އެންޒީގެ ފިހާރާއެއް: އެންޒީއަކީ އެންސިސް ކުންފުނީގެ ދަށުން ހިންގާ ބްރޭންޑެއް. (ފޮޓޯ/އެންސިސް)

އެންސިސްއަށް 21 އަހަރު؛ 'މިއީ ފަހުރުވެރިވާ، ޕްރީމިއަމްް ޕްރޮޑަކްޓެއް'

އެންސިސް ޕިޝަރީޒް އަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ކުންފުނި
18 ފެބްރުއަރީ 2023

ރާއްޖޭގެ މަސް ކުންފުނި، އެންސިސް ފިޝަރީޒްއަށް 21 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރަމުން އަންނައިރު، އެންމެ ފަހުރުވެރިވާ ކާމިޔާބީއަކީ އެންސިސްގެ މަހުގެ ބާވަތްތަކަކީ ޔޫރަޕް އަދި އެމެރިކާގެ ކަސްޓަމަރުންގެ މެދުގައި ކޮލިޓީ ރަނގަޅު 'ޕްރީމިއަމް ޕްރޮޑަކްޓް'އަކަށް ވެފައި ވުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެންސިސްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ނެރުއްވި ބަޔާނެއްގައި ވާހިދު ވަނީ، ފާއިތުވެދިޔަ އަހަރުތަކުގައި އެންސިސްއަށް ލިބިފައިވާ ކުރިއެރުމާއި ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފަ އެވެ.

ބުނީ ކީކޭ؟ - ކުންފުނި ހެދި ދުވަސްވަރަށް ބަލާލާއިރު، ވާހިދު ވިދާޅުވީ، އެންސިސް ވުޖޫދަށް އައީ އާ ގޮތްތައް އުފެއްދުމުގެ ސަގާފަތާއި މުޖުތަމައުއަށް ފައިދާހުރި ކަމެއް ކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ. އެ ވިސްނުމުގެ ތެރެއިން މަސްވެރި ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދެމުން، މާކެޓަށް ބޭނުންވާ ފަދަ ތަކެތި އުފެއްދޭނެ ސްޓެރެޖީތައް ގާއިމްކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަސައްކަތްތަކާ އެކު، މިދިޔަ 20 އަހަރުގެ ތެރޭގައި އަހަރެމެން ކުރިއެރުވީ އެންސިސް އެކަންޏެއް ނޫން، މުޅި ރާއްޖޭގެ ފިޝަރީޒް އިންޑަސްޓްރީ،" ބަޔާނުގައި ވާހިދު ލިޔުއްވި އެވެ.

ދިވެހި މަސްވެރިން ދޮށީގެ މަސްވެރިކަމުގައި (ފޮޓޯ/ އެންސިސް ފިޝަރީޒް)

މިއަދު ރާއްޖޭގެ ކަނޑުމަހަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ތިމާވެއްޓާ ރަހުމަތްތެރި، ފެންވަރު ރަނގަޅު ކަނޑުމަސްކަން ފާހަގަކުރައްވައި އެންސިސް އަކީ ދުނިޔޭގައި 'ޕްރީމިއަމް ޕްރޮޑަކްޓެއް'ގެ ގޮތުގައި ބަލައިގަންނަ ބްރޭންޑެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއެރުންތައް ފާހަގަކުރާ ވަގުތު ދަތިތަކާއި ގޮންޖެހުންތަކުގެ މަތިން ވެސް ހަނދާން ކުރަން ޖެހޭނެ ކަމަށް ވާހިދު ވިދާޅުވި އެވެ. އެގޮތުން، 2020ގައި ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމަކީ އެފަދަ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި އޭނާ ވަނީ، އެންމެން އެކުގައި މަސައްކަތްކޮށްފި ނަމަ ކޮންމެ ކަމަކުން ވެސް އަރައިގަނެވިދާނެކަން އެފަދަ ކަންތައްތަކުން ސާބިތު ކޯށްދޭ ކަމަށް ވިދާޅުވެފަ އެވެ.

ވާހިދު ފާގަކުރެއްވި ގޮތުގައި، 21 އަހަރުގެ ދަތުރަށް ބަލައިލާއިރު އެންސިސްގެ އެންމެ އަގު ބޮޑު ވަސީލަތަކީ ކުންފުނީގެ ހީވާގި މުވައްޒަފުންނެވެ. އެހެންކަމުން، އޭނާ ވަނީ މި މުނާސަބަތުގައި ހުރިހާ މުވައްޒަފުންނަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު އަދާކުރައްވާފަ އެވެ.

އެންސިސްގެ ދަޅުމަސް ބަންދުކުރާ ފެކްޓަރީ 9 ޑިސެމްބަރު 2021 ގައި ހުޅުއްވައިދެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ތަން ބައްލަވާލައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިއްމު - އެންސިސް ފިޝަރީޒް އަކީ މިފްކޯއަށް ފަހު ރާއްޖޭގައި އުފެއްދި ދިޔަ ފުރަތަމަ މަސް ކުންފުންޏެވެ. ރާއްޖޭގެ އަމިއްލަ މަސް ކުންފުނިތަކުގެ ތެރެއިން އެންސިސް އަކީ އެންމެ ގިނަ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ކުންފުނި ވެސް މެ އެވެ. ވާހިދުގެ އިތުރުން އެންސިސްގެ އަނެއް ދެ ހިއްސާދާރުންނަކީ މުހައްމަދު ވަސީމް އިސްމާއިލް އާއި އަބްދުﷲ ސައީދެވެ.

ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ތަކެތީގެ އިތުރުން ދިވެހިންނަށް ހާއްސަކޮށް އެންސިސް އިން 'އެންޒީ' ބެރޭންޑުގެ ދަށުން ދަޅުމަހާއި ރިހާކުރާއި ވަޅޯމަހާއި އެހެނިހެން ތަކެތި ވިއްކަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް