ފެނަކަ އިން އައްޑުއަށް ގެންދިޔަ އާ އިންޖީނު (ފޮޓޯ/ފެނަކަ)

އައްޑޫ

އައްޑުއަށް 1،000 ކިލޯވޮޓުގެ އިންޖީނެއް ގެންގޮސް ބަހައްޓަން ފަށައިފި

އިންޑިއާ އިން ގެނައި 1،800 ކިލޯވޮޓުގެ އިންޖީނެއް ވެސް މިހާރު ހުރީ މާލޭގައި؛ އެ އިންޖީނު އައްޑުއަށް ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުން

އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް 1،000 ކިލޯވޮޓުގެ އާ އިންޖީނެއް ގެންގޮސް އެ އިންޖީނު ބެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.

ވީ ކިހިނެއް؟ - އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭ ޖެންސެޓުތަކެއް ހަލާކުވެ، މައި އިންޖީނުގޭގައި ކަރަންޓު ލޯޑު ނުހިފެހެއްޓިގެން އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ތަފްސީލް - އެ އިންޖީނު އައްޑުއަށް ގެންދިޔައީ ރެ އެވެ.

މީގެ އިތުރުން، އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އިންޑިއާ އިން ގެންނަ 1،800 ކިލޯވޮޓުގެ އާ އިންޖީނު މިހާރު މާލޭ ބަނދަރަށް އައިސްފައިވާ ކަމަށް ވެސް ފެނަކަ އިން ބުންޏެވެ. އެ އިންޖީނު ބާލައި އައްޑުއަށް ފުރުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެނގުން މުހިންމު - އައްޑުއަށް ކަރަންޓު ފޯރުކޮށްދޭ ފެނަކަ އިން މިއަދު ބުނީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް އެ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ރޯދަ މަސް ފެށުމުގެ ކުރިން ވެސް އަދި ރޯދަ މަސް ފެށުނު ފަހުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން، މި މަހުގެ 1 އިން ފެށިގެން މިއަދާ ހަމައަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި:

  • 5 އިންޖީނެއްގެ މޭޖާ ސާވިސް ކޮށްފައިވޭ

  • 3 އިންޖީނެއްގެ އޯވާހޯލް މަސައްކަތް

  • 18 އިންޖީނެއްގެ ޕްރިވެންޓިވް މެއިންޓެނެންސް މަސައްކަތް

  • 8 އިންޖީނަކަށް ސްޕެއާ ހޯދާފައިވޭ

އެ ކުންފުނިން ބުނީ މި މަސައްކަތްތަކަށް ސެންޓްރަލް ޕަވަ ސްޓޭޝަންގެ ޓެކްނިކަލް ޓީމުން އެވްރެެޖުކޮށް ދުވާލަކު 18 ގަޑިއިރު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން:

  • މިހާރު ވެސް ދެ އިންޖީނެއްގެ މަރާމާތުގެ މަސައްކަތް އަންނަނީ ކުރަމުން

  • އެއީ 1،800 ކިލޯވޮޓުގެ 3 ނަންބަރު އިންޖީނު އަދި 1،600 ކިލޯވޮޓުގެ 18 ނަންބަރު އިންޖީނު

އިތުރު އާޓިކަލް

އިތުރު އާޓިކަލް