ކަޅު ބާޒާރުގައި ވަގު ސިނގިރޭޓު: ކިހާ ނުރައްކާތެރި އެއްޗެއް؟
މުހިންމު ނުކުތާތައް
ކެމިކަލް ހުންނަ މިންވަރު ނޭނގޭ ގޮތަށް ސިނގިރޭޓް އުފެއްދުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ހިލާފު ކަމެއް
މާލޭގައި ތައްޔާރުކުރި ވަގު ސިނގިރޭޓްތަކުގެ ނުރައްކާ ކިހާ ބޮޑުކަން އެނގޭނެ ގޮތެއް ނެތް
އެ ވަގު ކާރުހާނާގެ ވާހަކަ ސޯޝަލް މީޑިއާގައި އާންމުވިޔަސް ފުލުހުންނަށް ފިޔަވަޅު އެޅުނީ މާ ފަހުން
ހ. ހުޅުގަލިން ނެރެގެން ގެނެސް ފުލުހުންގެ ޕިކަޕަށް ކާޑުބޯޑު ފޮށިގަނޑުތަކެއް ބަރުކުރަމުން ދިޔަ އެވެ. ޕިކަޕުގެ ފަހަތު ބަޔަށް އަރައި ހުރި ފުލުސް އޮފިސަރު އަތަށް އަންގި ހެޔޮވަރު ކުރަމުން އެ ފޮށިގަނޑުތައް އަތުރަމުން ދިޔަ އެވެ.
މިދިޔަ ހަފުތާގައި ހިންގި އެ އޮޕަރޭޝަންގައި ފުލުހުން ޖުމްލަ 103 ފޮށިގަނޑު ގެންދިޔަ އެވެ. އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުރި ކުޑަ އެޕާޓްމަންޓެއްގައި ހިންގި ވަގަށް ސިނގިރޭޓު އުފައްދާ 'ކާރުހާނާއެއް ރޫޅާލުމަށް ފަހު' އެވެ.
އެ އޮޕަރޭޝަނާ ގުޅޭގޮތުން 'ދައުރު'އިން ކުރި ސުވާލުތަކަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ކޮންމެވެސް ވަރެއްގެ ޖަވާބުތަކެއް ދެއްވި އެވެ.
"އެ އެޕާޓްމަންޓަށް ބަލައިލުމުން އެއީ ފެކްޓްރީ އުސޫލުން ހިންގާ ބޮޑު ވިޔަފާރިއެއް ކަމަށް ބެލެވޭ،" ފުލުހުންގެ މީޑިއާއަށް 'ދައުރު'ން ފޮނުވި ސުވާލުތަކަށް ޖަވާބުދެމުން އޮފިޝަލަކު ވިދާޅުވި އެވެ.
އެ ތަނުން ފުލުހުން ގެންދިޔަ 103 ކަޅު ފޮށިގަނޑުގެ ތެރެއިން ފަސް ފޮށިގަނޑުގައި ހުރީ ސިނގިރޭޓު އުފައްދަން ބޭނުންކުރާ ދުންފަތެވެ. ބާކީ ހުރި ފޮށިތަކުގައި ހުރީ މާކެޓަށް ނެރެން ބަންދުކޮށް، ތައްޔާރުކޮށްފައި ހުރި ސިނގިރޭޓު ފޮށިތަކެވެ. ހަލާކުވެގެން އުކާލާ ސިނގިރޭޓުތަކެއް ވެސް ހުއްޓެވެ. އިތުރަށް ގެންދިޔައީ ސިނގިރޭޓު ބަންދުކުރާ މެޝިންތަކަކާއި އެހެނިހެން ތަކެތި ބަންދުކުރާ ބޮޑު މެޝިނެކެވެ.
"ސިނގިރޭޓު ފޮށި ބަންދުކުރާ ދެ މެޝިން ފެނިފައިވޭ. މީގެ އިތުރުން އިތުރު މެޝިންތަކެއް ފެނިފައެއްނުވޭ. އެތަކެތި [އެފަދަ އިތުރު މެޝިންތައް] ވިއްކާލާފައިވާ ކަމަށް ވެރިފަރާތުން މައުލޫމާތު ދޭ،" ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ކީކޭ؟ ވިއްކާލީއޭ؟ ކާކަށް؟
ވެރިފަރާތުގެ ޖަވާބުން އުފެދެނީ އިތުރު ސުވާލުތަކެކެވެ: ހަމަ ހަގީގަތުގައި ވެސް އިތުރު މެޝިންތައް ވިއްކާލީ ހެއްޔެވެ؟ ނުވަތަ މީގެ ތިން ހަފްތާ ކުރިން އެ ކާރުހާނާގެ ވާހަކަ ސޯޝަލް މީޑިއާގައި އާންމުވުމުން އެހެން ތަނަކަށް ބަދަލުކުރީ ހެއްޔެވެ؟ ވިއްކާލިކަން ފުލުހުންގެ ތަހުގީގުން ކަށަވަރުވާން ވާނެ އެވެ.
