަރަންޓު މައްސަލަ ހައްލުނުވާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ކުއްލި މައްސަލަ ބޭރުކޮށްލީ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރަޓީ އޮންނަ މަޖިލީހުގެ 47 މެމްބަރުންގެ ވޯޓާއެކު؛ އެ މައްސަލަ ބަލައިގަންނަން ވޯޓުދެއްވީ 13 މެމްބަރުން

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއްވެ، އާންމުންނަށް ބޮޑެތި އުނދަގޫތަކެއް ވަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭ ޖެންސެޓުތަކެއް ހަލާކުވެ، މައި އިންޖީނުގޭގައި ކަރަންޓު ލޯޑު ނުހިފެހެއްޓިގެން އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އާ ޖެންސެޓެއް މިދިޔަ މަސްތެރޭ ގެންގޮސް ކަރަންޓު ފޯރުކޮށްދެމުން ދިޔަ ނަމަވެސް އަދި ވެސް ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑެމުންދާތީ މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލީ، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރަޓީ އޮންނަ މަޖިލީހުގެ 47 މެމްބަރުންގެ ވޯޓާއެކު އެވެ. އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 13 މެމްބަރެކެވެ. 

ތަފްސީލް - މި ކުއްލި މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލު ހުށަހެޅުއްވި މައްސަލާގައި އޮތީ އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަކީ ސަރުކާރުގެ ގާނޫނީ ޒިންމާއެއް ކަމަށާއި އެ ޒިންމާ ވަގުތުން ވަގުތަށް އަދާކުރުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.

އެ މައްސަލާގައި ބުނީ:

  • އައްޑުއަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ސަރުކާރުން ތަކުރާރުކޮށް އިހުމާލުވަމުންދާ ކަމަށް

  • ރޯދަމަސް ފެށެންވާއިރަށް ކަރަންޓު މައްސަލަ ހައްލުކޮށްދޭން ރައީސް މުހަައްމަދު މުއިއްޒު ވައުދުވެފައިވިޔަސް މިހާތަނަށް ވެސް އެކަމަށް ހައްލެއް ލިބިފައިނުވާ ކަމަށް

  • ކަރަންޓު ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވާތީ އައްޑޫގެ ރައްޔިތުންގެ އަސާސީ ދިރިއުޅުމުގެ ހާލަތަށް މި ރޯދަމަހު ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް

  • ކަރަންޓުގެ ހިދުމަތް އެންމެ އަސާސީ ފެންވަރަށް ފޯރުކޮށްދިނުމަށް ވެސް ސަރުކާރުން ނުކުޅެދިފައިވާ ކަމަށް

  • ކަރަންޓު ކެނޑޭތީ ރަށުގެ އޮފީސްތަކުންނާއި ފިހާރަތަކުން ވެސް ދޭންޖެހޭ ހިދުމަތްތައް ރަނގަޅަށް ނުދެވޭ ކަމަށް

  • ނޯޓިސް ދިނުމެއް ވެސް ނެތި އިރުއިރުކޮޅާ ކަރަންޓު ކެނޑޭތީ ހިފާ ގެންގުޅޭ ސާމާނުތައް ވެސް ހަލާކުވާތީ އާންމުންގެ ކަންބޮޑުވުން  އިންތިހާ އެބައޮތް ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް