21 އޮގަސްޓް 2025: 'ވޭކްއަޕް'ނަމުގައި އާޓިފިޝަލް ބީޗްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ޔާމީން ވާހަކަ ދައްކަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުންނަށް ލިބޭ ހަދިޔާއަކީ ރިޝްވަތު: ޔާމީން

މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހަޅަންޖެހޭނީ އޮޑިޓުކޮށްފައި އޮންނަ ބަޔާނެއްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އަމިއްލައަށް މާލީ ބަޔާނެއް ތައްޔާރުކޮށްގެން ހުށަހެޅުމުން ހިސާބުތައް ދެކޮޅު ނުޖެހޭ ކަމަށް؛ އަދި މާލީ ބަޔާންތައް ދެކޮޅު ނުޖެހޭތީ އެ މައްސަލަ ބަލަންޖެހޭ ކަމަށް ވިދާޅުވި

ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުނަށް ލިބޭ "ހަދިޔާ" އަކީ ރިޝްވަތެއް ކަމަށާއި އެތަކެތި އެބޭފުޅުންނަށް ލިބިފައިވާ ގޮތް، މާލީ ބަޔާންތަކުން ސާފުނުވާ ނަމަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ އިސް ނެގުމުގެ މަތިން އެކަން ބަލަންޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި މަޖިލިސް މެންބަރުންގެ މާލީ ބަޔާންތަކުގައި ވެރިކަން ކުރާ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް މެންބަރުންނަށް ބޮޑެތި ނަފާތަކެއް ލިބިފައިވާ ކަމަށް ދައްކަ އެވެ. މީގެ ތެރެއިން ބައެއް މެންބަރުންގެ މާލީ ބަޔާންތަކުގައި އެވަރުގެ ބޮޑު މުއްސަނދިކަމެއް ލިބުނު ގޮތުގެ ސީދާ ތަފްސީލުތަކެއް ހިމަނާފައެއް ނެތެވެ. ހަމައެކަނި ފާހަގަކޮށްފައިވަނީ އެއީ ހެޔޮއެދޭ ފަރާތްތަކުން ދީފައިވާ "ހަދިޔާ"އެއް ކަމަށެވެ.

އަނެއްބައި މެންބަރުން ލިބޭ އާންމުދަނީއާ، ބޭންކުތަކުގައި ރޯލުކުރަމުންދާ ކަމަށް މާލީ ބަޔާނުގައި ފާހަގަކޮށްފައިވާ ފައިސާއާ ނުބައްދަލުގެ ލޯން ނަންގަވައި، އެ ލޯންތަކުގެ ބޮޑުބައެއް ދައްކާފައިވާ ކަމަށް ވެސް މާލީ ބަޔާންގައިވެ އެވެ. ނަމަވެސް އެ ފައިސާ ދެއްކެވިގޮތުގެ ތަފްސީލުތަކެއް ވެސް ހިމަނާފައެއް ނުވެ އެވެ.

ބުނީ ކީކޭ؟ - މާލީ ބަޔާނުގައި ހިމަނާފައިވާ މާލީ ހިސާބުތަކާއި އެމީހުންނަށް ލިބެމުންދާ އާމްދަނީއާ ދިމާނުވާކަން ފާހަގަކުރައްވާ، ރޭ އޮތް ޕީއެންއެފް ޖަލްސާގައި އެ މެންބަރުންނަށް ވަނީ ފާޑުކިޔާފަ އެވެ.

އެގޮތުން މި ޖަލްސާގައި އެންމެ ބޮޑަށް ޔާމީން ފާޑުވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހަށެވެ.

ފަލާހުގެ ނަންމަތީގައި އޮންނަ ހަ ބޭންކު އެކައުންޓެއްގައި ހުރި ކަމަށް މާލީ ބަޔާންގައި އޮތީ އެންމެ ލައްކައެއްހާ ރުފިޔާ ކަމަށްވާއިރު، އޭނާގެ ބީއެމްއެލް އިން މި އަހަރުތެރޭ 15.7 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވަނީ ކިހިނެއްތޯ ޔާމީން ސުވާލު އުފެއްދެވި އެވެ. އަދި އެ ލޯނަށް މި އަހަރުގެ މިހާތަނަށް 500،000ރ. ދައްކަވާފައިވަނީ ކިހިނެއްތޯ ވެސް ސުވާލުކުރެއްވި އެވެ. 

