ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް

މެންބަރުންގެ މާލީ ބަޔާން: ވައްކަމުގެ ރަސީދެއް؛ ވަރިހަމަ ނުކުރެވޭނެ

މަޖިލީހުގެ ރައީސް އާއި މެންބަރުންނަށް ހަދިޔާގެ ގޮތުގައި މިލިއަނުން ފައިސާ އާއި އަގުބޮޑެތި މުދާ ލިބިވަޑައިގަތްއިރު މިއީ ރިޝްވަތު ކަމުގެ ބެލެވޭނެ؛ އެކަމަކު އެ މެންބަރުން އުޅުއްވަނީ ލަދެއް ނެތި އެކަންކަން ދިފާއު ކުރައްވާ އެ ވާހަކަ ދައްކާ މީހުންނަށް ޒާތްޒާތުގެ އިންޒާރު ދެއްވުމުގައި
6 ސެޕްޓެމްބަރު 2025
9

މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ މާލީ ބަޔާންތަކުން އެންމެ ބޮޑަށް އަޅައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ހެޔޮއެދޭ އެކި ފަރާތްތަކުން 900،000ރ. އަށް ވުރެ ގިނައިން ދަތުރުފަތުރުކުރުމަށާއި ކްރެޑިޓް ކާޑުގެ ފައިސާ ދެއްކުމަށް ލިބިފައިވާތީ އެވެ.

މިއީ ކުޑަވާހަކައެއް ނޫނެވެ. މަޖަލަކަށް ދައްކާލިޔަސް މިއީ އެއަށް ވުރެ މާ ސީރިއަސް ބޮޑު ކަމެކެވެ.

ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުން މަޖިލީހުގެ ރައީސްއަށް ގޮތް ނޭނގޭ އެކި ފަރާތްތަކުން ފައިސާ އޮއްސާފައި ވަނީ އެވެ. އެ ފައިސާ އެއްވެސް ޖެހިލުމެއް ނެތި އެމަނިކުފާނު ގަބޫލުކުރައްވައި ބޭނުން ވެސް ކުރެއްވީ އެވެ. އެ ފައިސާ ދެއްވީ ކޮން ބައެއްކަމެއް ނޭނގެ އެވެ. އެ މީހުން އެކަންކުރި މަގުސަދެއް ނޭނގެ އެވެ. މުއައްސަސާތަކަށް އެކަން ހާމައެއް ނުކުރައްވަ އެވެ. އެ ހަދިޔާތަކާ ހުރެ އެމަނިކުފާނުގެ ރަސްމީ މަސައްކަތާއި ވާޖިބަށް ހުރަސް އެޅެނީ ކިހާ ވަރަކަށް ކަމެއް ދެނެގަންނާކަށް ނޭނގެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން(ފައިލް ފޮޓޯ/ މަޖިލިސް)

އެހެން މެންބަރެއްގެ ބަޔާނެވެ. މޯލްޑިވްސް އިސްލާމިކް ބޭންކަށް ނުދައްކާ އޮތް ލޯނެއް އެއް ފަހަރާ 5 މިލިއަން ރުފިޔާ ދައްކަވާފާ ހަލާސްކުރެއްވީ އެވެ. އެކަމަކު އެ ފައިސާ ލިބުނު ގޮތެއް އެނގޭކަށް ނެތެވެ. ބަޔާނުން ޔަގީންވާ ކަމަކީ އެ މެންބަރަށް އެވަރަށް އާމްދަނީއެއް ލިބިވަޑައިގަންނަވަމުން ނުދާކަމެވެ.

އެއްބައި މެންބަރުން ވަޒީފާ އަދާކުރެއްވި ކުންފުނިތަކުން ހަދިޔާއަށް އަގު ބޮޑެތި ފްލެޓްތަކާއި ބިންތައް ލިބިފައި ވަނީ އެވެ. އާމްދަނީއާ ނުބައްދަލު ވަރަށް ހުޅުމާލެއިން ބިމާއި އެތައް އަގު ބޮޑު މުދަލެއް ބައްލަވައިގަނެ މިލްކިއްޔާތައް ޖަމާކުރައްވާފައިވަނީ އެވެ. އަނެއް ބައި މެންބަރުން، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާ ވަރަށް ވުރެ މާ ބޮޑަށް ފަގީރީ އެވެ. އެކަންޓުގައި ފައިސާއެއް، ބޯހިޔާވަހިކަމެއް މުދަލެއް ނެތެވެ. އެންމެންނަށް އެނގިގެން ކުރައްވާ ވިޔަފާރިތައް ވެސް ބަޔާނުގައި ނުހިމަނުއްވާ ސިއްރުކުރެއްވީ އެވެ.

ނުހައްގު މުއްސަނދިކަމަކީ ވެސް ހިލޭ ލިބޭ އެއްޗެއް. ރިޝްވަތުގެ ފައިސާއަކީ ވެސް ހިލޭ ލިބޭ އެއްޗެއް. ވަގަށް ނަގާ މުދަލާ ފައިސާއަކީ ވެސް ހިލޭ ލިބޭ އެއްޗެއް

ޑރ. އަހުމަދު އަލީ ސަވާދު، ކުރީގެ އެޓާނީ ޖެނެރަލް

މިއީ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކުގެ ކުޑަ މިންވަރެކެވެ. އެ ބަޔާންތަކުން ސާފު ސީދަލަށް ފެންނާން އެހުރީ ރައްޔިތުން އިތުބާރުކޮށް، އެ މީހުންގެ އަޑު އިއްވަން މަޖިލީހުގެ ގޮޑީގައި ބޭންދުމުން ގިނަ ބޭފުޅުން ޒިންމާ އަދާނުކުރައްވައި ހިންގަވަމުން އެ ގެންދަވާ ވައްކަމާއި ފަސާދަ ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟ ރައްޔިތުންނަށް މި ހާމަވީ އެކަމުގެ ރަސީދު ތަކެވެ.

ހަދިޔާ ގަބޫލުކުރުމަކީ ރިޝްވަތު

ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު ވިދާޅުވި ގޮތުގައި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ހަދިޔާގެ ގޮތުގައި ފައިސާ ހިއްޕެވުމާއި އެހެނިގެން ބާވަތުގެ އަގުބޮޑެތި ހަދިޔާގައި ހިއްޕެވުން ގާނޫނާއި ހެޔޮވެރިކަމުގެ އުސޫލުތައް މަނާކުރާކަމަށެވެ.

"ހަދިޔާ އާއި ރިޝްވަތާ ދެމެދު އޮންނަ ރޮނގު ވަރަށް ހަނިވާނެ،" މަގާމުތަކުގައި ތިއްބާ ބޭފުޅުން ހަދިޔާ ގަބޫލުކުރުން މަނާވާ ސަބަބު ވިދާޅުވެދެއްވަމުން ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާގެ އެވާހަކަތަކަށް ބާރުދެއްވަމުން ކުރީގެ އެޓާނީ ޖެނެރަލް ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވި ގޮތުގައި ކިތަންމެ މޮޅު ބަސްތަކެއް ލައިގެން އެނބުރިޔަސް ދައުލަތުގެ މަގާމެއްގައި ހުންނަ މީހަކަށް "ހެޔޮއެދޭ ފަރާތްތަކުން ހިލޭ ދޭނީ، ނުހައްގު ނަހަލާލު ރިޝްވަތު" އެވެ. އޭނާގެ ނަޒަރުގައި ދައުލަތުގެ މަގާމެއްގައި ހުންނަވާ ބޭފުޅަކަށް އެއްވެސް ބާވަތެއްގެ ހަދިޔާއެއް ލިބިއްޖެ ނަމަ އޮންނަ އުސޫލުން ދައުލަތާ ހަވާލުކުރަން ޖެހޭނެ އެވެ. އެއީ ބަހަނާ ދެއްކެން އޮތް ކަމެއް ނޫނެވެ. 

ރައްޔިތުން މަޖިލީހުގެ އިދާރާ ކުރިމަތިން މީހަކު ހިނގާފައި ދަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

"ނުހައްގު މުއްސަނދިކަމަކީ ވެސް ހިލޭ ލިބޭ އެއްޗެއް. ރިޝްވަތުގެ ފައިސާއަކީ ވެސް ހިލޭ ލިބޭ އެއްޗެއް. ވަގަށް ނަގާ މުދަލާއި ފައިސާއަކީ ވެސް ހިލޭ ލިބޭ އެއްޗެއް،" ސަވާދު ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގައި ވެސް އޮތީ ދައުލަތުގެ މަގާމެއްގައި ހުންނަވާ ބޭފުޅަކަށް އަގުބޮޑު ހަދިޔާއެއް ލިބިއްޖެ ނަމަ ލަސްނުކޮށް އެ އަވަހަށް ދައުލަތުގެ އިދާރާތަކާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އޭސީސީއަށް އެތަކެތި ހަވާލުކުރުމެވެ. އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އެތަކެތި ގެންގޮސް އަގު މަގުކޮށް ދައުލަތަށް ނެގުމެވެ. 

އެކަމަކު ލައްކައިން މިލިއަނުން ހަދިޔާ ލިބިވަޑައިގަތްއިރު މެންބަރުން އެކަން ދައުލަތުގެ އިދާރާތަކަށް އަންގައި ވެސް ނުލައްވަ އެވެ. އެތަކެތިން ދައްކަވަން ޖެހޭނޭ އިންކަމް ޓެކުހުން ވެސް އެބޭފުޅުން އެ ތިއްބެވީ ރެކިވަޑައިގެންނެވެ.

ނަޒާހަތްތެރިކަން އެންމެ ބޮޑުވާން ޖެހޭ، ރައްޔިތުންގެ މައްޗަށް ގާނޫނުތައް ހަދާ މަޖިލީހުގެ މެންބަރުންގެ ކަންކަން މި ހިސާބަށް ދިއުމުން އަޅަނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ މިއީ ކުޑަކަމެއްގެ ގޮތުގައި ދޫކޮށްލާނީ ހެއްޔެވެ؟

ދުނިޔޭގެ އެހެން ގައުމުތަކުގައި އަޒުލުކުރާނެ

ރާއްޖޭގައި ރިސޯޓްތައް ހިންގަވާ ސިންގަޕޫރުގެ ބޮޑު މިލިއަނަރެއްކަމަށްވާ އޮންގް ބެންގް ސެންގުގެ މައްޗަށް ސިންގަޕޫރުގެ ކޯޓުން މިފަހުން ހުކުމެއް އިއްވައި ޖޫރިމަނާއެއް ކުރީ އެ ގައުމުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ސުބްރަމާނިއަމް އިސްވަރަންދިންއާއަށް އެކިވަރުގެ ހަދިޔާ ދެއްވި މައްސަލައިގަ އެވެ.

އިސްވަރަން ވަނީ، އޮންގުގެ ޖެޓުގައި ހިލޭ ދަތުރުކުރައްވައިފަ އެވެ. އަގުބޮޑު ކާރު ރޭސް މުބާރާތް ފޯމިއުލާ 1 ގްރޭންޑް ޕްރީ ބައްލަވާލައްވަން، އޮންގް އިސްވަރަންއަށް ޓިކެޓް ދެއްވުމާއި އެހެން ވެސް ހަރަދުތައް ކުރެއްވުން ސިންގަޕޫރުން ކުޑަކަމެއްގެ ގޮތުގައި ނުނެގި އެވެ.

ސިންގަޕޫރުގައި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މީހުންދޭ ހަދިޔާ ބޭނުންކުރެއްވޭނީ އެ އެއްޗަކަށް ބާޒާރު އަގުން ފައިސާ ދައްކައިގެންނެވެ. އަދި ވިޔަފާރީގެ ގުޅުން އޮންނަ ފަރާތްތަކުގެ ކިބައިން ލިބޭ ކޮންމެ އެއްޗެއް ހާމަކުރަން ޖެހެ އެވެ. އިސްވަރަން އެކަން ނުކުރެއްވީ އެވެ. ފޮރުއްވައި ހުންނަވައިގެން ހަދިޔާ ގަބޫލުކުރެއްވީ އެވެ.

މިއީ ދައުލަތުގެ ވެރިންގެ ނަޒާހަތްތެރިކަމަށް މަޝްހޫރުވެފައިވާ ސިންގަޕޫރުގައި މިފަހުން ހިނގި މިފަދަ ބޮޑު މައްސަލަ އެވެ. އެކަމުގެ ތުހުމަތުވި ބޭފުޅުން ޖެހުނީ އިސްތިއުފާ ދެއްވާށެވެ. މޫނެއް ކަދުރާއަކަށް ބެލުމެއް ނެތި އިދާރާތަކުން އަވަސްއަވަހަށް މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އަޅަން އަވަސްވެ ގަތެވެ.

ނަޒާހަތްތެރިކަން ގެއްލުމުން އިސްވަރަން މަގާމުން އިސްތިއުފާދެއްވި އެވެ. ކުށުގެ އަދަބެއްގެ ގޮތުން އިންނަވަން ޖެހުނީ ޖަލުގަ އެވެ.

ވެރިންގެ މި ހުރިހާ 'ވައްކަމުގެ ރަސީދު'ތަކެއް އާންމުވުމުން ވެސް އިދާރާތަކުގެ ހިލަމެއް ނެތެވެ. ކަމެއްވާހެން ހީވެސް ނުވެ އެވެ. އެހާ ވެސް މިފަދަ ކަންކަން ރާއްޖޭގައި އާންމުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ ނައިބު އިއްޔެ އިސްތިއުފާ އެ ދެއްވީ އޭނާ މިއަހަރު ކުރީކޮޅު ބައްލަވަައިގަތް ފްލެޓަކަށް ދައްކަވަން ޖެހޭ ޓެކްސް އޮޅުއްވާލެއްވި ކަމުގެ ތުހުމަތުތައް އާންމުވުމާ އެކު އެވެ. އޭނާ އިސްތިއުފާ ދެއްވަން ލިޔުއްވި ސިޓީގައި ވިދާޅުވި ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވީ އިނގިރޭސި ދައުލަތުގެ މައްޗަށް އާންމުންގެ އިތުބާރު އޭނާއާ ހެދި ގެއްލުނަ ނުދިނުމަށްޓަކަ އެވެ. އަދި ބާރުވެރި މަގާމެއްގައި ހުންނަވައިގެން ތަހުގީގަކާ ކުރިމަތިލައްވާ ނަމަ، އޭނާގެ މައްޗަށް ހިންގާ ތަހުގީގަކަށް އާންމުން އިތުބާރު ނުކުރާނޭ ކަމަށް ގަބޫލުކުރައްވާތީ އެވެ. މިނިވަން، ދެ ފުށްފެންނަ ތަހުގީގަކަށް ފުރުސަތު ދެއްވީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން (ފޮޓޯ/މަޖިލިސް)

އެކަމަކު، މި ރާއްޖޭގައި ރައްޔިތުން މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ އެތައް މެންބަރުންނެއް އެ ތިއްބެވީ މިލިއަނުން ހަދިޔާ ގަބޫލުކުރައްވައިގެންނެވެ. އެތައް ކަމެއް ފޮރުއްވާ ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނުއްވައިގެންނެވެ. އާންމުން އެބޭފުޅުންނާ މެދު ޝައްކުތައް އުފައްދައި ފާޑުކިޔަމުންދަނީ އެވެ. އެބޭފުޅުން ފާޑުކިޔާ ކޮންމެ މީހަކަށް ރައްދު ދެއްވަނީ އާންމުން ވެސް މާލީ ބަޔާން ހާމަކުރަން ޖެހޭނޭ ކަމަށް ބުނަމުންނެވެ. މަގާމުން ދުރަށް ވަޑައިގަތުމެއް އަދި ތަހުގީގަކާ ކުރިމަތިލެއްވުމެއް އެބޭފުޅުން އިސް ނުކުރެއްވި އެވެ.

މިއީ ކުޑަ ކަންކަމެއް ނޫނެވެ. ގައުމުގެ ކަންކަން ގޮސްފައިވާ ހިސާބެވެ. އަދި މި ފެނުނީ ދައުލަތުގެ އިސްވެރިންގެ ނަޒާހަތްތެރިކަން ހުރިވަރުގެ ކުޑަމިންވަރެކެވެ. މިއީ ގައުމު ކަންކަން އިސްލާހުގެ މަގަށް ގެންދަން ޖެހިފައިވާ ކަމުގެ ސާފު ދަލީލެކެވެ.