އެހެން ބަޔަކަށް މެޝިންތައް ވިއްކާލި ނަމަ އެއީ ކޮން ބައެއް ހެއްޔެވެ؟ މިއީ މި ވަގު ވިޔަފާރިން ފަޅާ އިތުރު ކުރިތަކަކަށް ނުވޭ ހެއްޔެވެ؟
ކާރުހާނާގެ އެޑްރެހާ އެކުގައި މައުލޫމާތު އާންމުވުމުން ވެސް ފުލުހުންގެ އޮޕަރޭޝަނާ ދެމެދު އެހާ ދިގު މުއްދަތެއް ހޭދަވީ ކީއްވެގެން ހެއްޔެވެ؟ އިންޓެލިޖެންސަށް ކަށަވަރު މައުލޫމާތު ނުލިބިގެން ނުވަތަ ކޯޓު އަމުރެއް ހޯދަން ލަސްވެގެން ހެއްޔެވެ؟ ޔަގީނުން ވެސް އެ ތަނުގައި ހުރި ތަކެތި ބޭރު ކުރަން އެކަށީގެންވާ ވަގުތު ލިބިއްޖެ އެވެ. އެ ތަނުން ނެރުނު 103 ފޮށިގަނޑުގެ ތެރެއިން ވިއްކަން ތައްޔާރަށް ހުރި ސިނގިރޭޓު ފޮށިތަކުގެ އަދަދެއް ނޭނގެ އެވެ.
ބޮޑު ސުވާލަކީ މި އެވެ:
އެ ވެރިފަރާތަކީ ކާކު ހެއްޔެވެ؟ ގާނޫނުތަކާއި ގަވާއިދުތަކާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފު، ގޮތް ނޭނގޭ ސިއްހީ ބޮޑު ނުރައްކަލަކަށް އާންމުން ވައްޓާލީ ކޮން ތަނަކުން، ކިހިނެއް ބާރު ލިބިގެން ހެއްޔެވެ؟ އެއީ ކާކު ކަމެއް ފުލުހުން އަދިވެސް ނުބުނެ އެވެ. އެ މީހަކު ނުވަތަ އެ ބަޔަކު އެ ކުރީ އާދައިގެ ކުށަކަށް ނުވާތީ ކަމަށް ވެސް ވެދާނެ އެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި ގިނަ މީހުން ތުހުމަތުގެ އިނގިލި ދިއްކުރަނީ މި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރަކަށެވެ. އެކަން ކަށަވަރު ކޮށްދީ، މިނިވަން ތަހުގީގަކަށް ފަހު ކުދި ކުށްތަކަށް އަރައިގަންނަ މީހުން ގޮތަށް މި ވަގު ކާރުހާނާގެ ފަހަތުގައި ހުރި މީހެއް ނުވަތަ ބައެއްގެ ނަމާއި ވަނަވަރު ފުލުހުންނަށް ހާމަކުރެވޭނެ ހެއްޔެވެ؟ ވާޖިބު އަދާކުރެވޭނެ ހެއްޔެވެ؟
މައިތިރީގެ ފިޔަވަޅުން އުފަންވީ ކަޅު ބާޒާރެއް
ވަގު ސިނގިރޭޓު ކާރުހާނާއާ ބެހޭ ގޮތުން ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް ހުއްޓަސް ޔަގީނާ ގާތުން ބުނެވެން އޮތީ އެކަން ކުރި ސަބަބެވެ. ވޭޕު އެތެރެކުރުން މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމެވެ. ކުރިން 100ރ.އަށް ވިއްކި ސިނގިރޭޓު ފޮއްޓެއްގެ އަގު 250ރ.އަށް އަރައިގެން ދިއުމާއި އެއީ ސިނގިރޭޓު ބޯ މީހުންނަށް ދައްކަން ކުޅަދާނަ އަގަކަށް ނުވުމެވެ. އެ މީހުންގެ ފަރާތުން ބޮޑު އާމްދަނީއެއް ލިބޭނެކަން ބަޔަކަށް ވިސްނުމެވެ. ވަށައިޖެހޭ ސިޔާސަތުތަކެއް ނެތި އެޅި ފިޔަވަޅުތަކަކުން އުފަންވީ ދުންފަތުގެ ކަޅު ބާޒާރެކެވެ.
އަގަށް އައި ބޮޑު ބަދަލާ އެކީ ރާއްޖޭގައި ސިނގިރޭޓުގެ ކަޅު ވިޔަފާރިއެއް އޮތް ކަން ބުނެދޭ އެތައް ކަމެއް މިފަހުން ވެސް ފެންމަތިވެއްޖެ އެވެ. ވަގަށް ސިނގިރޭޓު އެތެރެކުރާ އަޑު ގަދަވާން ފެށި އެވެ. ފަޅާއަރާއިރު އަރަނީ ފޮއްޓެއް، ކާޓުނެއް ނޫނެވެ. ތެޔޮ ބޯޓަކުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ 200 މާސްޓަ ކާޓޫނެވެ. އެއީ 10،000 ކާޓޫނެވެ. އެއަށްވުރެ ތިލަކުރާ ނަމަ 2 މިލިއަން ސިނގިރޭޓެވެ. އަގަށް ބަލައިފި ނަމަ 25 ވަރަކަށް މިލިއަން ރުފިޔާ އެވެ.
ބޮންޑަޑް ވެއާހައުސްއެއްގެ ތަޅު ފުނޑާލުމަށް ފަހު އެތަނުން 34،500 ސިނގިރޭޓު ކާޓޫނު ވަގަށް ނަގައިފި އެވެ. އޭގެ އަގު 7 މިލިޔަން ރުފިޔާއަށް ވުރެ ބޮޑުވާނެ އެވެ. ވަގުން ދަމުން ދިޔައީ ވެއާހައުސްގައި އާ ތަޅެއް ވެސް ހަރުކޮށްދީފަ އެވެ. ކަސްޓަމްސްގެ އަތުގައި އޮތް ބާ ތަޅުދަނޑިން ކުރާނެ ކަމެއް އެނގޭނީ ކަސްޓަމްސްއަށެވެ. މާލޭގައި ހިންގި ކާރުހާނާއެއް އެ ފަޅާއެރީ އެ ހުރިހާ ކަމެއްގެ ފަހުންނެވެ.
