އެންސިސްގެ ދަޅުމަސް ބަންދުކުރާ ފެކްޓަރީ 9 ޑިސެމްބަރު 2021ގައި ހުޅުއްވައިދެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ތަން ބައްލަވާލައްވަނީ. (ފައިލް ފޮޓޯ/ރައީސް އޮފީސް)
މަހުގެ އަގު ބޮޑުކުރުމުން އެންސިސް އިން މަސް ގަތުން ހުއްޓާލައިފި
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މަސް ގަންނަ އަގު މިއަދުން ފެށިގެން 25ރ.އަށް ބޮޑުކުރުމުން، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ އަމިއްލަ އެއް ކުންފުނި، އެންސިސް އިން މަސް ގަތުން ހުއްޓާލައި ހައްލެއް ނުލިބިއްޖެ ނަމަ މި ފެށޭ ހަފްތާގެ ތެރޭގައި އެ ކުންފުނީގެ ކޭނަރީތައް ބަންދުކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެއިން ވިލާތުގެ ގައުމުތަކަށް ބޭރު ކުރާ މަހަށް ޑިއުޓީ ކަނޑާލާނޭކަމުގެ ޔަގީންކަން ލިބިފައި ވާތީ، ސަރުކާރުން ވަނީ މިއަދުން ފެށިގެން މަސްވެރިންގެ އަތުން މަސް ގަންނަ އެންމެ ދަށް އަގަކީ 25ރ. ކަމުގައި ހަމަޖައްސައި އިއްޔެ އެކަން އިއުލާން ކޮށްފަ އެވެ.
ބުނީ ކީކޭ؟ - ސަރުކާރުގެ ނިންމުމާ ގުޅިގެން 'ދައުރު'އާ ވާހަކަދައްކަވަމުން އެންސިސްގެ ޗެއާމަން މުހައްމަދު ވަސީމް ވިދާޅުވީ، ސަރުކާރުން ނިންމި އަގުގައި މަސް ގަތުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"[މީގެ ކުރިން] 17ރ.އަށް ގަންނަނީ ވެސް ވަރަށް އުނދަގުލުން. އެކަމާ ބެހޭ ގޮތުން ވެސް ސަރުކާރާ މަޝްވަރާ ކުރަމުން އަންނަނިކޮށް މަސް ގަންނަ އަގު ބޮޑުކުރަން ނިންމީ ކުއްލިއަކަށް،" އޭނާ ވިދާޅުވި އެވެ.
"އެއްވެސް އެންގުމެއް، މަޝްވަރާއެއް ނެތި ނިންމުމެއް މިއީ. އަޅުގަނޑުމެންނަށް މި ގޮތަށް ބަދަލުކުރިކަން އެނގުނީ ވެސް ނޫހަކުން."
ތަފްސީލު - މަހުގެ އަގު ބޮޑުކުރުމުން، ވަސީމް ވިދާޅުވި ގޮތުގައި، ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވާނެ އެވެ. އާންމުކޮށް ކޭނަރީތަކުން 15 ދުވަހުގެ ކުރިއަށް އޯޑަރުތައް ނަގާފައި ހުންނައިރު، ކުއްލިއަކަށް މަހުގެ އަގަށް ބަދަލު ގެނައުމުން، ވަސީމް ވިދާޅުވީ މަސް ގަތުން ހުއްޓާލުން ނޫން ގޮތެއް ނެތް ކަމަށެވެ.
"އޯޑަރުތަކުގައި ހުންނާނެ ލީގަލް ޓާމްސް ވެސް. އޯޑަރުތައް ކެންސަލް ކުރީމަ ގެއްލުމުގެ ބަދަލު ވެސް ދޭން ޖެހޭނެ. އެ ބަދަލު ދިނުން ވެސް މާ ހަރަދު ކުޑަ ވާނެ 25ރ.އަށް ގަތުމަށް ވުރެ،" އޭނާ ވިދާޅުވި އެވެ.
އެންސިސްއަށް އެ ނޫން ގޮތެއް ނެތިގެން މަސް ގަތުން ހުއްޓާލާއިރު، ވަސީމް ވިދާޅުވީ އޭގެ ސަބަބުން އެ ކުންފުނިން ނަގާފައިވާ ބޮޑު ލޯނެއް ދެއްކޭނެ ގޮތެއް ނެތުމާއި މުވައްޒަފުންގެ ވަޒީފާތައް މަދުކުރަން ޖެހުން ފަދަ ބޮޑެތި މައްސަލަތައް ނުކުންނާނެ އެވެ.
