މެންބަރު އިބްރާހިމް ދީދީ މަޖިލީހުުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ނުދޭން ޕީއެންސީ މެންބަރުން ގޮވާލައިފި

ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކަށް އާސަންދައިން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށް
7 ގަޑިއިރު ކުރިން

ދުންފަތުގެ ބާވަތްތައް ބޭނުންކޮށް، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ނުދޭން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ބައެއް މެންބަރުން މިއަދު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ޕީއެންސީ މެންބަރުން މިގޮތަށް ގޮވާލެއްވީ ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ބޮޑުކުރުމަށް އިމްޕޯޓް ޑިއުޓީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ތަފްސީލް -  އެ ބިލަށް ވާހަކަ ދައްކަވަމުން ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ސިނގިރޭޓު ނުވަތަ ދުންފަތުގެ އިސްތިއުމާލުކޮށްގެން ބޮޑެތި ބަލިތައް ޖެހިގެން އާސަންދައިން ފަރުވާ ނުކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ހަމަ ގޮވާލަން މި ސިނގިރޭޓުގެ އަމަލުތައް ކޮށްގެން ބޮޑެތި ބަލިތަކަށް އާސަންދައިން މި ފަރުވާ ކުރާ ކުރުން، މި ސިނގިރޭޓް ބައްލަވާ އެއްވެސް ފަރާތަކަށް މި އާސަންދައިން ބަލިވެގެން ބޭސްކޮށްދިނުން ވެސް [ހުއްޓާލަން] މި ބިލުގެ ތެރޭގައި ނިމިގެން އަންނައިރު އެކަން އޮތުން އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން،" މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

މުހައްމަދު އިސްމާއީލްގެ އެ ވާހަކައަށް ތާއީދުކުރައްވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެން ހަމީދު ވެސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކަށް އާސަންދަ ދިނުން ހުއްޓާލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ އަޅުގަނޑުމެންގެ ސިއްހީ އިންޝުއަރެންސް ނިޒާމް އާސަންދައަށް އެއް ދުވަހުން އަނެއް ދުވަހަށް ބާރުބޮޑުވަމުން އަންނައިރު، ކިހާ ވަރަކަށްތޯ ފާހަގަވެފައި ހުރީ ދުންފަތުގެ އިސްތިއުމާލު ނުވަތަ ދުންފަތާ ގުޅުން ހުރި ބަލިތަކުން އަޅުގަނޑުމެންނަށް މި ހޭދަކުރަން ޖެހޭ މިންވަރު،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ދަންނަވާނަން މިކަންކަމާ މެދު، ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރައްވާ ބޭފުޅުންނަށް އާސަންދަ ދިނުމާ މެދު ނުވަތަ އާސަންދައިގެ ވަކި ޕަސަންޓެއް އުނިކުރުމާ މެދު ވިސްނާކަށް ނުޖެހޭތޯ؟ މީގެ ސަބަބެއް ކަމަށް އަޅުގަނޑު ދަންނަވާނީ އެއްގޮތަކަށް ވެސް ވަކި ބަޔަކަށް ނުވަތަ ވަކި ބޭފުޅަކަށް އާސަންދަ ދޭން ދެކޮޅު ހަދަނީކީ ނޫން."

ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެން ހަމީދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

އޭނާ ވަނީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭރުން ދުންފަތުގެ ބާވަތްތައް ވިއްކެނީ ކޮން ބަޔަކަށް އެނގޭނެ ކަމަށާއި އޭރުން ދުންފަތް ކޮންޓްރޯލް ކުރަން ފަސޭހަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް ބޭސްކުރަން އާސަންދައިން ކޮންމެ މަހަކު 974 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް އިން އާމްދަނީގެ ގޮތުގައި އެ ވަރަށް ފައިސާ ނުލިބޭ ކަމަށެވެ.

"އާސަންދައިން މި ބޭސްކުރަނީ ދުންފަތުން ލިބޭ ގެއްލުމަށް، ބޯ މީހާ އާއި ނުބޯ މީހާ އާއި ނަފްރަތު ކުރާ މީހާއާ ހުރިހާ އެންމެނަށް އެއްކޮށް މި ލިބޭ ގެއްލުމަށް. އާސަންދައިން ބޭސްކުރަން މި ހަރަދުކުރާ ވަރުގެ ދެ ބައިކުޅަ އެއް ބަޔަށް އެއިން ޓެކްސްގެ ގޮތުގައި ނުލިބޭ،" އިބްރާހީމް ދީދީ ވިދާޅުވި އެވެ.

ގުޅުން ހުރި - އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ، އަންނަ މަހުގެ 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ކުރުމާއި އެ ކަމަށް ބޭނުންވާ ތަކެތި އެތެރެ ކުރުން މަނާ ކުރަން ސަރުކާރުން ނިންމާފައި ވާއިރު، އެ ދުވަހާ ހަމައަށް އެތެރެކުރާ ވޭޕާއި އެއާ ގުޅުން ހުރި ތަކެތިން ނަގާ ޑިއުޓީ ބޮޑުކުރުމަށެވެ.

އެ އިސްލާހުގައި ވަނީ:

  • އީ-ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެ ނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލް އިން ނަގާ ޑިއުޓީ %50 ބޮޑުކޮށް، މިލިލީޓަރަކަށް 8ރ. ނަގަން

  • އީ-ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތައް ނުވަތަ އާލާތްތަކާއި އެ ތަކެތީގެ ބައި ބަޔަށް ނަގާ ޑިއުޓީ %200 ބޮޑުކުރަން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް