ސީފުޑް އެކްސްޕޯ ނޯތު އެމެރިކާ 2023 ގައި އެންސިސްއިން ބައިވެރިވެ އެ ކުންފުނީގެ އުފެއްދުންތައް ދައްކާލަނީ. ފޮޓޯ/އެންސިސް)
އެންޒީ މަސްހުނި ދަޅަށް އެމެރިކާގެ ފެއާއެއްގައި މަގުބޫލުކަން ލިބިއްޖެ
އެމެރިކާގެ ބޮސްޓަންގައި މިހާރު ކުރިއަށްދާ 'ސީފުޑް އެކްސްޕޯ ނޯތު އެމެރިކާ 2023' ގައި އެންސިސް ފިޝަރީޒްއިން ބައިވެރިވެ އެ ކުންފުނީގެ އުފެއްދުންތައް އެމެރިކާގެ މާކެޓަށް ފުޅާކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި އެކްސްޕޯއަކީ ނޯތު އެމެރިކާގެ ސީފުޑް މާކެޓަށް އަމާޒުކޮށްގެން ކޮންމެ އަހަރެއްގެ މާޗު މަހުގައި ބާއްވާ އެކްސްޕޯއެކެވެ.
މި އެކްސްޕޯގައި ދުނިޔޭގެ ގިނަ ގައުމުތަކާއި ބޮޑެތި މަސް ކުންފުނިތަކުން ބައިވެރިވެ އެވެ.
ބުނީ ކީކޭ؟ - އެންސިސް ފިޝަރީޒްއިން އެ އެކްސްޕޯގައި ބައިވެރިވާ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން އަފީފް ވިދާޅުވީ، އެ އެކްސްޕޯގައި ބައިވެރިވުމުގެ އަމާޒަކީ އެންސިސްއިން ރާއްޖޭގައި ބަންދުކުރާ ދަޅުގެ އެކި އުފެއްދުންތަކާއި ގަނޑުކުރި މަސް އެމެރިކާގެ އިތުރު މާކެޓުތަކަށް ތައާރަފުކުރުން ކަމަށެވެ.
ތަފްސީލު - އެ އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންނަށް އެންސިސް އަދި ދިވެހި އެކި އުފެއްދުންތަކުގެ ރަހަ ބަލައިލުމުގެ ފުރުސަތު އެންސިސް ސްޓޯލުގައި ވަނީ ފަހިކޮށްދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެންސިސް ކޭނިން ފެކްޓްރީގައި އުފައްދާ:
-
އެންޒީ ބްރޭންޑުގެ މަސްހުނި ދަޅު
-
ދިވެހި ވަޅޯމަސް
-
ތެލުލި ބަނޑައިދޫ
އޭގެ ތެރެއިން އެންމެ ތަފާތު އަދި މީރު އުފެއްދުމަކަށްވީ، އެންސިސްއިން ބުނި ގޮތުގައި އެންޒީ ބްރޭންޑުގެ މަސްހުނި ދަޅެވެ.
އެނގުން މުހިންމު - ކޮވިޑް-19 އަށް ފަހު މިއީ މި އެކްސްޕޯ ބޭއްވި ދެ ވަނަ އަހަރެވެ. ރާއްޖޭގެ ފިޝަރީޒް ޕްރޮމޯޝަން ބޯޑާއި މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަނާ އެއްކޮށް ކޮންމެ އަހަރަކުވެސް ދިވެހި ބޮޑެތި މަސް ކުންފުނިތައް މި އެކްސްޕޯގައި ބައިވެރިވެ އެވެ.
އެންސިސްއިން ބުނި ގޮތުގައި ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީ ދުނިޔެ ބަލައިގަންނަ، ތިމާވެއްޓާ އެންމެ ރައްޓެހި އަދި ދެމެހެއްޓެނިވި މަސްވެރިކަމެވެ. މިފަހަރުގެ އެކްސްޕޯގައި ރާއްޖޭގެ ޝިޔާރަކީ 'މޯލްޑިވްސް ޓޫނާ - ވޯލްޑްސް މޯސްޓް ސަސްޓެއިނަބަލް' އެވެ.