ޔާމީން ތުހުމަތުކުރެއްވި ގޮތުގައި ފަލާހު ގެންގުޅުއްވާ ފައިސާގެ އަސްލު އަދަދު މާލީ ބަޔާނުގައި ހިމަނުއްވާފައެއް ނުވެ އެވެ. ގެދޮރުގެ އިތުރަށް މާލެއިންނާއި ހުޅުމާލެއިން ވެސް ގޯތި އޮތްއިރު، އެ ވަރުގެ އާމްދަނީއެއް ހޯދާ މީހެއްގެ ބޭންކު އެކައުންޓުގައި އެންމެ 100،000ރ. ހުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ:

  • އެންމެ 100،000ރ. ބޭންކް އެކައުންޓުގައި ރޯލު ކުރާ މީހަކަށް 15 މިލިއަންގެ ލޯނެއް ބޭންކަކުން ނުދޭނެ؛ އޭގައި ގޯހެއް އެބައުޅޭ

  • މާލީ ބަޔާނުގައި އެގޮތަށް އޮތުމުން އެނގެނީ ފައިސާ ފޮރުވައިގެން އެ އުޅޭކަން؛ ފައިސާ ފޮރުވައިގެން އުޅުމަކީ މަނީ ލޯންޑަރިންގެ އަމަލެއް

  • އެވަރުގެ ފައިސާ އަތުގައި ހުރެގެން ނޫނީ ބީއެމްއެލްއިން ލޯނެއް ނުދޭނެ؛ ދީފައި އޮތް ނަމަ އެއީ ބީއެމްއެލްއިން ވެސް ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެ ކަމެއް 

  • އެކަމަށް ދޮގު ބަޔާން ހުށަހަޅާ މެންބަރުވެސް ޖަވާބުދާރީވާންޖެހޭނެ

"ދެެން އަނެއް މައްސަލައަކީ މީނަ ލާރި ފޮރުވައިގެން މިއުޅެނީ ކީއްވެހޭ. ލާރި ފޮރުވައިގެން އުޅޭ ކަމަށްވަންޏާ އެއީ މަނީލޯންޑަރިންގެ ލާރިއެއް، އެއީ ނުހައްގު މުއްސަދިކަން. މީނައަށް ވެސް މިހާރު މަޖިލިސް މެންބަރުކަން ކުރާ ބޭފުޅުންނަށް މި ލިބެނީ ހަދިޔާ ނޫންތޯ. ނަޒާހަތްތެރި ބޭފުޅުން ނަޒާހަތްތެރިކަމުން ހުރިހާ ބޭފުޅުންނަށް ހަމަ ލިބެނީ ހަދިޔާ،" ޔާމީން ވިދާޅުވި އެވެ.

ހުށަހަޅަންޖެހޭނީ އޮޑިޓުކޮށްފަ އޮންނަ ބަޔާނެއް

ޔާމީން އެ ބައްދަލުވުމުގައި ފާހަގަކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެ މާލީ ބަޔާންތަކަކީ މަޖިލިސް މެންބަރުން އަމިއްލައަށް ތައްޔާރުކޮށްގެން ހުށަަހަޅާ ބަޔާންތަކަކަށް ވުމުންނެވެ. މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހަޅަންޖެހޭނީ ވެސް އޮޑިޓުކޮށްފައި އޮންނަ ބަޔާނެއްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އަމިއްލަ އަމިއްލައަށް މާލީ ބަޔާނެއް ތައްޔާރުކޮށްގެން ދިނީމާ ހިސާބުތައް ދެކޮޅު ނުޖެހޭ ކަމަށެވެ.

އެގޮތުން ވިދާޅުވީ:

  • އަމިއްލައަށް ތައްޔާރުކޮށް، ހުށަހަޅާފައި އޮންނަ މާލީ ބަޔާންތައް ބަލައި އޮޑިޓުކުރާނެ މީހަކު ނޫޅޭ؛ އެހެންކަމުން އެ ބަޔާންތައް ބޭނުންގޮތަކަށް ތައްޔާރުކޮށް ހުށަހެޅުމުގެ ފުރުސަތު އޮވޭ

  • މިހާރު އާންމުކޮށްފައިވާ މެންބަރުންގެ މާލީ ބަޔާންތަކުން ވެސް ފެންނަން އޮތް ހަގީގަތަކީ، އެއީ ހަމައެކަނި އެކަން ކޮށްލުމުގެ ނަމުގައި ހުށަހަޅާފައިވާ މާލީ ބަޔާންތަކެއް ކަން 

  • އެ މާލީ ބަޔާންތަކުގައި ލިބޭ ހުރިހާ އާންމުދަނީއާ ފައިސާގެ ތަފްސީލުތައް ހިމަނާފައި ނުވޭ، ބަލާލަން ލިބިފައި އޮތީ އެމީހުންގެ މިލިކިއްޔާތުގައި އޮތް 'އެތިކޮޅެއް'

"މީގައި ހިސާބު ދިމާނުވާ ބޮޑު މައްސަ އެބައުޅޭ. އަނެއް މައްސަލައަކީ ހަމަ ބޮޑުތަނުން މިއޮތީ މަނީ ލޯންޑަރިންގެ މައްސަލައެކޭ. އެހެންވީމާ ލާރި ނަގާ ފޮރުވާފައި އެ ހުންނަނީ. ލާރި ގެންގުޅެންޏާ ނޫނީ ބޭންކުން 15 މިލިއަންގެ ލޯނެއް ނުދޭނެ،" ޔާމީން ވިދާޅުވި އެވެ.

އެހެންކަމުން، މާލީ ބަޔާންތަކުގެ ހިސާބުތައް ދިމާނުވާތީއާ، "ހަދިޔާ"ގެ ނަމުގައި މުދަލާއި ފައިސާ ލިބިފައި ހުރި ގޮތް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުންނާއި ބަންޑާރަ ނައިބު އޮފީހުން އަދި ފުލުހުން ވެސް އިސް ނަގައިގެން މި މައްސަލަ ބަލަންޖެހޭ ނޫންތޯ ޔާމީން ސުވާލުކުރެއްވި އެވެ.

ވެރިކަން ކުރާ ޕާޓީ ތަމްސީލުކުރާ މެންބަރުންތަކުގެ މިލްކިޔާތުގައި ހުރި ހަދިޔާއާ ލޯނުތައް ތާކުންތާކުނުޖެހޭ ގޮތަށް ހުރުމުން، ދައުލަތް ތަމްސީލުކުރާ ބައެއްގެ ނަޒާހަތްތެރިކަން ހުރި މިންވަރާމެދު ސުވާލު އުފައްދާ، އެކަމާމެދު ފިޔަވަޅު އަޅަން ގާނޫނީ ލަފައެއް ރައީސް މުހައްމަދު މުއިއްޒަށް އަރުވަން ބަންޑާރަނައިބު އަހުމަދު އުޝާމް ނުޖެހޭތޯ ވެސް ޔާމީން ސުވާލުކުރެއްވި އެވެ.

އެނގުން މުހިންމު - މާލީ ބަޔާންތަކުގައި ވާގޮތުން:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް މުސާރައިގެ ގޮތުގައި އަހަރެއްތެރޭ ލިބުނީ 658،894.95ރ

  • އެ މުއްދަތުގައި ހެޔޮ އެދޭ އެކި ފަރާތްތަކުން ލިބުނު ފައިސާ އާއި ވަސީލަތްތައް އަދި މުދަލުގެ އަގު 958،982.48ރ. އަށް އަރާ

  • މިދިޔަ ޖުލައި މަހުގެ ނިޔަލަށް އޭނާގެ ބީއެމްއެލްގެ ސޭވިންގް އެކައުންޓުގައި ހުރީ 101،698.21ރ؛ ވިޔަފާރީގެ ނަފާ، ކުލި އަދި ހިއްސާގެ ފައިދާގެ ގޮތުގައި އެއްވެސް އާމްދަނީއެއް ލިބިފައިނެތް

  • އަބްދުއްރަހީމްގެ ނަމުގައި ރެހެންދި ފްލެޓުން ތިން ކޮޓަރީގެ އެޕާޓުމެންޓެއް ހުރޭ؛ އެތަނަށް ފައިސާ ދައްކާ އަމިއްލަކޮށްފައިވަނީ ދިރިއުޅުމަށް އެއްކުރި ފައިސާ އާއި ހެޔޮއެދޭ ފަރާތްތަކުން ދިން ފައިސާ، އެ ފަރާތްތަކުން ލޯނުގެ ގޮތުގައި ދީފައިވާ ފައިސާ އިން ކަމަށް މާލީ ބަޔާނުގައިވޭ

  • ދެން އަބްދުއްރަހީމްގެ މިލްކިއްޔާތުގައި އޮތީ ލ. ފޮނަދޫގައި ހުންނަ އަރާއިރު ގޯތި، އެ ގޯއްޗާއި އިމާރާތުގެ އަގަކީ 5 މިލިއަން ރުފިޔާ

  • އަބްދުއްރަހީމްގެ މިލްކިއްޔާތުގައި 67،000ރ.ގެ ސައިލަކެއްގެ އިިތުރުން 2006 ވަނަ އަހަރު ގަނެފައިވާ 3.5 މިލިއަން ރުފިޔާގެ ކަނޑުބޯޓެއް ވެސް އޮންނަ ކަމަ

  • ޕީޖީ ލީޑަރު ފަލާހަށް ފާއިތުވި އަހަރު ތެރޭ އާމްދަނީގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ބަޔާނުގައިވޭ