ނަމަވެސް ޖީބަށް ލުއިކޮށް 'ޑާކު' ފިލުވައިލަން ހަދައިގެން މުޅި ހަޔާތް ވެސް 'ޑާކު' ވެދާނެ އެވެ. ވަގު ކާރުހާނާގައި އުފައްދައިގެން ވިއްކާ ސިނގިރޭޓަށް އަޅަނީ އާދައިގެ ދުންފަތެއް ނޫނެވެ. ކާރުހާނާ ހިންގާ މީހުންނަށް ވެސް އޭގައި އެކުލެވެނީ ކޮން މާއްދާތަކެއްކަން އެނގޭނެހެން ހިޔެއް ނުވެ އެވެ.
އިތުރަށް ކިޔާލަން
ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލިއްޖެ
28 ޑިސެމްބަރު 2024
ސިނގިރޭޓް އެތެރެކުރުމުގައި ބައިވެރިއެއްނުވަން: ހޯކްސް
28 އޮކްޓޯބަރު 2024
ސިނގިރޭޓު އެތެރެ ކުރުން: މިހާތަނަށް 84،000އަށް ވުރެ ގިނަ ފޮށި
28 އޮކްޓޯބަރު 2024
ހޯކްސްގެ ބޯޓަކުން 2،000 ކާޓޫނުގެ ސިނގިރޭޓް ހިފަހައްޓައިފި
27 އޮކްޓޯބަރު 2024
'ހުއްދަ' އާއި ވަގު ސިނގިރޭޓުން ވެސް ގެއްލުން، އެކަމަކު ތަފާތު ވެސް ބޮޑު
ކަރުދާސްކޮޅަކަށް ފިލްޓަރަކާއި ދުންފަތްކޮޅެއް ލާފައި އަނބުރާލިޔަސް އެއީ އަދި ސިނގިރޭޓަކަށް ނުވެ އެވެ. ސިނގިރޭޓު އުފައްދާ ބޮޑެތި ކުންފުނިތަކުން މިކަން ކުރަނީ ގިނަ މަރުހަލާތަކެއްގެ ތެރެއިން، ވަކި ކަންކަމަކަށް ބަލައިގެންނެވެ.
ދުންފަތް ދަނޑުތަކުގައި ދުންފަތް އިންދުމާ ހިސާބުން އެންމެ ފަހު ޕެކިންއާ ހަމައަށް އެ ކުންފުނިތަކުން އަމަލުކުރަން ޖެހޭ މިންގަނޑުތަކެއް ހުރެ އެވެ. ނިކޮޓިން ލެވެލް އާއި ރަހަ އާއި އެ ނޫނަސް އިތުރު ކަންކަމާ ބެހޭ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ހިއްސާކުރަން ޖެހެ އެވެ. ސިނގިރޭޓު ރޯކޮށްލުމުން އަނދާ މިންވަރާއި އޭގައި ހިމެނޭ ވިހަ ކެމިކަލްތައް ވަކި ވަރެއްގައި ހިފަހައްޓަން ޖެހެ އެވެ.
އެ ކުންފުނިތަކުން އަމަލުކުރަން ޖެހޭ ވަކި ގަވާއިދުތަކަކާއި އުސޫލުތަކެއް އޮވެ އެވެ. އެކަން ކަށަވަރުކޮށް، ބާރުއެޅުމަށާއި ދުންފަތް ކޮންޓްރޯލް ކުރަން ގައުމުތަކުން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކެއް ވެސް ހުރެ އެވެ. މިސާލަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗުއޯ)ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް (އެފްސީޓީސީ) މުއާހަދާ އެވެ.
މީގެ 20 އަހަރު ކުރިން، 2005ގައި ރާއްޖެއިން ވެސް ވަނީ މި މުއާހަދާގައި ބައިވެރިވެފަ އެވެ. އެ ފްރޭމްވޯކް އާއި އޭގެ ދަށުން ހަދާފައިވާ މާއްދާތަކުގައި މެމްބަރު ގައުމުތަކުގައި ސިނގިރޭޓު އުފެއްދުމާއި ބަންދުކުރުމާއި ވިއްކުމުގައި އަމަލުކުރަން އިރުޝާދު ދީފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
-
ސިނގިރޭޓު އުފައްދާ ކުންފުނިތަކުން އެކަމުގައި ބޭނުންކުރާ އިންގިރީޑިއެންޓުތަކާއި އެ ތަކެތި ބޭނުންކުރާ މިންވަރާއި އެ ނޫނަސް އިތުރު މައުލޫމާތު ކޮންމެ އަހަރަކު ވެސް ހުށަހަޅަން ޖެހޭނެ
-
ކުންފުނިތަކުން އެ ލިސްޓު އާންމުކުރުން
-
އެއް އުފެއްދުމަށް ވުރެ އަނެއް އުފެއްދުމަކީ ގެއްލުން ކުޑަ އެއްޗެއް ކަމަށް ޕްރޮމޯޓުކުރުމަކީ މަނާކަމެއް (މިސާލަކަށް ސިނގިރޭޓު ފޮށިތަކުގައި ލައިޓު، ހާޑު، މައިލްޑް ފަދަ ނަންނަން ޖަހައިގެން އިސްތިހާރު ކުރުމާއި ވިއްކުން)
-
ސިނގިރޭޓު އުފެއްދުމާއި ބަންދުކުރުމާއި ރައްކާކުރުން އަދި ބާޒާރަށް ނެރުމުގެ ކުރިން ޓެސްޓުކުރުމުގައި ވަކި މިންގަނޑުތަކެއް ކަނޑައެޅުން
ޑަބްލިއުއެޗްއޯ އެފްސީޓީސީގައި ބަޔާންކުރާ ކަންކަން ރާއްޖޭގެ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައި ވެސް ހިމަނާފައިވެ އެވެ.
