ދަރިވަރިވަރަކު ބެލެނިވެރިއަކާ އެކު ސްކޫލަށް ދަނީ: ރާއްޖޭގެ ރަށެއްގައި ކުޑަކުއްޖަކު ރަހީނުކޮށް ބްލެކް މެއިލް ކުރި މައްސަލައެއް ވަނީ ފެންމަތިވެފައި. (ދައުރު ފައިލް ފޮޓޯ/ އަނޫފް ޖުނައިދް)
ކުއްޖަކު ރަހީނުކޮށް، ބްލެކްމެއިލް ކުރި މައްސަލައެއް ބަލަނީ
ކުޑަކުއްޖަކު ރަހީނުކޮށް، ބްލެކްމެއިލް ކުރި މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލަ ފެންމަތިވެފައި ވަނީ، އަނިޔާ ލިބުނު ކަމަށް ބެލެވޭ ކުއްޖާގެ މަންމަ އެ ވާހަކަތައް ސޯޝަލް މީޑިއާގައި ލިޔުމުންނެވެ. އެއާ އެކު، ފުލުހުން ބުނީ، މި މައްސަލަ ސަމާލުކަމަށް އައިސް، ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ.
ތަފްސީލު - އެ ކުއްޖާގެ މަންމަގެ ޕޯސްޓުގައިވާ ގޮތުން، އޭނާގެ ދަރިފުޅު ގޭގައި ނިދާފައި އޮއްވައި ގްރޫޕަކުން އެ ގެއަށް ވަދެ، ގަދަކަމުން ރަހީނުކުރި އެވެ. އެގޮތުން:
-
މަރާލާނެ ކަމަށް އިންޒާރުދީ، ގެންގޮސްފައިވަނީ ރުއްގަނޑެއްގެ ތެރެއަށް
-
އެއަށް ފަހު، ބަރަހަނާކޮށް ދަނޑިބުރިއަކުން އޭނާ ގައިގައި ތަޅާ ހެދި
-
ވީޑީއޯ ކުރުމަށް ފަހު، ރުފިޔާ ނުދީފި ނަމަ ލީކްކޮށްލާނެ ކަމަށް ބުނެ، ބްލެކްމެއިލް ކުރި
"އޭގެ ފަހުން، ގިނަ ކުދިން ތިބޭ ގްރޫޕަކަށް ވީޑިއޯ ލުމަށް ފަހު، ދަރިފުޅަށް މަރުގެ އިންޒާރު ދިން. މިއަށް ވުރެ ވަކި ސީރިއަސް ކްރައިމެއް ކޮބައިހެއްޔޭ؟ މިއީ، ގްރޭޑް 9ގައި އުޅޭ ކުއްޖަކު އިސްވެ ހުރެ ގްރޫޕަކުން ހިންގި އަމަލެއް،" އެ ޕޯސްޓުގައި މަންމަ ލިޔެފައިވެ އެވެ.
އެއަށް ފަހު ދެން ބުނީ، ދެން ވެސް އޮންނަނީ އަނިޔާ ކުރި ގްރޭޑް 9ގެ ކުއްޖާގެ ހައްގު ކަމަށެވެ. އަދި ދަރިފުޅަށް އިންސާފު ހޯދާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދި އެވެ.
މިކަން ދިމާވެފައިވަނީ ކޮން އުމުރެއްގެ އަދި ކޮން ޖިންސެއްގެ ކުއްޖަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.
ކޮމެންޓް