ފުލުހަކު މަގުމަތީ ހަރަކާތްތެރި ވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
މީހަކު ރަހީނުކޮށް އިނގިލި ބުރިކުރި ކަމުގެ ތުހުމަތަށް 3 މީހުންގެ ގްރޫޕެއް ހައްޔަރުކޮށްފި
މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލި މައްސަލައެއްގައި ތިން މީހުންގެ މައްޗަށް އެކުލެވޭ ގުރޫޕެއް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލާގައި ހައްޔަރުކޮށް ބަންދުކޮށްފައިވަނީ އުމުުރުން 21 އަހަރުގެ ދިވެހި ފިރިހެނަކާއި 18 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ތަފްސީލް - އެމީހުންގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަކިވަކިން ނެރުނު އަމުރުތަކުގައިވާ ގޮތުން އެ ތިން މީހުންނަކީ ވެސް މީގެ ކުރިން ކުށުގެ ރެކޯޑު އޮތް ތިން މީހުންނެވެ.
އެ ތިން މީހުންނަކީ ވެސް އަނިޔާ ލިބުނު މީހާއާ އެކު މަސައްކަތް ކުރި މީހުން ކަން ވެސް ބަންދު އަމުރުތަކުން އެނގެ އެވެ.
ބަންދު އަމުރުތަކުގައިވާ ގޮތުން އަނިޔާ ލިބުނު މީހާ އަށް ގަސްދުގައި ޖިސްމާނީ އަނިޔާ ދީފައިވާ ކަމަށް ފޮޓޯތަކުން އެނގެ އެވެ.
ބަންދު ކުރި ތިން މީހުންގެ މައްޗަށް ވެސް މީހަކު ރަހީނުކޮށް، އިނގިލި ބުރިކޮށްލި ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް އެ ތިން މީހުން ވެސް ވަނީ އެ ތުހުމަތަށް އިންކާރުކޮށް، އަނިޔާ ލިބުނު މީހާ އަށް ލިބިފައިވާ އަނިޔާ އަކީ ޕަވަ ޓޫލެއް ބޭނުން ކުރަނިކޮށް ލިބިފައިވާ އަނިޔާއެއް ކަމަށް ބުނެފަ އެވެ.
އެ ތިންމީހުންނާ ދެކޮޅަށް ވެސް އަނިޔާ ލިބުނު މީހާ އަށް ޖިސްމާނީ އަނިޔާ ދީފައިވާ ކަމަށް ބެލެވޭ ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.