މިސާލަކަށް ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ ކޮންމެ މީހަކު ވެސް ދުންފަތާ ބެހޭ ރިޕޯޓު ހުށަހަޅަން ޖެހޭނެ ކަމަށް އެ ގާނޫނުން ވެސް ލާޒިމް ކުރެ އެވެ.
އެ ރިޕޯޓުގައި ހިމަނަން ޖެހޭ މައުލޫމާތު:
-
ތާރާއި ނިކޮޓިން އެކުލެވޭ މިންވަރު، އެހެން ބާވަތްތަކާ ނުގުޅި ވަކިން ހުންނަ ނިކޮޓިން ދުމުގައި ހިމެނޭ ނިސްބަތް
-
ދުންފަތުގެ ދުމުގައި ޕީއެޗު ހުންނަ މިންގަނޑާއި އެކި ފަހަރު މަތިން ބޭރުކުރެވޭ ދުމުގައި ޕީއެޗު ހުންނަ ގޮތުގެ ތަފްސީލު
-
ފިލްޓަރުން އޭގެ ބޭނުން ހާސިލުވާ މިންވަރު؛ ފިލްޓު ކުރެވޭ ނިސްބަތް، އިންސައްތައިން
-
ދުންފަތުން ބޭރުކުރާ ދުމުގައި ވިހަ ތާސީރު ފަދަ ތަކެތި ހިމެނޭ ނިސްބަތް؛ އެކި ބާވަތްތަކުގެ ނިސްބަތް ނުވަތަ އެ ބާވަތަކާ ނިކޮޓިން އަޅާބެލުމަށް ފަހު އޭގެ ރޭޝިއޯ ނުވަތަ ގަވާއިދުގައި ބުނާ އެހެން މިންގަނޑެއް
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުން ވެސް ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ބަޔާންކުރާ ޒިންމާތަކަކަށް އެއްވެސް ލުޔެއް ނުދެ އެވެ. ނަމަވެސް ބަޔަކު ވަގަށް، ގޮތް ނޭނގޭ ސިނގިރޭޓުތަކެއް އުފައްދައި އެ ތަކެތި ބާޒާރަށް ނެރޭނީ ގާނޫނާއި މުއާހަދާތަކަށް ވުރެ މަތީގައި އުޅެވޭތީ އެވެ.
އެޕާޓްމަންޓެއްގައި ހިންގާ ކާރުހާނާއަކުން ގާނޫނަކަށް، ގަވާއިދަކަށް ނުބަލާނެ އެވެ. އަވައްޓެރި ގައުމަކުން އަގުހެޔޮކޮށް ލިބޭ، ގޮތް ނޭނގޭ ދުންފަތެއް ގެނެސްގެން ކުޑަ ކޮޓަރިއެއްގައި ބިދޭސީންތަކެއް ބައިތިއްބައިގެން ބަންދުކުރަނީ އެވެ. ދެން ކޮންމެވެސް ނަމެއް ކިޔާފައި އެ ކޮޓަރި ތެރެއިން ބޭރުކުރަނީ ސިނގިރޭޓު ބްރޭންޑެކެވެ.
އެ ސިނގިރޭޓުތަކުގެ ނިކޮޓިން ލެވެލްއަކީ ކޮބާ ހެއްޔެވެ؟ އެ މީހުންނަށް ވެސް އެ މައުލޫމާތު ނޭނގޭނެ އެވެ. މާނައަކީ އާންމުކޮށް މި ހުންނަ ބްރޭންޑްތަކާ އަޅާބަލާއިރު ބޮޑަށް ދެވިހިފުމުގެ ފުރުސަތު ވެސް އޮތުމެވެ. މި ސިނގިރޭޓާއި ދުންފަތުގައި ހުރިނެތް މާއްދާތަކާއި ކެމިކަލްތައް އެނގޭނީ ތަހުލީލު ކުރުމުންނެވެ. ނަމަވެސް ބައެއް އެހެން ގައުމުތަކުން އަތުލައިގަތް މިފަދަ ވަގު ސިނގިރޭޓުން ފެނުނު ތަކެތީގެ މައުލޫމާތު ފެންނަން އެބަ ހުއްޓެވެ.
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ވަގު ސިނގިރޭޓުގައި:
-
ލެޑްގެ އަސަރު: 6 ގުނަ މަތި
-
ތާރު ހުންނަ މިންވަރު: %160 ގިނަ
-
ކާބަން މޮނޮކްސައިޑް އެކުލެވޭ މިންވަރު: %133 އިތުރު
ކެނެޑާގެ 'ރޯޔަލް ކެނޭޑިއަން މައުންޓަޑް ޕޮލުސް'އިން 2011ގައި އަތުލައިގަތް ވަގު ސިނގިރޭޓުތަކަކުން މޯލްޑް (ފޫ)، ޕެސްޓިސައިޑްގެ އަސަރު އަދި އިންސާނުންގެ ނަޖިހާއި ސޫފާސޫފީގެ ބިސް ވެސް ވަނީ ފެނިފަ އެވެ.
