މާލޭގައި ހިނގި ހާދިސާއަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ: ރާވައިގެން ފޭރުން ފަދަ ކުށްތައް ރިޕޯޓްކުރުން އިތުރުވެފައިވާ ކަމަށް ފުލުހުން ބުނޭ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)
ރާވައިގެން ކުރާ ކުށްތައް: އަދަބު ނުދެވޭތީ ބިރު ފަހަނައަޅާފައި
މުހިންމު ނުކުތާތައް
ޖަމާއަތް ހަދައިގެން ކުރާ ގިނަ ކުށްތަކުގެ ސަބަބަކަށް ވަނީ މަސްތުވާތަކެތި
ރަހީނުކުރުން ފަދަ ކުށްތަކުގެ ޝިކާރައަކަށް ގިނަ މީހުން ވަނީ އޮންލައިން މުއާމަލާތްތައް މެދުވެރިކޮށް
ކޯޓުތަކުގައި މައްސަލަތައް ނިންމުން ލަސްވުމަކީ މިފަދަ ކުށްތައް ހުއްޓުވުމަށް އޮތް ބޮޑު ގޮންޖެހުމެއް
މަގުމަތިންނާއި ގޭގެތެރޭގަޔާއި ކާރުފަދަ ތަންތަނުގައި ވެސް މީހުން ރަހީނު ކުރަނީ އެވެ. ފައިސާއަށް ޑިމާންޑުކޮށް އިންސާނުންގެ ގުނަވަން ބުރިކުރާ ހިސާބަށް ނުރައްކާތެރިކަން ބޮޑުވެއްޖެ އެވެ. ދުރާލާ ރާވައިގެން ގިނަ ބަޔަކު ބައިވެރިވެގެން ކުރާ ނުރައްކާތެރި މި ބޮޑު ކުށް މިއަދު މި އޮތީ ރާއްޖޭގައި އާންމުވާން ފަށައިފަ އެވެ.
އަނެއް ބަޔަކު ކުރާ ކަމަކީ ކުޑަކުދިންނާއި ދެ ޖިންސުގެ ބޮޑެތި މީހުންގެ ވެސް ބަރަހަނާ ފޮޓޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކޮށް އެއިން ވިޔަފާރި ކުރުމެވެ. މިއީ ވެސް ޖަމާއަތް ހަދައިގެން ކުރާ އާންމު ކުށަކަށް ވެއްޖެ އެވެ. ކީއްވެގެން ހެއްޔެވެ؟
ގުޅުންހުރި ބައެއް ލިއުންތައް
'ފުލުހުންގެ މަސައްކަތް ރަނގަޅު؛ މައްސަލައަކީ އަދަބު ނުދެވޭތީ'
ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވީ މީގެ ކުރިން ކުދިކުދި ފޭރުމުން ފެށިގެން ދިޔަ މިފަދަ ކުށްތަކުގައި މީހުން ރަހީނު ކުރާ ހިސާބަށް ދިޔައީ ކޯޓުތަކުގައި ޕާކުކޮށްފައި ހުންނަ އެފަދަ މައްސަލަތައް ގިނަވެގެން ދިއުމުގެ ސަބަބުން ކަމަށެވެ.
"މިކަން އާންމުވަނީ މިފަދަ ކުށްތަކުގައި ފިޔަވަޅެއް ނޭޅޭކަން [ކުށްވެރިޔާ] ގަބޫލުކުރާތީ. ފިޔަވަޅު ނޭޅޭ ކަމަށް ގަބޫލުކުރެވެނީ ކޯޓުން މައްސަލަތައް ނުނިމޭތީ،" ޝަމީމް ވިދާޅުވި އެވެ.
"މީގައި އޮތް ހައްލަކީ ކޯޓުތަކުން މައްސަލަތައް އަވަހަށް ނިންމަންވީ. އަވަހަށް ނިމި ފިޔަވަޅު އެޅޭނެކަން [ކުށްވެރިންނަށް] އެނގެން ވެސް ވީ. މި ދެ ކަންތައް އެއްވީމާ ރަނގަޅު މެސެޖެއް ޕަބްލިކަށް ދެވޭނީ."
ޝަމީމް ގަބޫލުކުރައްވާ ގޮތުގައި މުޖުތަމައުގައި އުޅޭ އެފަދަ ކުށްކުރާ މީހުންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގައި ފުލުހުން ކުރާ މަސައްކަތް ރަނގަޅެވެ. އެކަމަކު ކޯޓުތަކުގެ މަރުހަލާއިން ހަރުކަށި އަދަބު ދެވޭނެކަން ކުށްވެރިޔާއަށް ގަބޫލު ނުކުރެވެނީސް އެފަދަ މައްސަލަތައް މުޖުތަމައުގައި މަދުނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުތަކާ ދިމާކޮށް ކުށްވެރިންނަށް މައާފު ދިނުމާއި އަދަބު ތަންފީޒުކުރަމުންދާ ގައިދީގެ ބަންދަށް ވެސް ލުއިދީ ދޫކޮށްލުން ފަދަ ކަންކަމަކީ އެފަދަ ކުށްކުރާ މީހުންނަށް ލިބޭ ހިތްވަރެއްގެ ގޮތުގައި ޝަމީމް ފާހަގަކުރެއްވި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވިގޮތުގައި ރާއްޖޭގައި މިފަދަ ކުށްތައް އާއްމުވެގެން އުޅެނީ މިފަހަކަށް އައިހެއް ނޫނެވެ. މިއީ މީގެ ތިން-ހަތަރު އަހަރު ކުރިން ފެށިގެން ވެސް ރާއްޖޭގައި ހަމަ މި މިންވަރަށް ހިނގާ ކުށްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ފާހަގަކުރެއްވި ގޮތުގައި ތަފާތުވެގެން އުޅެނީ ކުށްކުރާ ގޮތެވެ. އަދި ގިނަ މައްސަލަތަކެއް އާންމުންނާ ހަމަޔަށް ފެންމަތިވަނީ އެފަދަ ކޭސްތައް ރިޕޯޓުކުރާ މިންވަރު މިހާރު އިތުރުވެފައިވާތީ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އޭގެ ސަބަބަކީ ފުލުހުންގެ މަސައްކަތާމެދު އާންމުންގެ އިތުބާރު ބޮޑުވަމުން ދިއުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"ދެން އަޅުގަނޑުމެންނަށް މިގޮތަށް އެޓެންޑުވާ ކޭސްތަކުގެ ސަކްސެސް ރޭޓަށް ބަލާއިރު އަޅުގަނޑުމެން ހަމަ ވަރަށް އަވަހަށް އެކަން ކުރި ބަޔަކު އެބަ ހޯދަން. އެހެންވީމާ އެ އިތުބާރު އޮތުމަކީ އެއް ސަބަބަކަށް ވެދާނެ ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވަނީ،" ޝުޖާއު ވިދާޅުވި އެވެ.
އެކަމަކު މިފަދަ ކުށްތައް މުޖުތަމައުގައި ހިނގާ މިންވަރު މަދުކުރަން ފުލުހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޯޓު މަރުހަލާއިން އެ މީހަކު ދޫވުންކަން ޝުޖާއު ވެސް ފާހަގަކުރެއްވި އެވެ. އޭނާ ވެސް ގަބޫލުކުރައްވާ ގޮތުގައި މައްސަލަތައް އަވަހަށް ނިންމިގެން ނޫނީ ކުށުގެ ވެށީގައި އެ ކުށްތައް ތަކުރާރުވުން ނިމުމަކަށް ނާންނާނެ އެވެ.
"މި މައްސަލަތަަކަށް އަވަހަށް އެބަޖެހޭ ގޮތެއް ނިންމެން. އަޅުގަނޑުމެން ތަހުގީގުކުރާ ކޮންމެ މައްސަލައެއްގެ ކާމިޔާބީއަށް ބަލާއިރު ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް އެއީ ކޯޓުތަކުގައި ހެކިބަސްދޭ މީހުން. ޓައިމްލީކޮށް މައްސަލަތަކުގައި ހެކިބަސް ދިނުމުން ނިކުންނަ ނަތީޖާ އާއި ހަތަރު-ފަސް އަހަރު ފަހުން ދޭ ހެކިބަހުގައި ވަރަށް ތަފާތު ހުންނާނެ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވާ ސަބަބަކީ ގިނަ މައްސަލަތަކުގައި ހަތަރު-ފަސް އަހަރު ފަހުން ހެކިބަސް ނަގަން ބަލާއިރު ގިނަ ހެކިވެރިންގެ ހަނދާނުގައި ހާދިސާ ހިނގި ގޮތް އެންމެ ފުރިހަމައަށް ނުހުރުމެވެ. އަނެއް ގޮންޖެހުމަކީ ގިނަ ދުވަސްވުމުން ހެކިބަސްދޭން ގިނަ ހެކިވެރިން ބޭނުންނުވުމެވެ. އެހެންކަމުން މައްސަލަތައް ސާބިތުނުވެ ކުށްވެރިޔާ ދޫވެގެން ދެ އެވެ.
"އެހެންވީމާ މީގައި އޮތް އަސްލު ހައްލަކީ އަޅުގަނޑުމެންގެ ތަހުގީގުތައް ވެސް އަވަސްވާންވީ. ޕީޖީގައި އެ ނަގާ މުއްދަތު ވެސް އަވަސްވާންވީ. ކޯޓުތަކުގެ ޝަރީއަތްތައް ވެސް މިހާރަށްވުރެ ވެސް އަވަސްވާންވީ. މައްސަލައެއް ތަހުގީގުކޮށް ނިމޭތާ އެންމެ މަދުވެގެން ހަތަރު މަސްތެރޭ މައްސަލައަށް ކޯޓުން ގޮތެއް ނިންމިގެން ދިއުމުން ރަނގަޅުވާނީ،" ޝުޖާއު ވިދާޅުވި އެވެ.
ގިނައީ އޮންލައިން ޝިކާރަ؛ ފައިސާ ހޯދަނީ މަސްތުވާތަކެއްޗަށް
ކާރެއްތެރޭ މީހަކު ރަހީނުކޮށް އާއިލާއަށް ބިރުދައްކައިގެން ފައިސާ ހޯދަން އުޅުނު މައްސަލައެއް ފެންމަތިވުމުން އާންމުންގެ ގިނަ ބަޔަކު އެންމެ ބޮޑަށް އުފެއްދި އެއް ސުވާލަކީ މި މީހުން މިކަން ކުރަނީ ކިހިނެއް ބާއެވެ؟ އޭނާއަކީ ކާރަށް އެރި ފަސިންޖަރެއް ހެއްޔެވެ؟ ތަނަކަށްދާން ކާރަކަށް އެރުން ވެސް މިހާރު ބިރުވެރިކަމަކަށް ވީ ހެއްޔެވެ؟
ސީޕީ ޝުޖާއު ވިދާޅުވިގޮތުގައި މިގޮތަށް ރަހީނުކުރާ ނުވަތަ ފޭރޭ ގިނަ މައްސަލަތަކުގައި ކުށްވެރިންގެ މަގުސަދަކީ މަސްތުވާތަކެއްޗަށް ކޮންމެވެސް ގޮތަކުން ފައިސާ ހޯދުމެވެ.
މިފަދަ ކުށްތައް ކުރަނީ މައިގަނޑު ދެ ގޮތަކަށްކަން ފާހަގަކުރެވިފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެއް ގޮތަކީ މަސްތުވާތަކެތީގެ ޑީލުތަކުން ގޭންގުތަކުގެ މެދުގައި ޖެހޭ ކޮންމެވެސް މައްސަލައެއްގައި މީހުން ރަހީނުކުރުމެވެ. މިގޮތަށް ރަހީނުކުރާ މީހުން ގިނަ ފަހަރަށް އެ މީހުންގެ ބޭނުން ފުދުމުން މާބޮޑު އަނިޔާއެއް ނުކޮށް ދޫކޮށްލަ އެވެ.
