ފިޔޯރީގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ރޭ ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އަމާޒަކީ ރޯދައިގެ ކުރިން ރަށްރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުން: ރައީސް

މި އަހަރު ތެރޭގައި ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ނިސްބަތުން ކުނި މެނޭޖު ކުރާ ނިޒާމު ގާއިމްކޮށް ނިންމާނެމަށް ވެސް ރައީސް ރޭ ވިދާޅުވި

އަމާޒަކީ އަންނަ ރޯދަ މަސް ފެށެންވާރިއަށް ރަށްރަށުގެ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލު ގެނައުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގއ. އަދި ގދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ގދ. ފިޔޯރީ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ރަށްރަށުގެ އިންޖީނުގެތައް ހުރީ ރަނގަޅަށް ނުބަލަހައްޓާ ކަމަށެވެ.

ބުނީ ކީކޭ؟ - "މިހާރު އަޅުގަނޑުމެން ހާއްސަ މަސައްކަތްތަކެއް ފަށައިފިން ފިނޭންސް މިނިސްޓްރީ އާއި ފެނަކަ އާއި އެސްޓީއޯ، އެމްޓީސީސީ ފަދަ ކުންފުނިތައް ގުޅި، ކުރިއަށް އޮތް ރޯދަ މަސް އަންނަންވާއިރަށް އަޅުގަނޑުމެން މި އަމާޒު ކުރަނީ މުޅި ރާއްޖޭގައި މި މައްސަލަ އޮތް ރަށެއްވިއްޔާ ހިމެނޭ ގޮތަށް އެންމެ ރަށެއް ވެސް ދޫކޮށް ނުލާ ހުރިހާ ރަށެއްގައި ޖަނަރޭޓަރުތަކުގެ މައްސަލަ ހައްލު ކުރުމަށް ގެންނަން ޖެހޭ ޖެނެރޭޓަރުތައް ގެނެސްދީ، އިސްޓޯލުކޮށް ނިންމަން،" ރައީސް ވިދާޅުވި އެވެ.

މިއީ ބޮޑު ޗެލެންޖަކަށް ވާނެ ކަމަށާއި ނަމަވެސް އެ މަސައްކަތް ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި ދެ މަސް ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި، ރޯދަ މަހު ތިބޭފުޅުން ކަންބޮޑުވެ ވަޑައިގަންނަވަން ޖެހިވަޑައި ނުގަންނަވާ މިންވަރަށް މި ކަރަންޓުގެ މައްސަލަ ހައްލު ކުރުމަކީ އަޅުގަނޑުމެން އަމާޒު ހިފި ކަންތައް،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުން ހިތްހަމަ ޖެހޭގޮތަށް ކަރަންޓުގެ މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

'މިއަހަރު ތެރޭ ހުރިހާ ރަށެއްގައި ކުނި މެނޭޖުކުރާ ނިޒާމު ގާއިމް ކުރާނަން'

ރޭގެ ޖަލްސާގައި ރައީސް ވަނީ، މި އަހަރު ތެރޭގައި ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ނިސްބަތުން ކުނި މެނޭޖު ކުރާ ނިޒާމު ގާއިމްކޮށް ނިންމާނެކަން ވެސް އިއުލާނު ކުރައްވައިފަ އެވެ.

"މިއީ ވަރަށް ބޮޑު މަސައްކަތެއް. ވަރަށް ގިނަ ޒަމާންވީ މައްސަލަ އެއް. އެކަމަކު އެ މައްސަލަ ހައްލު ކުރުުމަށް އަޅުގަނޑުމެން މި ކަނޑައެޅި ޓާގެޓަކީ ވަރަށް އެމްބިޝަސް ޓާގެޓެއް. އެހެން ނަމަވެސް އެޗީވަބަލް ޓާގެޓެއް. އިރާދަކުރެއްވިއްޔާ އެ ޓާގެޓު އަޅުގަނޑުމެން ހާސިލު ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ކުނި މެނޭޖުކުރާ ނިޒާމު ގާއިމް ކުރާނީ ރައީސް ވިދާޅުވި ގޮތުގައި އެރަށެއްގެ އާބާދީގެ ނިސްބަތުން އެކަށީގެންވާ ވަރަށެވެ. އަދި އެ ރަށެއްގެ ދެން ހުރި މަސައްކަތްތަކާ ހިނގާ ސިނާއަތްތަކާ އެރަށަކަށް މީހުން އަރާ ފައިބާ ނިސްބަތަށް ވެސް އެކަމުގައި ބަލާނެ ކަމަށް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް