ކުރީ ސަރުކާރުން ގޮސް ތަޅެއް ނާޅުވާ، އެކަމަކު މި އޮތީ ފުނޑާލާފައި
މުހިންމު ނުކުތާތައް
ކުރީގެ ސަރުކާރުން މަސްކިލޯއެއްގެ އަގު 17ރ. އިން 25ރ. އަށް ބޮޑުކޮށް އެންސިސް ކަހަލަ ކުންފުނިތަކުގެ މަތިން ހަނދާން ނައްތާލި
އަމިއްލަ ކުންފުނިތަކަށް ނުއަގުގައި މަހެއް ނުގަނެވޭނެ. އެހެންވެ އެންސިސްގެ ކާރުހާނާ ބަންދުކޮށްފައި ހުންނަތާ އަށް މަސް ވެއްޖެ
އެންސިސްގެ އެދުމަކީ އޯޕަން މާކެޓަށް މަސްވެރިކަން ދޫކޮށްލުން، ނުވަތަ އަމިއްލަ ފެކްޓަރީތައް ސަރުކާރަށް ނަގައި، މުޅި އިންޑަސްޓްރީ ކޮންޓްރޯލްކުރުން
މީގެ ހަތަރު އަހަރު ކުރިން، 9 ޑިސެމްބަރު 2019ގައި، ހުޅުމާލޭ އިންޑަސްޓްރިއަލް ސަރަހައްދުގައި ހުރި އެންސިސްގެ ކޭނަރީ ކުރިމަތި އޮތީ ކުލަތަކުން ދިއްލައިފަ އެވެ. އެތަނަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސް ބައެއް ވެރިން ވަޑައިގަތެވެ. މަސް ދަޅު އުފައްދާ އާ ފެކްޓަރީ ރަސްމީކޮށް ހުޅުވުމަކީ ދިވެހި މަސްވެރިކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
"އެންސިސް ފެކްޓަރީ ވަރަށް ކާމިޔާބު ވާނެ ކަމަށް ގަބޫލުކުރެވެނީ،" އޭގެ ދެ ހަފުތާ ކުރިން އަޅުގަނޑަށް ދެއްވި އިންޓަވިއުއެއްގައި އެންސިސްގެ އެއް ހިއްސާދާރު އަބްދުލް ވާހިދު ވިދާޅުވި އެވެ.
މިދިއަ ހަފުތާގެ ބުދަދުވަހު އަޅުގަނޑު އަނެއްކާވެސް ހުރީ ވާހިދުއާ އެކު ހަމަ އެ ފެކްޓަރީގެ ކުރިމަތީގަ އެވެ. ނަމަވެސް މިއަދު އެތަނުގައި އޮތީ ދިރުމެއް ނޫނެވެ. އެންސިސް ފިޝަރީޒްއިން މިހާތަނަށް އެއްފަހަރާ ކުރި އެންމެ ބޮޑު އިންވެސްޓްމަންޓް، 25 މިލިއަން ޑޮލަރުގެ މަސް ފެކްޓަރީ ބަންދުކޮށްފައި ހުންނަތާ އަށް މަސްދުވަސް ވީ އެވެ.
މި ބޮޑު ގެއްލުން ލިބުނީ ރިޔާސީ އިންތިހާބުގެ ވޯޓަށްޓަކައި ސޯލިހުގެ ސަރުކާރުން މަސް ކިލޯއެއްގެ އަގު 17ރ. އިން 25ރ.އަށް ކުއްލިއަކަށް ބޮޑުކުރުމުންނެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލާން ދެ ހަފުތާއަށް ވެފައި އޮއްވާ، 16 ސެޕްޓެމްބަރު 2023ގައި، ސަރުކާރުން ގެނައި އެ ބަދަލަކީ، ރާއްޖޭގެ އިގުތިސާދު ހިމާޔަތްކުރުމުގެ އެންމެ މަތީ ޒިންމާއިން ސަރުކާރު ދުރުވެ، އަމިއްލަ އިންވެސްޓްމަންޓްތައް ފުނޑާލުމެވެ.
"އަސްލުގައި މި އޮތީ ބަޔަކު އައިސް ފިޒިކަލީ މި ތަނުގައި ތަޅެއް ނޭޅުވިޔަސް މި އޮތީ ތަޅު އަޅުވާފައި،" ބަންދުކޮށްފައި ހުރި ފެކްޓަރީގެ ކުރިމަތީގައި ހުންނަވައި 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ވާހިދު ވިދާޅުވި އެވެ.
"އެއީ ސަރުކާރުން މަހުގެ އަގު ބޮޑުކުރީމާ ބޭރުގެ މާކެޓެއްގައި ނުވިއްކޭނެ އަގެއްގައި ގަންނަން މި ޖެހުނީ. އެހެންވީމާ އޭތި ގަނެގެެން ދެކޮޅެއް ނުޖެހޭ. [މިއީ] ވަރަށް ގިނަ މުވައްޒަފުން [ތިބެގެން] ނުހުއްޓި ވަރަށް ބޮޑު އޮޕަރޭޝަނެއް ދިޔަ ތަނެއް. އެކަމަކު މިއަދު މި ހުރީ މުޅި ތަން ފަޅަށް."
ރާއްޖޭގެ އިގުތިސާދަށް ކުރި އެވަރުގެ ބޮޑު އިންވެސްޓްމަންޓަކަށް ބަލާއިރު މިއީ ދިވެހިން ކަރުނަ އަޅަން ޖެހޭ ކަހަލަ ކަމެކެވެ. ވޯޓު ހޯދުމުގެ ބޭނުމުގައި އޭރުގެ ސަރުކާރުން މަހުގެ އަގު ބޮޑުކުރުމުން، ކަޅުބިލަމަހުގެ މަސްވެރިން އެންސިސް ކަހަލަ އަމިއްލަ ކުންފުނިތަކަށް މަސް ކިރުމުގެ ބަދަލުގައި ހަމައެކަނި މަސް ކިރަން ދަނީ ސަރުކާރުގެ ކުންފުނި މިފްކޯއަށެވެ. ސަރުކާރުން އެ ކުންފުނި 'މަރުން' ސަލާމަތްކުރަނީ އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ސަބްސިޑީ ދީގެންނެވެ.
މަސްވެރިންގެ ވޯޓު ހޯދުމުގެ އެދުމުގައި މަހުގެ އަގު ބޮޑުކުރިޔަސް އިންތިހާބު ކާމިޔާބުނުކުރެއްވި ސޯލިހަށް ޖެހިވަޑައިގަތީ އެއް ދައުރުގެ ރައީސެއްގެ ގޮތުން މަގާމުން ދުރުވެވަޑައިގަންނަވާށެވެ. އެކަމަކު އެމަނިކުފާނުގެ ކުއްލި ނިންމެވުމުގެ އަސްލު އަގަކަށް ވީ އާ ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ވެސް އެތައް ސަތޭކަ މިލިއަން ރުފިޔާއަކުން މަސްވެރިންނަށް ދެރުމެވެ. އެންސިސް ފެކްޓަރީ ބަންދުކުރުމެވެ. އެތަނުގައި އޭރު ވަޒީފާ އަދާކުރަމުން އައި ގާތްގަނޑަކަށް 400 ވަރަކަށް މުވައްޒަފުންނަށް ވަޒީފާ ގެއްލުމެވެ. އޭގެ ތެރޭގައި ގާތްގަނޑަކަށް 200 ދިވެހިން ވެސް ހިމެނެ އެވެ.
މިއީ އުއްމީދުކުރި ދުވަހެއް ނޫން
ދުވާލަކު 25 ޓަނުގެ މަސް ދަޅުގައި ބަންދުކުރުމުގެ ގާބިލްކަން ހުރި ފެކްޓަރީން އޭރު ވަނީ އެތައް ވައްތަރެއްގެ ދަޅު މަސް މާރުކޭޓަށް ނެރެފަ އެވެ. ރާއްޖެއިން ބޭރުގެ އެތައް މާކެޓަކަށް އައީ ފޮނުވަމުންނެވެ. އޭގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ބައެއް ސުޕަމާކެޓްތައް ވެސް ހިމެނެ އެވެ.
ސަބްސިޑީގެ ގޮޮތުގައި މިފްކޯއަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ކޮންމެ އަހަރަކު އެޅިޔަސް، ސަރުކާރުގެ މަސް ކުންފުނި އޮތް ބަލިއެނދުން ދުވަހަކު ވެސް ނެގޭ ގޮތެއް ނުވެ އެވެ. އޭގެ ބަދަލުގައި އެންސިސް ކަހަލަ ކުންފުނިތަކުން އައީ ކުރި ހޯދަމުންނެވެ. މިފްކޯއަށް ކުރެވޭހާ ވެސް ކަމަކީ ނުއަގުގައި ގަންނަ މަސް، ގިނަ ފަހަރަށް ނުއަގުގައި ތައިލެންޑަށް ބޭރުކުރުމެވެ.
"އަޅުގަނޑުމެންނަށް އެބަ އޮތް ވަރަށް ރަނގަޅު މާކެޓްތަކެއް. ވަރަށް ރަނގަޅު ގިނަ ދުވަސްވީ މުވައްޒަފުން ވެސް ތިބި. ވަރަށް ރަނގަޅު ޓެކްނިކަލް ޕްރޮޑަކްޓްސްތައް އުފެއްދިން. ހުރިހާ ކަމެއް ފުރިހަމަކޮށްފައި [ހުރީ] . އެކަމަކު އަގު ކުއްލިއަކަށް ބޮޑުކުރުމާ ގުޅިގެން އަޅުގަނޑުމެން ދުވަހުން ދުވަހަށް ޑިސައިޑްކުރީ [މިއީ] ކުރެވޭވަރުގެ ކަމެއް ނޫނޭ. އެހެންވެ އަޅުގަނޑުމެން ހުއްޓާލާނިއްޔޭ،" ވާހިދު ވިދާޅުވި އެވެ.
އެކަމަކު ފެކްޓަރީ ހުއްޓާލުމަކީ ޖަރުމަން ޑިވެލޮޕްމަންޓް ބޭންކުން ނެގި ލޯނު ދެއްކުމުގެ ބުރަ އެންސިސްއަށް ބޮޑުވުމެވެ. ރާއްޖޭގެ މަސްވެރިކަމަށް ބަލާ ނަމަ 25 ނުވަތަ 30 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކީ އަމިއްލަ ކުންފުންޏަކަށް ވަރަށް ބޮޑު ހޭދައެކެވެ. އެ ހޭދައިގެ އަގު ސަރުކާރުން ވަޒަންނުކުރާ ނަމަ މަސްވެރިކަން ހުޅުވާލާފައި ބޭއްވުމުގެ ބޭނުމެއް ނެތެވެ. ހަމައެކަނި މިފްކޯއަށް ދައުލަތުގެ ފައިސާ އަޅައަޅާ އޮތީމާ ނިމުނީ އެވެ.
އެކަމަކު ސަރުކާރުތަކުން އެއްކޮޅުން ގޮވަނީ މަސްވެރިކަން ފުޅާކުރާށޭ އެވެ. އަނެއް ކޮޅުން އަމިއްލަ އިންވެސްޓްމަންޓްތައް، ވޯޓަށްޓަކައި، ބަނގުރޫޓްކޮށްލަނީ އެވެ.
ވާހިދު ވިދާޅުވި ގޮތުގައި މިއީ ދުވަހަކު ވެސް އުއްމީދުކުރި ދުވަހެއް ނޫނެވެ. އާ ފެކްޓަރީ ހެދީ ޓޫރިޒަމް ދާއިރާއަށް އިންވެސްޓްކުރުމުގެ ފުރުސަތު ވެސް އެންސިސްއަށް އޮއްވަ އެވެ. އެކަމަކު ރާއްޖޭގެ އަމިއްލަ އެންމެ ބޮޑު އެއް މަސް ކުންފުނިން ބޭނުންވީ މަސްވެރިކަމުގައި ހޯދަމުން އައި ކާމިޔާބީތަކައިގެން ކުރިއަށް ދާށެވެ.
"އެންސިސްއަކީ ވަރަށް ޒަމާންވެފައި، ވަރަށް ރަނގަޅު ވިޔަފާރިއެއް ކުރި ކުންފުންޏެއް. ވަރަށް ރަނގަޅު ކޯޕަރޭޓް އައިޑެންޓިޓީއެއް އޮތް ކުންފުންޏެއް. މިއަދު އަޅުގަނޑުމެންގެ ރެޕިއުޓޭޝަންއަށް ވަރަށް ބޮޑު ޑެމޭޖެއް ލިބިއްޖެ،" ވާހިދު ވިދާޅުވި އެވެ.
"އެއީ [ފެކްޓަރީ] ބަންދުކުރުމާ ގުޅިގެން އަޅުގަނޑުމެން މުވައްޒަފުންނަށް ކޮށްދޭން ޖެހޭ ކަންތައް ނުކުރެވުމާއި އަޅުގަނޑުމެންގެ ސަޕްލަޔަރުންނާއި ބަޔަރުންނާ އޮންނަ ރިލޭޝަންޝިޕްތައް ދިއުމާ އެކު ވަރަށް ބޮޑު ހުއްޓުމަކަށް އައިސް މި އޮތީ. އެހެންވެ ކޮމްޕެނީގެ ސްޓޭންޑިން މާކެޓްގައި ވަރަށް ބޮޑަށް ދަށްވެއްޖެ. އެއީ އިންވެސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކޭ. އެއީ އިންޑަސްޓްރީއަށް އިންވެސްޓްކުރާ ބޭފުޅުން ވިސްނަވާނެ ވަރަށް ބޮޑު ކަމެކޭ އަޅުގަނޑު ދަންނަވާނީ. އަޅުގަނޑުމެން އެއްގޮތަށް ވެސް ވިޔަފާރީގައި އުއްމީދުކުރި ދުވަހެއް ނޫން މިއީކީއެއް."
ސަރުކާރުން ކޮންޓްރޯލް ކުރާ ނަމަ މިތަން ވެސް ނަގާ!
ސަރުކާރުތަކުން ކުއްލި ކުއްލިއަށް ގެންނަ ސިޔާސަތުތަކާ އެކު އަމިއްލަ މަސް ފެކްޓަރީތައް ބަންދުކުރަން ޖެހޭ ނަމަ، ވާހިދުގެ ނަޒަރުގައި، ސަރުކާރަށް އޭނާގެ ފެކްޓަރީ ވެސް ނަގަންވީ އެވެ. އޭރުން އެންމެ ކުޑަވެގެން އެތަނަށް ކުރި ހޭދައިގެ ކޮންމެވެސް ބައެއް ލިބޭނެ ކަމަށް ގަބޫލުކުރައްވަ އެވެ.
"ހަގީގަތުގައި މިހާރު މި އޮތީ ސަރުކާރުން އިންޑަސްޓްރީ ކޮންޓްރޯލްކޮށްފައި. އެހެންވެ މީގައި އަޅުގަނޑުމެންނަށް އޮތީ ދެ ޗޮއިސްއެއް. އެއީ ސަރުކާރުން އަގު އެގޮތަށް ދޫނުކޮށްލާ ކޮންޓްރޯލްކުރާ ކަމަށް ވަންޏާ މި އިންޑަސްޓްރީ [ފެކްޓަރީ] ވެސް ސަރުކާރަށް ނަންގަވާށޭ. އޭރުން އަޅުގަނޑުމެންގެ އިންވެސްޓްމެންޓް ކޮންމެވެސް ވަރަކަށް ރިއަލައިޒްވާނެ،" ވާހިދު ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެން އެންމެ ބޮޑަށް އެދޭ ގޮތަކީ އޯޕަން މާކެޓަށް ދޫކޮށްލުން. އެއީ މިހާ ދުވަހު ކޮށްފައި އޮތް މަސައްކަތެއް ވީމާ އަޅުގަނޑުމެންގެ އެބަހުރި މަސައްކަތުގައި ކުރިއަށް ދިއުމުގެ ތަޖުރިިބާ، ފެސިލިޓީ. އެހެން ނަމަވެސް [ސަރުކާރުން] ކޮންޓްރޯލްކުރާ ކަމަށްވާ ނަމަ ފުލްކޮށް ކޮންޓްރޯލްކުރަންވީ. އިންޑަސްޓްރީ ޓޭކްއޯވާކުރީމާ އެކަން ހަމަޖެހުނީ."
އެކަމަކު އަމިއްލަ ކުންފުނިތައް ފުނޑާނުލައި ވެސް މަސްވެރިންނަށް ސަބްސިޑީ ދެވޭނެ ގޮތްތައް ސަރުކާރަށް އެބަ އޮތެވެ. މިސާލަކަށް މިފްކޯ ނޫނަސް ކޮންމެ ކުންފުންޏަކަށް މަސްވެރިން މަސް ކިރިޔަސް ސަރުކާރުން ކަނޑައަޅާ ސަބްސިޑީއެއް ދިނުމެވެ. މާނައަކީ މަސްވެރިން އެންސިސްއަށް މަސްކިރިޔަސް، ކިލޯއަކަށް އެ އިތުރުވާ ބައި، (ކުރީގެ ސަރުކާރުން އަގު ބޮޑުކުރިއިރު މަސް ކިލޯއެއް ކިރަމުން އައީ 17ރ.އަށް. ބޮޑުކުރުމުން ކިލޯއަކަށް އަށް ރުފިޔާ އިތުރުވޭ) ސަރުކާރުން ދިނުމެވެ.
ވާހިދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުން ބަޖެޓް ފާސްކުރީ ވެސް މަސްވެރިންނަށް އެހީއެއްގެ ގޮތުގަ އެވެ. އެހެންކަމުން އެ އެހީއަކީ ހަމައެކަނި މިފްކޯ މެދުވެރިކޮށް ދޭން ޖެހޭނެ އެއްޗެއް ކަމަކަށް އޭނާ ގަބޫލެއްނުކުރައްވަ އެވެ.
"އަޅުގަނޑުމެން ނުބުނަން އެއްވެސް ވަރަކަށް އަޅުގަނޑުމެންނަށް އެއްވެސް ފައިސާއެއް ދޭށެކޭ. ސަރުކާރުން ވެސް އެކަން ކުރައްވަނީ މަސްވެރިންނަށް ރަނގަޅު މަންފާއެއް ދިނުމުގެ ގޮތުން. ރައްޔިތުންގެ މަޖިލިހުން ބަޖެޓް ފާސްކޮށްފަައި އޮތީ އެގޮތަށް، މަސްވެރިންނަށް ރަނގަޅު އަގެއް ދިނުމުގެ ގޮތުން،" ވާހިދު ވިދާޅުވި އެވެ.
"އެކަމަކު އޭގެ މަގުސަދާ ހިލާފަށް މިހާރު އެ ފައިސާ މި ދެނީ މިފްކޯގެ ގެއްލުން ފޫބައްދަން ލާރި ޕަމްޕްކުރަނީ. އަޅުގަނޑުމެން މި ބުނަނީ މަޖިލިހުން ވެސް ފާސްކޮށްފައި އޮތް ގޮތަށް ސީދާ މަސްވެރިންނަށް އެ ފައިސާ ދޭ ގޮތަށް ހަމަޖައްސާށޭ. އަޅުގަނޑުމެންނަށް މަސް ކިރިޔަސް، މިފްކޯއަށް މަސްކިރިޔަސް، މަސްވެރިންނަށް އެ މަންފާ ލިބޭނެ."
އިތުރު ލިއުންތައް
އެކަމަކު އެއްވެސް ސަރުކާރަކުން އެގޮތަކަށް އަމަލެއް ނުކުރެ އެވެ. އެހެންކަމުން ދުވަހަކު ވެސް ކޮޅަށް ނުޖެހުނު މިފްކޯގެ ފޫނެތް ފަޔަށް ފައިސާ އަޅައަޅާ ތިބެނީ އެވެ. މަސްވެރިކަން ފުޅާކުރުމުގެ ވިސްނުމާ ސަރުކާރުތަކުން ދުރަށް ދަނީ އެވެ. ދިވެހި މަސްވެރިކަމުގެ އަސްލު ބޮޑުމިން އެނގިވަޑައިގަންނަވަނީ ވާހިދު ކަހަލަ އަމިއްލަ ވިޔަފާރިވެރިންނަށެވެ. ނަމަވެސް އެ ވިޔަފާރިވެރިން ހިމާޔަތްކުރުމުގެ ބަދަލުގައި މި ފެންނަނީ ފުނޑާލަމުން ގެންދާ ތަނެވެ.
ވާހިދު ވިދާޅުވީ ތެދެކެވެ. ސަރުކާރުން ގޮސް އެންސިސް ފެކްޓަރީގައި ތަޅެއް ނާޅުވަ އެވެ. އެކަމަކު މި ޖެހުނީ ކޮން ތާކު ހެއްޔެވެ؟ އެތައް ޕްރޮޑަކްޓެއް މާކެޓުން ގެއްލުނީ އެވެ. އެތައް ސަތޭކަ މުވައްޒަފުންނެއް ވަޒީފާއިން ވަކިކުރަން ޖެހުނީ އެވެ. ބޮޑު ފެކްޓަރީއެއް، އެންމެ ދުވަހަކުން، ހުއްޓާލީ އެވެ.
މިއަށް ކިޔަން ޖެހޭނީ ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ އަމިއްލަ ވިޔަފާރިއެއް ސިޔާސީ އެދުމުގައި ފުނޑާލީ ކަމަށެވެ.
ކޮމެންޓް (6)
ޅޮލޮ
އަނގަ
އަނެއްކަންތައް
ބަހަނާ މޭން
ސސސސ
ވަސީ