"އަޅުގަނޑުމެންގެ ކޭނަރީގައި މަސައްކަތް ކުރާ 400 މުވައްޒަފުންގެ ތެރެއިން %80 މީހުންނަކީ އަންހެނުން. ގާތްގަނޑަކަށް 200 ވަރަކަށް މީހުންގެ ވަޒީފާ ގެއްލޭނެ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ދަޅުގައި މަސް ބަންދުކުރާ ކޭނަރީ ބަންދުކުރަން އެންސިސް އިން އަދި ނުނިންމަ އެވެ.
"ސަރުކާރާ ވާހަކަ ދައްކައިގެން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ގޮތެއް ނުފެނިއްޖެ ނަމަ ކޭނަރީ ބަންދުކުރާނީ،" ވަސީމް ވިދާޅުވި އެވެ.
"ސަރުކާރުގެ އިސް މީހުންނަށް މެސެޖު ދީފިން. ގޮތެއް ހޯދޭތޯ ބަލާ ވާހަކަ ވިދާޅުވި."
އެނގުން މުހިންމު - ޔޫރަޕުން ޑިއުޓީ ކަނޑާލާނެ ކަމުގެ ޔަގީީންކަން ސަރުކާރަށް ދިިން ނަމަވެސް، ޑިއުޓީ ކަނޑާލާނީ ސީދާ ކޮން ދުވަހަކު ކަމެއް އަދި ނޭނގެ އެވެ. ވަސީމް ވިދާޅުވީ ޔަގީންކަން ލިބިގެން މަސް ގަންނަ އަގު ބޮޑުކުރުމުގެ ބަދަލުގައި އެފަދަ ބަދަލެއް ގެންނަންވާނީ ޑިއުޓީ ކަނޑާލުމުން ކަމަށެވެ.
އޭގެ އިތުރުން، ގެއްލުންވިޔަސް، ސަރުކާރުން ސަބްސިޑީ ދޭތީ މިފްކޯއަށް ބޮޑު އަގުގައި މަސް ގަނެވުނު ނަމަވެސް، އަމިއްލަ ކުންފުނިތަކަށް އެފަދަ ސަބްސިޑީއެއް ނޯންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ސަރުކާރަށް ދެމުން އަންނަ ލަފައަކީ މިފްކޯއަށް ސަބްސިޑީ ނުދީ، މަސްވެރިންނަށް ސަބްސިޑީ ދިނުމަށް. މިފްކޯއަށް ސަބްސިޑީ ދިނުމަށް ހިނގާ ހަރަދުގެ ދެ ބައިކުޅަ އެއް ބައި ވެސް ނުދާނެ އޭރުން. މިކަން އިކޮނޮމިކް މިނިސްޓަރު ވެސް ގަބޫލުކުރައްވާ،" ވަސީމް ވިދާޅުވި އެވެ.
-
އިތުރަށް ކިޔާލަން - މަސް ގަންނަ އަގު ބޮޑުކުރުމަކީ ވަރަށް ބޮޑު ގެއްލުމެއް: އެންޒީ
ގުޅުންހުރި ކަމެއް - މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ، މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެކި ކެންޑިޑޭޓުން ތަކުރާރު ކުރައްވާފައިވާ ވައުދެކެވެ. އެގޮތުން:
-
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ މަހުގެ އަގު 26ރ.އަށް ބޮޑުކޮށްދޭން ވައުދުވެވަޑައިގެންފައި
-
ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބް ވަނީ މަސް ކިލޯއެއްގެ އަގު 25ރ.އަށް ހަައްދަވާނެ ކަމަށް ވިދާޅުވެފައި
-
މި މަހުގެ 30ގައި ބާއްވާ ދެ ވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވާ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ކިލޯއެއްގެ އަގު ދަށްވެގެން 20ރ.އަށް ހައްދަވާނެ ކަމަށް
އެނގުން މުހިއްމު - ކެންޑިޑޭޓުންގެ މިފަދަ ވައުދުތަކާ ގުޅިގެން މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ވަނީ، މަސްވެރިން ބާނާ މަސް މާކެޓު ރޭޓުގައި ގަތުމުގެ ބަދަލުގައި ވަކި އަގެއް ކަނޑައަޅައިގެން ގަތުމަކީ ވިޔަފާރީގެ ހަމަތަކުން ބަލާ އިރު ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.