މިފަދަ އިތުރު ތަހުލީލުތަކުން ވަގު ސިނގިރޭޓާއި ދުންފަތުން ޖަނަވާރުގެ ނަޖިހާއި ކީސްކުނޑި ފަދަ ތަކެތީގެ އަސަރު ވެސް ފެނެ އެވެ. އެހެންކަމުން ފުލުހުން މާލެއިން މި އަތުލައިގަތް ސިނގިރޭޓުތަކުގެ ތަހުލީލު ހެދުން ކޮންމެހެން ވެސް މުހިންމެވެ.
ސިއްހީ ނަޒަރަކުން – ކިހާ ވަރެއްގެ ކަމެއް؟
ބައެއް މީހުން ބުނާ ގޮތުގައި މީގެ ޒަމާންތަކެއް ކުރިން ސިނގިރޭޓަކީ 'ކޫލް' އެއްޗެކެވެ. އެއީ ކިހާވަރެއްގެ ގެއްލުމެއް ލިބޭ އެއްޗެއް ކަމެއް އޭރު މާ ގިނަ މީހުންނަކަށް ނޭނގެ އެވެ. ނަމަވެސް މިހާރު އެއީ އަތުގައި އޮންނަ ފޯނުން ވެސް ކޮށްލެވޭ، ގޫގްލް ސާޗެއްގެ ދުރުމިނުގައި ހުންނަ ކަންކަމެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ ގިނަ މީހުން އެކަން ކުރަނީ އޭގެ ގެއްލުން ނޭނގޭތީއެއް ނޫނެވެ.
ކުރުކޮށް ބުނާ ނަމަ:
-
ސިނގިރޭޓުގައި 7،000 ކެމިކަލް އެކުލެވޭ
-
އޭގެ ތެރެއިން 250 ކެމިކަލަކީ ސިއްހަތަށް ނުރައްކާތެރި ކެމިކަލްތަކެއް؛ 70 ވަރަކަށް ކެމިކަލްއިން ސީދާ ކެންސަރަށް މަގުފަހިކޮށްދޭ
-
ޓާ (ތާރު): މިއީ ދުންގަނޑު އެތެރެއަށް ދަމާލުމުން ފުއްޕާމޭގައި ހަރުލާ މާއްދާއެއް
-
ކާބަން މޮނޮކްސައިޑް: މިއީ ލޮލަށް ނުފެންނަ، ވަސް ނުދުވާ އަދި ރަހައެއް ނުހިމެނޭ ވިހަ ގޭހެއް – މީގެ ސަބަބުން ލެއިން އޮކްސިޖަން ދައުރުކުރާ މިންވަރު ދަށްކޮށްލާ؛ އޭގެ ނަތީޖާއަކީ ހިތަށް ބުރަ ބޮޑުވެ، ހިތުގެ ބަލިތަކާއި ސްޓްރޯކްގެ ފުރުސަތު ބޮޑުވުން
-
ނިކޮޓިން: މިއީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އޭގެ ދުންފަތުގެ އަޅަކަށް ހަދާ، ދެވިހިފުމުގެ ފަހަތުގައިވާ މާއްދާ
މިއީ އާންމުކޮށް މި ވިއްކާ ސިނގިރޭޓު ބްރޭންޑުތަކަށް އަމާޒުކޮށް ހަދާފައިވާ ދިރާސާތަކުގެ އަލީގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އާންމުކޮށްފައިވާ މައުލޫމާތުތަކެކެވެ. ދެން ގޮތްނޭނގޭ ސިނގިރޭޓުތަކުން ލިބޭނެ ގެއްލުން ވިސްނާލާށެވެ.
މާހިރެއްގެ ބަސް: މިއީ ވަރަށް ނުރައްކާތެރި އެއްޗެއް
ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ ވައިސް ޗެއާމަން އަދި އޭޑީކޭ ހޮސްޕިޓަލްސްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވާ ގޮތުގައި ސިއްހީ ގޮތުން ބަލާއިރު މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ނަމަވެސް އޭނާ ވެސް ވާހަކަ ފެއްޓެވީ "ރާއްޖޭގައި ސިނގިރޭޓު އުފެއްދުމަކީ މަނާކަމެއް" ކަމާއި "އުފެއްދިގެން ނުވާނެ"ކަން ފާހަގަކުރައްވަމުންނެވެ.
"އެތެރެވީ ގޮތް ބަލައި ތަހުގީގުކުރަން ޖެހޭ. އެތެރެ ކުރުމުގައި ޕްރޮސެސްއެއް އޮންނާނެ. މެޝިނަރީ އާއި ކަރުދާހާއި އެނޫނަސް ރޯ މެޓީރިއަލްސް ގެންނާނެތާ އެކަން ކުރަން. ޑެކްލަރޭޝަން ނެތި ގެނެވިގެން ނުވާނެ،" ކަންބޮޑުވުން ހިއްސާކުރައްވަމުން އައްފާލް ވިދާޅުވި އެވެ.
މިކަހަލަ އެއްވެސް ކަމެއްގެ މައުލޫމާތު ނެތުމާއި މިއީ ގޮތްނޭނގޭ ސިނގިރޭޓުތަކަކަށް ވުމުން އެ ތަކެތީގައި ހުންނާނެ މާއްދާތަކުގެ ތަފްސީލެއް އައްފާލްއަށް ވެސް އެނގިވަޑައެއްނުގަންނަވަ އެވެ. ނަމަވެސް އޭނާ ޔަގީންކަމާ އެކު އެއް ކަމެއް ފާހަގަކުރެއްވި އެވެ:
"ސަބްސްޓޭންޑަޑް އެއްޗެހި އެއީ ވަރަށް ނުރައްކާތެރި އެއްޗެއް."
މައްސަލައިގެ ސީރިއަސްކަން ފާހަގަކުރައްވައި އައްފާލް ވިދާޅުވީ "ހަމަ ސިނގިރޭޓެކޭ ކިޔާފައި މާކެޓަށް ނެރެވިގެން ނުވާނެ" ކަމަށެވެ.
"ސިއްހީ ނުރައްކަލުގެ އިތުރަށް، ގާނޫނާ ހިލާފު ކަމެއް ކުރަން އެކަހަލަ ތަނެއް އެ ހެދެނީ ކޮން އޮތޯރިޓީއެއް ލިބިގެންތޯ ވެސް ބަލަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ހާހުން، މިލިއަނުން ފައިސާ އަނދާ އަޅިއަށް
ދުންފަތާއި ދުމުން ސިއްހަތަށް ކުރާ ގެއްލުމާ ހަމައިން މި ވާހަކަ ނިންމާލެވޭކަށް ނެތެވެ. މިއީ މާލީ ނަޒަރަކުން ބަލައިލިޔަސް ބުރަ ބޮޑު ކަމެކެވެ. ސިނގިރޭޓު ބޯ މީހާ މަހަކު އެއަށް ކުރާ ހޭދަ އެވެ. މިހާރު ހުރި އަގަށް ބަލައިގެން ކުޑަ ހިސާބެއް ވެސް ޖަހާލެވިދާނެ އެވެ.
-
ސިނގިރޭޓު ފޮއްޓެއްގެ އަގު: 250ރ.
-
ދުވާލަކަށް ސިނގިރޭޓި ފޮއްޓެއް ގަންނަ ނަމަ މަހަކަށް (30 ދުވަހަށް): 7،500ރ.
-
އެއީ އަހަރަކަށް: ގާތްގަނޑަކަށް 91،000ރ.
އަގުބޮޑު ކުރުމުގެ ކުރިން މިކަމަށް މީހުން ދެވި ހިފާފައިވާ މިންވަރާއި މި ވިޔަފާރި ފުޅާވެފައި އޮތް މިންވަރު ބުނެދޭ ތަފާސްހިސާބުތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ)އިން ހިއްސާކުރި އެވެ.
"ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރާ ހިސާބުތަކަށް ބަލާއިރު އަހަރަކު 400 މިލިއަން ސިނގިރޭޓު އެތެރެކުރެ އެވެ. މިއީ 1.8 ބިލިއަން ރުފިޔާގެ ހޭދަ އެވެ،" މިދިޔަ އަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހު ނެރުނު ބަޔާނެއްގައި އެޗުޕީއޭއިން ބުނެފައިވެ އެވެ.
ދައުލަތަށް ވާ ގެއްލުން ވެސް ވަކި ކުޑައެއް ނޫނެވެ. ބަޖެޓުން ހަރަދުކުރާ، އަހަރު ނުނިމެނީސް އާންމުކޮށް ހުސްވެފައި އޮންނަ އާސަންދަ ސްކީމުން ވެސް ބޮޑު ބައެއް 'އަންދާލަން ޖެހެނީ' ދުންފަތުގެ ދުމަށް ހުށަހެޅިގެން ކުރަން ޖެހޭ ފަރުވާތަކަށެވެ.
އައްފާލް ވިދާޅުވާ ގޮތުގައި އާސަންދަގެ %80 - %85 ހަރަދުތައް ހިނގަނީ ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުގެ ފަރުވާއަށެވެ. މިސާލަކަށް ހިތުގެ ބަލިތަކާއި ނާރުގެ ބަލިތަކެވެ. ބޭހަށް ހިނގާ ހަރަދުން %80 އަށްވުރެ ބޮޑު އަދަދެއް ހަރަދުކުރަން ޖެހެނީ ދުންފަތުގެ ދުމަށް ހުށަހެޅިގެން ދިމާވެދާނެ މައްސަލަތަކަށެވެ. އެ ދިރާސާ ހެދިފައި ނެތް ނަމަވެސް، އައްފާލް ވިދާޅުވީ އާސަންދައިގެ ބޮޑު ބައެއް ދުންފަތުގެ ގެއްލުމާ ގުޅޭ ފަރުވާތަކަށް ހަރަދުވާ ކަމަށް ނުސީދާކޮށް ބުނެވިދާނެ ކަމަށެވެ.
ދުންފަތާ ގުޅޭ ބަލިތަކަށް އާސަންދަ ހުލިވާތީ މަޖިލިސް މެމްބަރުން ވެސް މީގެ ކުރިން ކަންބޮޑުވުން ފާޅުކުރި އެވެ. ބައެއް މެމްބަރުން ގޮވާލެއްވީ ސިނގިރޭޓު ބޯ މީހުންނަށް އާސަންދަ ނުދިނުމަށެވެ.
"އަޅުގަނޑު ހަމަ ގޮވާލަން މި ސިނގިރޭޓުގެ އަމަލުތައް ކޮށްގެން ބޮޑެތި ބަލިތަކަށް އާސަންދައިން މި ފަރުވާ ކުރާ ކުރުން، މި ސިނގިރޭޓު ބައްލަވާ އެއްވެސް ފަރާތަކަށް މި އާސަންދައިން ބަލިވެގެން ބޭސްކޮށްދިނުން ވެސް [ހުއްޓާލަން] މި ބިލުގެ ތެރޭގައި ނިމިގެން އަންނައިރު އެކަން އޮތުން އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން،" ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
އޭނާގެ ވާހަކައަށް ބައެއް އެހެން މެމްބަރުން ވެސް ތާއީދުކުރެއްވި އެވެ.
"އާޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ އަޅުގަނޑުމެންގެ ސިއްހީ އިންޝުއަރެންސް ނިޒާމު އާސަންދައަށް އެއް ދުވަހުން އަނެއް ދުވަހަށް ބާރުބޮޑުވަމުން އަންނައިރު ކިހާ ވަރަކަށްތޯ ފާހަގަވެފައި ހުރީ ދުންފަތުގެ އިސްތިއުމާލު ނުވަތަ ދުންފަތާ ގުޅުން ހުރި ބަލިތަކުން އަޅުގަނޑުމެންނަށް މި ހޭދަކުރަން ޖެހޭ މިންވަރު،" ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސައިން ހަމީދު ވިދާޅުވި އެވެ.
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވާހަކަދެއްކެވީ ތަފާސްހިސާބުތަކުންނެވެ. އޭނާ ވިދާޅުވި ގޮތުގައި:
-
ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް ބޭސްކުރަން އާސަންދައިން ކޮންމެ މަހަކު 974 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭ
-
ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކުހުން އާމްދަނީގެ ގޮތުގައި އެ ވަރަށް ފައިސާއެއް ނުލިބޭ
"އާސަންދައިން މި ބޭސްކުރަނީ ދުންފަތުން ލިބޭ ގެއްލުމަށް، ބޯ މީހާ އާއި ނުބޯ މީހާ އާއި ނަފުރަތު ކުރާ މީހާއާ އެންމެންނަށް އެއްކޮށް މި ލިބޭ ގެއްލުމެއް. އާސަންދައިން ބޭސްކުރަން މި ހަރަދުކުރާ ވަރުގެ ދެބައިކުޅަ އެއް ބަޔަށް އެއިން ޓެކްސްގެ ގޮތުގައި ނުލިބޭ،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.
ކަން މިހެން އޮއްވާ، މި އުޅެނީ ގެއްލުން ލިބޭ މިންވަރު ވެސް ނޭނގޭ ވަގު ސިނގިރޭޓުތަކެއް ބާޒާރަށް ދޫކޮށްލައިގެންނެވެ. ކަމާ ބެހޭ މާހިރުން އެ ދެއްވަނީ މިއީ ބޮޑު ނުރައްކަލެއް ކަމުގެ އިންޒާރެވެ.
ދެން ވާންވީ ކިހިނެއް؟
އައްފާލް ވިދާޅުވާ ގޮތުގައި ދުންފަތް ކޮންޓްރޯލް ކުރަން އަދިވެސް އެންމެ އެދެވޭ ފިޔަވަޅުތަކެއް ނޭޅެ އެވެ. ދެވިހިފުމަކީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ޓެކްސް ބޮޑުކޮށްގެން އެކަނި ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކުރާ ނަމަ ބޭނުންވަނީ ވަށައިޖެހޭ ސިޔާސަތުތަކެކެވެ. ސަޕްލައި އާއި ޑިމާންޑު އެކުއެކީގައި ދަށްކޮށްގެންނެވެ.
ހުރިހާ މަރުހަލާތަކުގައި ފިޔަވަޅު ނާޅާ އެކަން ކުރަނީ ކިހިނެއް ހެއްޔެވެ؟ ހުރިހާ ފިޔަވަޅުތަކަށް ދުންފަތް އިންޑަސްޓްރީ އޮންނަނީ ތައްޔާރަށެވެ. ސިނގިރޭޓުން ވަނީ ގެއްލުމޭ ބުނާއިރަށް ބާޒާރަށް ނެރެނީ ވޭޕާއި ފާޑުފާޑުގެ ސްޓިކުތަކެވެ. ސިނގިރޭޓު ދުމުން މީހުންނަށް އުނދަގޫ ވާތީ ދެން ނެރުނީ 'ސްމޯކްލެސް' ނުވަތަ ދުން ނާރާ އުފެއްދުންތަކެކެވެ. އައްފާލް ވިދާޅުވާ ގޮތުގައި މިއީ ކަމާ ބެހޭ ފަރާތްތަކުން ހުޝިޔާރުވާން ޖެހޭ ކަންކަމެވެ.
ދެން އޮތީ ޓެކްސް ނަގާ ނިޒާމުގެ ވާހަކަ އެވެ. ސަރަހައްދީ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ދުންފަތުގެ އުފެއްދުންތަކާއި ވިޔަފާރިން ޓެކްސް ނެގޭ ހާލަތްތައް އަދިވެސް މަދެވެ.
ދުންފަތް ކޮންޓްރޯލް ކުރަން އިތުރަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި އައްފާލް ވިދާޅުވީ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތް ހެދުމެވެ. އެކަން ކުރަން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
އައްފާލް ވިދާޅުވީ ފާޑުކިޔާނެކަން އެނގޭ ކަމަށާއި ނަމަވެސް "އަމާޒަކީ ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓުތަކުގައި އެއްވެސް ގޮތަކަށް ސިނގިރޭޓު ނުބޮވޭ ގޮތް ހެދުން،" ކަމަށެވެ.