  • ފަލާހަށް މުސާރައިގެ ގޮތުގައި މި މުއްދަތުގައި ލިބުނީ 990،000ރ؛ ވިޔަފާރި ނަފާ އިން 900،000ރ. ލިބުނު އަދި ގެދޮރު ކުއްޔަށް ދީގެން 3.2 މިލިއަން ރުފިޔާ ލިބުނު

  • ފަލާހުގެ ނަންމަތީގައި އޮންނަ ހަ ބޭންކު އެކައުންޓެއްގައި ޖުމްލަ 111،074ރ. އާއި 301 ޑޮލަރު ހުރިކަމަށް މާލީ ބަޔާނުގައިވޭ 

  • އޭނާގެ ނަމުގައި ބީއެމްއެލް އިން މި އަހަރު ވަނީ 15.7 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފަ؛ އެ ލޯނަށް މި އަހަރުގެ މިހާތަނަށް 496،904.17ރ. ވަނީ ދައްކާފައި

  • ފަލާހުގެ ނަންމަތީގައި ހަތަރު ގޯތި ގަނެފައިވޭ އަދި ތިން ކުންފުންޏެއްގެ ހިއްސާ އޮވޭ

  • ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް ފާއިތުވި އަހަރު ތެރޭ މުސާރަ އާއި ކުލީގެ ގޮތުގައި 2 މިލިއަން ރުފިޔާ ލިބުނު ކަމަށް މާލީ ބަޔާނުގައިވޭ

  • މި މުއްދަތުގައި އޭނާއަށް މުސާރައިގެ ގޮތުގައި ލިބިފައިވަނީ 1.8 މިލިއަން ރުފިޔާ؛ ކުލީގެ ގޮތުގައި 210،000ރ. ލިބިފައިވާ ކަމަށް ބަޔާނުގައިވޭ

  • ޝުޖާއުގެ ނަން މަތީ ހުޅުމާލޭގެ ބިމަކާއި ރޯހައުސްއެއް އަދި ފްލެޓެއް އެބަހުރި؛ ރޯހައުސް ދިނީ 2015 ވަނަ އަހަރު އޭނާ ވަޒީފާ އަދާކުރި ކުންފުނިން ކަމަށް ބުނެފައިވޭ؛ ހުޅުމާލޭގައި ހުންނަ ގޯތި، ޑޭޒީ ހޯމްގެ އަގަކީ 9 މިލިއަން ރުފިޔާ

  • ބާރަށުގައި ވެސް އޭނާގެ ގެއެއް ހުރޭ؛ ބިމާއި ދެ ގޯތި ގަތީ ލޯނުގެ ގޮތުގައި ލިބުނު ފައިސާ އިން ކަމަށް ބުނެފައިވޭ

  • ޝުޖާއުގެ ނަންމަތީ ހުރި ހަ ބޭންކު އެކައުންޓުގައި ޖުމްލަ 80،235.28ރ. އާއި 700.87 ޑޮލަރު ހުރި ކަމަށް މާލީ ބަޔާނުގައިވޭ

  • ޝުޖާއުގެ ނަން މަތީ ނަގާފައިވާ ޖުމްލަ 4.4 މިލިއަން ރުފިޔާގެ ލޯނެއް އެބައޮތް އަދި އޭނާގެ ކުންފުނި، އޮފިޝަލް އިވެންޓްސްގެ ނަމުގައި ވެސް ބީއެމްއެލް އިން ނަގާފައިވާ 5 މިލިއަން ރުފިޔާގެ ލޯނެއް އެބައޮތް

ކޮމެންޓް (2)

އެގުންބޭނުންވޭ

10 ސެޕްޓެމްބަރު 2025
މާލީބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ގާނޫނުއަސާސީގައި ކަޑައެޅި ފަހުން އެކަން ކުރައްވަން ޖެހުނު ބޭފުޅުން ހުށަހެޅުއްވި ނަމަ ހުށަހަޅުއްވާފައި ހުރީ އޮޑިޓްކޮށްފައި ހުރި މާލީ ބަޔާންތައްތޯ ނޫސްވެރިން ބައްލަވާފައި ރައްޔިތުންނަށް ރިޕޯޓުކޮށްދެއްވަން ވެއްޖެއް ނޫންތޯ؟
0 0

ތެފައާސާ.

9 ސެޕްޓެމްބަރު 2025
ހެހެހެ. މިހެންވެގެންނޭ ކިޔައި އުޅެނީ ދައްކަވާންހުރިތަނެއް ދައްކަވާނެޔޭ ގެންދަވާނީ އޭގެ ފަހުގައޭ!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް