2019 ވަނަ އަހަރު ތެރޭ އޮސްޓްރޭލިއާއަށް ވަގަށް އެތެރެ ކުރި މެންޗެސްޓާ ބްރޭންޑްގެ ސިނގިރޭޓު ފޮށިތަކެއް: ރާއްޖެއިން ފެނުނީ ވެސް ހަމަ މި ބްރޭންޑް ކަމަށް ކަސްޓަމްސްއިން ބުނޭ.
ވަގަށް ސިނގިރޭޓު އެތެރެ ކުރުން: މިހާތަނަށް 84،000އަށް ވުރެ ގިނަ ފޮށި ހޯދައިފި؛ އޮޕަރޭޝަން ކުރިއަށް
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރާ ހޯކްސް އިން ރާއްޖެއަށް ވަގަށް އެތެރެ ކުރި ސިނގިރޭޓުތަކުން މިހާތަނަށް 84،000އަށް ވުރެ ގިނަ ފޮށި ފެނިފައިވާ ކަމަށާއި އަދިވެސް ބަލައި ފާސްކުރުން ކުރިއަށް ގެންދާ ކަމަށް ކަސްޓަމްސްއިން ރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ހުކުރު ދުވަހުން ފެށިގެން ކަސްޓަމްސްއިން ކުރިއަށް ގެންދާ މި އޮޕަރޭޝަނާ ގުޅޭ ބައެއް މައުލޫމާތު ރޭ އެ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފަ އެވެ.
ތަފްސީލު - އެ ބަޔާނުގައި ބުނި ގޮތުގައި، މިހާތަނަށް ބަލައި ފާސް ކުރުމުގެ ތެރެއިން 1.695 މިލިއަން ސިނގިރޭޓު ހިފަހައްޓާފައިވެ އެވެ. އެއީ:
-
84،750 ފޮށި
-
8،475 ކާޓޫނު
-
ފޮއްޓެއް 100ރ.އިން ހިސާބު ކުރާ ނަމަ، މި ތަކެތީގެ އަގު 8.5 މިލިއަން ރުފިޔާއަށް އަރާނެ
މި ތަކެތި ގެނައި ކަމަށް ތުހުމަތު ވަނީ، ހޯކްސްގެ އެޖެންޓް ކަމުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައި 'އެމްޓީ ހޯކްސް ޖަވާހިރު' ނަމަކަށް ކިޔާ ބޯޓަކުންނެވެ. އެގޮތުން، ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި:
-
އެމްޓީ ހޯކްސް ޖަވާހިރު ބޯޓުން އެތަކެތި ކ. ތިލަފުއްޓަށް ގެންގޮސްފައި ވަނީ ހޯކްސްގެ ދޯންޏެއް ކަމަށްވާ 'ހޯކްސް ރޯދި'އަށް އަރުވައިގެން
-
އެ ދޯނިން ސިނގިރޭޓުތައް ބާލައި އެ ކުންފުނީގެ ނަމުގައި ރަޖިސްޓްރީކޮށްފައިިވާ ޓްރަކަށް އަރުވައިގެން ގެންގޮސް، މި ތަކެތި ބަހައްޓާފައި ވަނީ ހޯކްސްގެ ބޯޓުޔާޑަށް؛ މިކަން ކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭ 10 ހާއިރު
"އެ ތަކެތި ބޭލުމަށް މަސައްކަތްކުރި ބޯޓު ޔާޑުގައި އިތުރު ސިނގިރޭޓް ހުރި ކަމަށް ޝައްކުކުރެވޭތީ، ކޯޓު އަމުރެއްގެ ދަށުން މިހާރު ދަނީ އެ ތަން ބަލައި ފާސްކުރަމުންނެވެ. މިހާތަނަށް 'ހޯކްސް ބޯޓްޔާޑު' ބަލާފާސްކުރި ކުރުމުން، އެ ތަނުގައި ހުރި އެކޮމަޑޭޝަނުންނާއި ވޯކްޝޮޕުން މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު (ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް) ވަނީ ފެނިފަ އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
މިހާރު އެ ތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
"މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށްވާތީ، މި މައްސަލައިގެ ތަހުގީގު ކަސްޓަމްސްއިން ފަށާފައިވާ ވާހަކަ ދެންނެވީމެވެ. ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ލިޔެކިއުން ނިންމުމާއި މުދާ ބަލައި ފާސްކުރުމުގެ މަރުހަލާތަކުގައި ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ކަސްޓަމްސްގެ ހިރާސް ނިޒާމުގެ ތެރެއިން ކަނޑައެޅޭ ގޮތެއްގެ މަތިން އަމަލުކުރާނެ ވާހަކަ ދެންނެވީމެވެ،" ބަޔާނުގައި އިތުރަށް ބުންޏެވެ.
ކަސްޓަމްއިން ވަނީ ރާއްޖެއަށް އެތެރެ ކުރާ މުދަލާ ގުޅޭ ގޮތުން އެ އިދާރާއިން "ގާނޫނު ތަންފީޒު ކުރުމަށް ފަސް ނުޖެހޭނެ"ކަމުގެ ޔަގީންކަން ވެސް އެ ބަޔާނުގައި ދީފަ އެވެ. އޭގެ އިތުރުން، މިފަދަ ހާއްސަ އޮޕަރޭޝަންތަކުގައި ފުލުހުންގެ ހިދުމަތަށް އަދި އެމްއެންޑީއެފްއިން ދެމުން ގެންދާ އެހީތެރިކަން ފަހާގަކޮށް، ޝުކުރު އަދާކޮށްފައިވެ އެވެ.
ކޮމެންޓް (8)
ބޮއްކަންބެ
ޥުންއެކަށީގެންވޭ
ހަސަންދީ
ޙަސަން
ޙޫސޭން
ސަލީމު
ބެލްކަނި
މަސް