ފުލުހުން ވަގު ސިނގިރޭޓު ކާރުހާނާއަށް ރެއިޑުކުރުމުން ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ފާޑުކިޔެވެ. އެއީ ވަކި ބަޔަކު ކުރަން ޖެހޭ ވިޔަފާރިއެއްތޯ ސުވާލުކުރި އެވެ. ދުންފަތުގެ ވިޔަފާރިއަކީ ސަރުކާރާ ގުޅިގެން، ބައި އަޅައިގެން ކުރާ ވިޔަފާރިއެއް ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރެ އެވެ. އެއީ އާ ވާހަކަތަކެއް ވެސް ނޫނެވެ.
ނަމަވެސް އެ ބުނާ ވިޔަފާރި ކުންފުނިތަކާއި ވަގު ކާރުހާނާއާ ހުރި ތަފާތަކީ، އެ ކުންފުނިތަކުން ވިޔަފާރި ކުރަނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ނަގަން ޖެހޭ ހުއްދަ ނަގައިގެންނެވެ. ކާރުހާނާގެ ހަގީގަތެއް ނޭނގެ އެވެ. އުފައްދާ ސިނގިރޭޓުގައި ހުންނަ އެއްޗެއް އެމީހުންނަށް ވެސް ނޭނގުމެވެ. އަނެއްކޮޅުން އަގުގައި އެހާ ބޮޑު ތަފާތެއް ހުންނަނީ ކީއްވެ ހެއްޔެވެ؟ ފަހަރުގައި އެއީ ކޮލެޓީ ދަށްވުމުން ކަމަށް ވެސް ވެދާނެ އެވެ.
ރާއްޖޭގައި ސިނގިރޭޓާއި ދުންފަތުގެ ކަޅު ބާޒާރެއް މިހާރު އޮތްކަމާ މެދު އެއްވެސް ސުވާލެއް ނެތެވެ. އެކަމުން ދޭހަކޮށްދެނީ ސަރުކާރުން ކިތަންމެ ވަރަކަށް އަގުބޮޑު ކުރިޔަސް، މިކަން ކޮންޓްރޯލް ކުރަން ފަސޭހަ ނުވާނެ ކަމެވެ. އައްފާލް ވިދާޅުވި ގޮތަށް ޑިމާންޑު ދަށްކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހެ އެވެ. އެކަމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. އެހެން ނޫނީ ތަކުރާރުކޮށް ފެނިދާނެ މަންޒަރުތަކެއް ބުނެފާނަމެވެ:
ކޮންމެވެސް މޮޅު ނަމެއް ކިޔާ ގޮތް ނޭނގޭ ސިނގިރޭޓަކުން ދުން އަރުވަން ހުންނަ މީހެކެވެ. ސިނގިރޭޓު ދަމާލާ ކޮންމެ ފަހަރަކު ހަށިގަނޑު ތެރެއަށް އެތައް ހާސް ވިހަ މާއްދާތަކެވެ. ބުރުވާލާ ދުމުން އުނދަގޫވެގެން ނޭފަތްމަތީގައި އަތް އަޅައި، މޫނު ހަދާލާފައި ދާ މީހެކެވެ. އެ ދުންގަނޑުގެ ތެރޭގައި ނޭފަތް ނިވާކުރަން ނޭނގޭ ވަރުގެ ކުޑަކުއްޖަކެވެ.
ދުންފަތުގެ ވަބާގައި ޖެހި ހޮސްޕިޓަލެއްގެ ބަލި އެނދުގައި މަރާ ހަނގުރާމަ ކުރަމުންދާ މީހެކެވެ. އެ ފުރާނަ ސަލާމަތްކުރެވޭތޯ މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނެވެ. ދެން ވާނެ ގޮތް ނޭނގި، އޭނާގެ އަނބިދަރިންނާއި މައިންބަފައިން އިންތިޒާރުގަ އެވެ.
ސަރުކާރުގެ އިސް ބޭފުޅުން އޮފީހާއި ޖަގަހަތަކުގައި އަވަދިނެތި އެވެ. 'އާ ސިޔާސަތުތައް ކަނޑައެޅުމާއި' 'ވައުދު ފުއްދުމުގަ' އެވެ. އެކަންކަން ކުރާނެ ގޮތުގެ ނިމުމެއް ނެތް މަޝްވަރާތަކުގަ އެވެ.
އަނެއްކާ ވެސް ކޮންމެވެސް ގެއެއްގެ ކުރިމަތީގައި މަޑުކޮށްގެން އޮންނަ ފުލުހުންގެ ޕިކަޕެކެވެ. ވަގަށް ސިނގިރޭޓު އުފައްދާ އިތުރު ކާރުހާނާއެއް ފަޅާއެރީ އެވެ. ފޮށިގަނޑަކަށް ފަހު ފޮށިގަނޑެއް ޕިކަޕަށް ބަރުކުރާ މަންޒަރެވެ. ފުރަތަމަ ކާރުހާނާގެ ފަހުން ފަޅާއެރި ކިތައް ވަނަ ކާރުހާނާކަން ދެނަހުރި މީހަކު ވެސް ނެތެވެ. އެކަހަލަ ކާރުހާނާތައް އެހާ ވެސް އާންމުވެ، ރަށު ތެރެއަށް ގެއްލުނީ އެވެ.
ކޮމެންޓް (3)
އެޗްޕީއޭ
ށަމަރާ
ޓޮމް