ދުންފަތަށް ނޫނެކޭ ބުނުމަށް އިލްތިމާސެއް (ފޮޓޯ/އެޗްޕީއޭ)
ސިނގިރޭޓު އެތެރެކުރަން އަހަރަކު 1.8 ބިލިއަން ރުފިޔާ؛ ފަރުވާއަށް ވެސް ބޮޑު ހޭދައެއް
އަހަރެއްގެ މައްޗަށް 1.8 ބިލިއަން ރުފިޔާގެ ދުންތަފުގެ ބާވަތްތައް ރާއްޖެ އެތެރެ ކުރާ ކަމަށާއި އެކަމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ފަރުވާއަށް ވެސް ކޮންމެ އަހަރަކު ބޮޑު ހޭދައެއް ހިނގާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
ބުނީ ކީކޭ؟ - މިއަދު ފާާހަގަކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން އެޗުޕީއޭއިން ބުނީ ރާއްޖޭގައި ފުރާވަރު ކުދިންނާއި ޒުވާނުންގެ މެދުގައި ދުންފަތުގެ ބާވަތްތައް ބޭނުންކުރުން އާންމުންވެ، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.
"ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރާ ހިސާބުތަކަށް ބަލާއިރު އަހަރަކު 400 މިލިއަން ސިނގިރޭޓު ރާއްޖެއަށް އެތެރެކުރެ އެވެ. މިއީ 1.8 ބިލިއަން ރުފިޔާގެ ހޭދަ އެވެ،" އެޗުޕީއޭއިން ބުނެފައިވެ އެވެ.
އޭގެ އިތުރަށް ޝީޝާގައި ބޭނުންކުރާ ދުންފަތައި އީ-ސިނގިރޭޓު އެތެރެކުރުމަށް އެތައް ލައްކަ ރުފިޔާއެއް އަހަރެއްގެ މައްޗަށް ހޭދަކުރާ ކަމަށް ވެސް އެޗުޕީއޭއިން ބުނެ އެވެ.
"ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ކުރުމަށް އާސަންދައިން ބޮޑު ހޭދައެއް ކުރާއިރު، މި ބަލިތައް ތަހައްމަލު ކުރާ ޒުވާން އާބާދީ ބޮޑުވުމުގެ ނަތީޖާއަކީ އެކަމުގެ ނޭދެވޭ އަސަރު ގައުމުގެ އުފެއްދުންތެރިކަމާއި ތަރައްގީ އާއި އިގްތިސާދަށް ކުރުމެވެ،" އެޗުޕީއޭއިން ބުންޏެވެ.
ތަފްސީލު - ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ 'ކުޑަކުދިން ދުންފަތުގެ ސިނާއަތުގެ ނުފޫޒުން ސަލާމަތްކޮށް ދަފަރާ ކުރުން' އެވެ.
އެ ޝިއާރުން ބާރުއަޅަނީ:
-
ދުންފަތުގެ ސިނާއަތުގެ އަމަލުތަކުން ކުޑަކުދިންނާއި ޒުވާނުން ސަލާމަތް ކުރުމަށް ހޭލުންތެރިކަން އިތުރުކޮށް، އެކަމަށް ވަކާލާތުކުރަން ބާރުއެޅުން
-
ދުނިޔޭގެ ފެންވަރުގައި ކުޑަކުދިންނާއި ޒުވާނުންނާ ގުޅުންހުރި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި ދުންފަތް ކޮންޓްރޯލް ކުރަން ވަކާލާތުކުރާ ފަރާތްތަކާ މަޝްވަރާކޮށް، ދުންފަތުގެ ސިނާއަތުގެ އުކުޅުތަކުން ޒުވާނުން ރައްކާތެރިކޮށްދޭ ސިޔާސަތުތައް އެކުލަވާލައި، ތަންފީޒުކުރުން
އެޗުޕީއޭއިން ބުނާ ގޮތުގައި ދުންފަތުގެ އުފެއްދުންތައް ސޯޝަލް މީޑިއާ އާއި ސްޓްރީމިން ޕްލެޓްފޯމުތަކުގައި އިޝްތިހާރު ކުރަމުންދަނީ ކުޑަކުދިންނާއި ޒުވާނުންގެ ސަމާލުކަން ދަމައިގަނެވޭ ގޮތްތަކަށެވެ. އެއާ އެކު އީ- ސިނގިރޭޓާއި ނިކޮޓިން ޕައުޗް ފަދަ އުފެއްދުންތައް ޒުވާނުންގެ މެދުގައި ވަނީ މަގުބޫލު އެއްޗަކަށް ވެފަ އެވެ.
"2022 ވަނަ އަހަރުގެ ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު އުމުރުން 15-16 އަހަރުގެ މަދުވެގެން 37 މިލިއަން ކުދިންނަކީ ކޮންމެވެސް ވައްތަރެއްގެ ދުންފަތުގެ ބާވަތެއް ބޭނުންކުރާ ކުދިންނެވެ،" އެޗުޕީއޭއިން ބުނެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރަން އަޅަންވީ ފިޔަވަޅުތައް
ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖެ ބައިވެރިވެފައިވާ ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް (އެފްސީޓީސީ)ގެ ދަށުން މެމްބަރު ގައުުތަކުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް އެޗުޕީއޭއިން ވަނީ ފާހަގަކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
-
1-
އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ގަވާއިދުތަކަށް އަމަލުކުރުން ހަރުދަނާކޮށް، އާންމު ތަންތަނުގައި ދުންފަތަށް މީހުން ހުށަހެޅޭ މިންވަރު މަދުކޮށް، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ގާނޫނީ ހައްގު ކަށަވަރުކުރުން
-
2-
ދުންފަތަށް އަލަށް ހުށަހެޅޭ ފަރާތްތައް މަދުކުރުމަށްޓަކައި ދުންފަތުގެ ބާވަތްތައް އިޝްތިހާރުކޮށް މާކެޓު ކުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
-
3-
ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތުގެ ވިޔަފާރި އަދި ދުންފަތުގެ ބާވަތްތަކުން މީޙުން ދުރު ކުރުމަށް ކުރަން ޖެހޭ ކަންކަން ބަލައި މޮނީޓާކުރުން؛ ކުރަންޖެހޭ ދިރާސާތައް ކޮށް، އެ މައުލޫމާތުގެ އެހީގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ތަންފީޒުކުރުން
-
4-
ދުންފަތުގެ ނުރައްކަލާބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން
-
5-
ދުންފަތުން ނަގާ ޓެކްސް އިތުރުކުރުމުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރެވޭ ގޮތަށް އެ ޓެކްސް އިތުރުކުރަންޖެހޭ އުސޫލުތައް އެކުލަވާލައި، ޓެކްސްގެ ފައިސާއިން ބައެއް ދުންފަތް ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮމޯޝަނަށް ހޭދަކުރުން
-
6-
ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާން ބޭނުންވާ ފަރާތްތަކަށް ދެވޭ ސެސޭޝަންގެ ހިދުމަތް އިންތިޒާމު ކުރުން
އޭގެ އިތުރަށް ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ދުންފަތް ކޮންޓްރޯލް ކުރަން ކުރާ މަސައްކަތް މިވަރެސް ކުރުމަށް ނިޒާމެއް ގާއިމުކުރުމަށާއި ދުންފަތުގެ ސިނާއަތުގެ ނުފޫޒުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތައް ރައްކާތެރި ކުރަން ޖެހޭ ކަމަށް ވެސް އެޗުޕީއޭއިން ބުނެ އެވެ.