ދެވަނަ ގޮތަކީ މަސްތުވާތަކެތި ގަތުމަށް އާންމުކޮށް ވެސް ފޭރޭ މީހުން ފައިސާގެ ބޭނުމުގައި މީހުން ރަހީނު ކުރުމެވެ. މި މީހުން އެކަން ކުރަނީ އޮންލައިންކޮށް މީހުންނާ ވާހަކަދައްކައިގެންނެވެ. މިއީ މީހުން ރަހީނުކުރުމަށް އެންމެ ގިނައިން ގެންގުޅޭ އުކުޅުކަން ޝުޖާއު ފާހަގަކުރެއްވި އެވެ.
"މިސާލަކަށް އޮންލައިންކޮށް އެއްޗެއް ވިއްކަން ޖަހާފައި ހުންނައިރު މި މީހުން [ކުށުގެ ވެށީގައި އުޅޭ ފޭރޭ މީހުން] މި ހަދާ އެއްޗަކީ އެތަނުން އިޝްތިހާރުކޮށްފައި ހުންނަ ކޮންމެވެސް އެއްޗެއް ގަންނަން ބޭނުންވެގެން ކަމަށް ދައްކައިގެން އެ މީހަކަށް މި ގުޅަނީ. ދެން ގިނަ ތަންތަނުން ޑެލިވާ ވެސް އެބަކޮށްދޭ. އެ އަންނަ ގަޑީގައި އެމީހާ ހިފަަހައްޓައިގެން އޭނާގެ އަތުން ފައިސާ ހޯދަނީ މި،" ޝުޖާއު ވިދާޅުވި އެވެ.
މިފަދަ ކުށްތަކުގެ ޝިކާރައަކަށް ނުވުމަށް އެފަދަ ކަންކަމަށް ހޭލުންތެރިވެ، އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ވަގުތުން ފުލުހުންނަށް ރިޕޯޓުކުރުމަށް ޝުޖާއު އިލްތިމާސް ކުރެއްވި އެވެ. އަދި އެފަދަ ކަމެއް ކުރަން އުޅޭތަން ފެނިއްޖެ ނަމަ ނުވަތަ ޝައްކުކުރެވޭ މީހާ ވީހާވެސް އަވަަހަކަށް ފުލުހުންނަށް ރިޕޯޓުކުރަން އޭނާ އެދިވަޑައިގެންނެވި އެވެ.
ކުށްވެރިން އިސްލާހުކުރުމާއި ކުށް ކުރަން ޖެހިލުންވުން އޮންނަން ޖެހޭ
މިފަދަ ކުށްތައް މަދުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ޝުޖާއު ފާހަގަކުރެއްވީ ކުށްވެރިޔަކު ޖަލު ހުކުމަކުން މިނިވަންވެގެން މުޖުތަމައުއަށް ނުކުންނައިރު އިސްލާހުވެފައި ނުހުރުމެވެ. އެ މީހުންގެ ހިތުގައި ކުށުން އިސްލާހުވުމުގެ ނިޔަތެއް ނޯވެ އެވެ.
ޝުޖާއު ގަބޫލުކުރައްވަނީ އެފަދަ ކުށްތައް ތަކުރާރުކުރުން ހުއްޓުވޭނީ ޖަލުގައި ތިބޭ ގައިދީން ރީހެބިލިޓޭޓް ކުރެވޭނެ ރަނގަޅު ނިޒާމެއްގެ ތެރެއިން މަަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
އޭނާ ވިދާޅުވީ ތަހުޒީބު ގައުމުތަކުގައި ކުށްކުރާ މީހަކު ޖަލަށް ދިއުމާއެކު އޭނާ ސަލާމަތްވެގެން ޖަލުން ނިކުތުމާ ދެމެދު އެ ކުށް ތަކުރާރު ނުކުރާނެ ގޮތަކަށް ގައިދީ އިސްލާހު ކުރުމުގެ ނިޒާމެއް އޮތް ނަމަވެސް ރާއްޖޭގައި އެފަދަ ރަނގަޅު ނިޒާމެއް ނޯންނަ ކަމަށެވެ.
"ރާއްޖޭގައި ޖަލުން ސަލާމަތްވެގެން އެ އަންނަ މީހާ އެ އަންނަނީކީއެއް އޭނާގެ އަމަލުތައް އިސްލާހުވެގެން ހުންނަ މީހެއްގެ ގޮތުގައެއް ނޫން. އެހެންވީމާ ޖަލުން ދޫކޮށްލީމާ އަނެއްކާވެސް އެ ކުށް ތަކުރާރުކުރޭ،" ޝުޖާއު ވިދާޅުވި އެވެ.
ކުށްކުރާ މީހުންނަށް ދެވޭ އަދަބުގެ ތެރެއިން ވެސް އެ ކުށް ކުރުން މަދުކުރެވޭނެ ނިޒާމެއްގެ ތެރެއިން އެކަން ކުރަން އެބަޖެހޭ. އެހެންވީމާ ރީހެބިލިޓޭޝަން މުހިންމުވަނީ."
އެކަމަކު މިކަމުގައި ޝަމީމްގެ ހިޔާލު ތަފާތެވެ. ޖަމާއަތް ހަދާފައި ބަޔަކު އައިސް މަގުމަތިން ހަމަލާ ދިނުމުން އޭނާ ހުށަހެޅުއްވި މައްސަލަ އަދިވެސް ކޯޓުގައި މާބޮޑު ކުރިއެރުމެއް ނުލިބި އޮތުމަކީ އެކަމުގައި އޭނާގެ ހިޔާލު ދެކަފިވާ އެއް ސަބަބެވެ.
މާރާމާރީ އާއި ފޭރުމާއި ވައްކަމާއި މަސްތުވާތަކެތި އަދި ރަހީނުކުރުން ފަދަ ކުށްތަކުގައި ހައްޔަރުކުރާ މީހުން ވަކި ހިސާބަކުން ދޫވާތީ އެފަދަ ކުށެއް ތަކުރާރުކުރުމަށް އެ މީހުން ޖެހިލުންނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖަލުން ދޫވުމާއެކު އަނެއްކާވެސް ކުށުގެ ވެށީގެ ތެރެއަށް ދަނީ އަދަބު ނުދެވޭކަން އަދި ދިނަސް މިނިވަންވާނެކަމުގެ ޔަގީންކަން އޮންނާތީ ކަމަށެވެ.
ކުށް ކުރުމުން އަދަބެއް ނާންނާނެކަން ޔަގީންވާ ނަމަ އެފަދަ މީހަކު އިސްލާހުވެ ރަނގަޅުވާން ވިސްނުން ގެންގުޅެންޖެހޭ ސަބަބަކީ ކޮބައިތޯ ޝަމީމް ސުވާލު އުފެއްދެވި އެވެ.
މިސާލަކަށް ޝަމީމް ދެއްކެވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ހިމެނޭ މީހުންނެވެ. އެ ކުށް ތަކުރާރު ކުރާ މީހުން މަދުކަން ޝަމީމް ފާހަގަކުރެއްވި އެވެ. ސަބަބަކީ އެފަދަ ކުށެއްގައި ހައްޔަރުކުރާ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއްޔާ ބަންދުން ދޫނުވާނެކަމާއި ހުކުމެއް ކޮށްފި ނަމަ އެ އަދަބު ތަންފީޒުވާނެކަން ވެސް އެފަދަ މީހުންނަށް ގަބޫލުކުރެވޭތީ އެވެ.
ޝަމީމް ގަބޫލުކުރައްވާ ގޮތުގައި ކުށްތައް ހުއްޓުވަން އޮތް ހަމައެކަނި ހައްލަކީ ކުރާ ކުށެއްގެ ނަތީޖާއާ މެދު ކުށްވެރިޔާގެ ހިތުގައި ބިރުވެރިކަން ބޭއްވުމެވެ. އެ ބިރުވެރިކަން ބޭއްވޭނީ ކުރާ ކުށަށް އަދަބުދީގެން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ މުޅި ޕޮއިންޓަކީ ހިނގާށޭ އަދަބު ދީފައި އެ އަދަބު ތަންފީޒުވާކަން ޔަގީންކުރަން ސަކަރާތް ނުޖަހާ. ރީހެބިލިޓޭޓު ކުރުމުގެ ވާހަކަ ދައްކަން ހިނގާށޭ އެ ހުކުމް ތަންފީޒުކޮށްގެން ނިކުތީމާ ވެސް ރަނގަޅު ނުވަންޏާ. މިވަގުތު ހަގީގަތަކީ ހަތް އަހަރަށް، ނުވަ އަހަރަށް ޖަލަށް ލިޔަސް އޭނާއަށް ޔަގީންވޭ އޭނާ ކުޑަ ދުވަސްކޮޅެއްތެރޭ މިނިވަންވާނެކަން،" ޝަމީމް ވިދާޅުވި އެވެ.
ގުޅުންހުރި ބައެއް މައްސަލަތައް
ޝަމީމްގެ މި ވާހަކަތަކަށް ޝުޖާއުގެ ވާހަކައިން ބާރުލިބެ އެވެ. މުޖުތަމައުގައި ކުދި ކުށްތަކުގެ ގޮތުގައި ލޭބަލްވެފައި އޮންނަ ވައްކަމާއި ފޭރުން ފަދަ ކުށްތަކުގައި ހަރަކާތްތެރިވަނީ އާންމުގޮތެއްގައި އެއް ބަޔެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވިގޮތުގައި މާލޭތެރޭގައި އެފަދަ ކުށްތައް ކުރާ މީހުންގެ ގޮތުގައި ހަރަކާތްތެރިވަނީ ވަރަށް ކުރިންސުރެ އެ ކުށް ކުރާ ހައެއްކަ މީހުންނެވެ. މި މީހުންނަކީ ފުލުހުންނަށް ފަރިތަ މޫނުތަކެކެވެ. އެ މީހުން މުޖުތަަމައު ތެރެއިން ނުފެނި ގިނަ ދުވަސްތަކެއް ވެއްޖެ ނަމަ ހުންނާނީ އެފަދަ ކޮންމެވެސް އެހެން ކުށެއްގައި ބަންދުގަ އެވެ. ބަންދުން ސަލާމަތްވީހާ އަވަހަކަށް އަނެއްކާވެސް އޭނާ ދުއްވައިގަންނަނީ ހަމަ އެ ކުށް ކުރާށެވެ. އަނެއްކާވެސް އެ ކުށުގައި ހައްޔަރުކުރަންދެން އޭނާ އުޅޭނީ އެ ކުށުގެ ތެރޭގައި ކަމަށް ޝުޖާއު ވިދާޅުވި އެވެ.
މިކަމުގައި އޮތް ބިރުވެރިކަމަކީ އިއްޔެ ވައްކަން ކުރި މީހާ އަނެއް ދުވަހު މީހަކު ރަހީނުކުރުން ފަދަ ކުށެއްގައި ބައިވެރިވެ ކުށްކުރާ ގޮތާމެދު އޭނާގެ ވިސްނުން ނުރައްކާތެރިވުމެވެ.
މިފަހުން މީހަކު ރަހީނުކުރި އެއް މައްސަލައިން މިކަން ފާހަގަކުރެވުނެވެ. އެ ކުށުގެ ތުހުމަތުގައި ސީންއިން ހައްޔަރުކުރި 12 މީހުންގެ ތެރެއިން އެކަކަކީ އޭގެ ދެ މަސް ދުވަސް ކުރިން ގެއަކުން ބުރުމާއެއް ވަަގަށް ނަގައިގެން ފުލުހުން ހައްޔަރުކުރި މީހެކެވެ. އޭނާ ބަންދުން ދޫކޮށްލުމުން ގޮސް މީހަކު ރަހީނުކުރީ އެވެ.
ރަހީނުކުރި މައްސަލާގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި އެހެން މައްސަލައެއްގެ ތެރެއިން ވެސް މިފަދަ މިސާލެއް ފެނުނެވެ. ޑައިމޯފިން ޓްރެފިކް ކުރި މައްސަލައެއްގައި 2016ވަނަ އަހަރު ހައްޔަރުކޮށް 2019ވަނަ އަހަރު އެ ކުށް ސާބިތުވެގެން އުމުރަށް ޖަލަށްލީ މީހެއް 2021ވަަނަ އަހަރުތެރޭ ގޭބަންދަށް ދޫކުރި އެވެ. ނަތީޖާއަކީ އޭގެ ދެ އަހަރުފަހުން 2023ވަަނަ އަހަރުތެރޭ އަނެއްކާވެސް ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައެއްގެ ތެރެއިން އޭނާ އަތުލައިގަނެވުމެވެ. ދެން ވެސް އޭނާ ހުރީ ގޭބަންދުގަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވެސް ކޯޓުގައި ކުރިއަށް އެބަދެ އެވެ.
އެހެން އެކަން އޮއްވާ މި މަސްތެރޭ ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަނަކުން އަނެއްކާވެސް އޭނާ އަތުލައިގަނެވުނެވެ. އުމުރުން 65 އަހަރުގެ މި މީހާގެ ހަށިގަނޑާއި ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އެތަނުން ވެސް މިފަހަރު މަސްތުވާތަކެތި ފެނުނެވެ.
"ވަރަށް ކުރިންސުރެ ވެސް މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅެމުންދާ ފަރާތެއް. އެހެންވީމާ ގޭބަންދަށް ދޫކޮށްލީމާ ވެސް ހަމަ މަސްތުވާތަކެތީގެ ވިޔަފާރީގައި މި އުޅެމުން ދިޔައީ. އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ވަރަށް ގިނަ މީހުންނާ ގުޅުން އޮންނަ މީހެއް. އޭގެތެރެއިން ގޭބަންދުގައި ހުއްޓަސް މަސްތުވާތަކެތި މި ހޯދަނީ،" ފުލުހުން ޑްރަގު އެންފޯސްމަންޓު ޑިޕާޓްމެންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް ނާހިދު ހުސެއިން ވިދާޅުވި އެވެ.
ކުށެއް ކޮށްފި ނަމަ އަދަބު އަންނާނެ ކަމުގެ ބިރު ކޮންމެ މީހެއްގެ ހިތުގައި ވެސް އޮންނަން ޖެހޭނެ އެވެ. އެ ބިރު ބޭއްވޭނީ ގާނޫނުގައި ބުނާ އަދަބެއް އެ މީހަކަށް ދީ، އަަދަބު ތަންފީޒުކުރަން އާދަކުރުވައިގެންނެވެ.
ހަމައެޔާއެކު، ޝުޖާއު އެ ވިދާޅުވާ ގޮތަށް، ހުކުމެއް ތަންފީޒުކޮށްފައި މުޖުތަމައުތެރެއަށް ނުކުންނަ މީހާ ދެވަނަ ފަހަރަށް އެ ކުށް ނުކުރާނެކަން ޔަގީންކުރުމަށް އޭނާގެ އަމަލުތައް އިސްލާހުވާނެ ފަދަ ޕްރޮގްރާމެއްގެ ތެރެއިން ޖަލު އަދަބު ތަންފީޒުކުރުވުމަކީ ވެސް މުހިންމު ކަމެކެވެ.
ކޮމެންޓް