މިހާ ހިސާބުން ދެން ރައްޔިތުން މަޖިލީހުގެ މެންބަރުން، ގައުމީ މަސްލަހަތާއި އެއްބައިވަންތަކަން އިސްކުރައްވައިގެން މާލީ ބަޔާން ހާމަކުރަން ނުޖެހޭ ގޮތް ހައްދަވަފާނެ ވެސް ތޯއްޗެކެވެ. އެ މަންޒަރު ފެނުން އޮތީ ދުރަކު ނޫނެވެ. 

ކޮމެންޓް (9)

ގޮތަބަޔެ ހަސީނަ

11 ސެޕްޓެމްބަރު 2025
މަޖިލިސް މީ އެންމެ ކޮރަޕްޓް މީހުން ތިބި އެއްދިމާ. އެއަށްފަހު ދައުލަތުގެ ކުންފުނިތައް. ދެން ނަގާބިލް ސިޔަސިންގެ ބޮޑު ފައުޖު. ސިޔާސީ އަދި ރައްޔިތުންގެ ކަންކަމާއި ހާވާލުވެ ދައުލަތުން ވައްކަން ކުރަން ބިރުގަންނަވަރު ފިލާވަޅު ނަގާދެން ފަށަންވީ ވަގުތު ޖެހިއްޖެ. މިފަސްއަހަރު ތެރޭގެ އޭގެ ބޮޑު ފިލާވަޅެއް ރޭވޭއެބަ. ސަލާމަތްވަނެ މީހުން މަދު.
1 0

މުޙައްމަދު އަލް ޢާދިލް

7 ސެޕްޓެމްބަރު 2025
ދައުލަތުގެ އޮފީހުގައި އުޅޭ ކިތަން މީހުން އޮފީހުގެ ޕުރިންޓަރުން ދަރިފުޅުގެ ސްކޫލަށް ބޭނުންވަ ބައެއް ތަކެތި ޕުރިންޓުކޮށްލަނީ. ކިތައް މީހުން ސައިގަޑި ކޮފީއަށް އޮފީހުގެ ގަޑިން ގަޑި ބޭކާރު ކޮށްލަނީ. ކިތަން މީހުން އޮފީހެ އާލާތްތައް އަމިއްލަ ބޭނުމަށް ކޮށްލަނީ. ޖެހިގެން ހުރިގޭ ކާސިމާއި ޙައްޖައްތަވެސް އެހެން ހަދާ. އޮފީހުގެ ވެރިން ފިޔަވަޅެއް ނާޅާ. މަވެސް އެހެން ހަދާލާނީ. އަނެއްކާ ކޮބާ އިހަކަށްދުވަހު 12 ޖަހަންދެން މަސައްކަތް ކުރީމާ އޯވަރ ޓައިމެއްވެސް ނުދޭ. މިއީ އޭގެ ބަދަލު. މިއީ ޢާއްމު މީހާގެ ވިސްނުން. މިކަން އެހާ ޢާއްމު، އަދި އެންމެނަށްވެސް އޯކޭ. އެހެނީ އެއީ ކުޑަކަމެއް. މެންބަރުން ވިސްނާނީ މެންބަރުންގެ ފެންވަރުން ބޮޑުކޮށް.
4 0

ބެއްޔާގެ ދަރި

7 ސެޕްޓެމްބަރު 2025
@މުޙައްމަދު އަލް ޢާދިލް އައިޖީއެމްއެޗްގެ ބައެއް ވޯޑްތަކުގެ މަސައްކަތު މީހުން އެބަ ތިބޭ އޯޓީ ހަދާލަން ފަސް ހަ ގަޑިއިރު އެއްވެސް ކަމެއް ނެތި. އަނެއް ބަޔަކު ކާޑު ޖަހާލާފައި އުޅޭނެ ތަނެއްގައި އުޅެފައި އެތައް ގަޑިއިރެއް ފަހުން އެބަ އާދޭ ކާޑު ޖަހާލަން. އޯޓީ ލިބޭ ލިނިޓެއް ނެތި. މި ވެސް ހަމަ ހިޔާނާތް އެނގޭތޯ
1 0

ދަރުމަވަންތަ ރަސްގެފާނު

7 ސެޕްޓެމްބަރު 2025
@ބެއްޔާގެ ދަރި އާދެ، މިކަންކަން ހުއްޓުވޭނީ ރައްޔިތުންގެ ކިބައިން، ފަށަންޖެހޭނީ އަމިއްލަ މީހާގެ ނަފުސުން، ޙަލާލު ހަރާމު ރޮނގު ދަމާ ހިސާބު ޢިލްމުވެރިންނަށްވެސް ކިޔައިނުދެވޭ، އެމީހުންވެސް އުޅެނީ އެހެން، އެކަކަށްވެސް އަނެކާއާއި ދިމާލަށް އިނގިލި ދިއްކުރެވޭކަށް ނޯވޭ. އެހެންވެގެން މާލީ ބަޔާންތައް ހާމަކުރުމުން އެކަން ބޮޑުކަމަކަށް ނުވީ. ރާއްޖެ އިސްލާމްކުރި އިރު އެއްގޮތަކަށްވެސް ތަޞައްވަރު ކުރި ރާއްޖެއެއް ނޫން މީ،
1 0

ހަނާނު

9 ސެޕްޓެމްބަރު 2025
@ބެއްޔާގެ ދަރި މާލޭ ސިޓީ ކައުންސިލްގެ އޯޓީގެ ހާލަތު ވެސް ހަމަ އެހެން. ކާޑު ޖަހާލާފައި ގޭގަ. އޯޓީ ލިމިޓެއް ނެތި ލިބޭ ހެދިވަރެއް ހަމަ.
1 0

ތެފައާސާ.

6 ސެޕްޓެމްބަރު 2025
ވެރިންނަށް ލިބޭ ހަދިޔާގެ ހަރާން ހަލާލް ބަލާނެ މިންގަނޑެއް ވަރަށް ސާފުކޮށް އިސްލާމީ ތަރީޚުން އެނގެން އޮވޭ. އޭގައި ބަލަނީ އެމީހަކަށް ލިބޭ ހަދިޔާ އެއީ އޭނާގެ އެހުރި ވެރިކަމެއް ނުވަތަ މަގާމެއް ނެތް ދުވަހަކުންވެސް އޭނާއަށް ލިބިދާނެ ހަދިޔާއެއްތޯ. ނުވަތަ މަގާމަށް އައުމުގެ ކުރިން ވެސް ލިބެމުންދިޔަ އެއްޗެއްތޯ. އެހެންކަމަށް ވާނަމަ އެއީ ހުއްދަ އެއްޗެއްކަމުގައި ބެލެވިދާނެ. އެއާއި ހިލާފަށް އެ ހަދިޔާއަކީ އޭނާ ވެރިކަމުގައި ނުވަތަ މަގާމުގައި ނެތް ދުވަހަކުން ނުލިބޭނެ އެއްޗަކަށްވާނަމަ އެއެއްޗަކީ އޭނާގެ ވެރިކަމަށްޓަކައި ނުވަތަ މަގާމުގެ ހައިސިއްޔަތަށްޓަކައި ލިބޭ ހަރާން އެއްޗެއް. މިއީ މިހާ ސާފުކޮށް އޮތްކަމެއް.
6 0

ބެއްޔާގެ ދަރި

7 ސެޕްޓެމްބަރު 2025
@ތެފައާސާ. ކުރީގަ ވެރިކަމުގައި ހުރި މީހަކަށް ޑޮލަރު މާރުކުރަން ވެސް ފައިސާ ބަޔަކު ދިން. އެކަމަކު ވެރިކަމުން ފޭބީމާ އެ ބަޔަކު މިހާރު ދެނަހުރި ކަމަކަށް ވެސް ނަހަދާ. އެތައް މިލިއަން ޑޮލަރެއްގެ ހަދިޔާ ވެސް ދިން ކަމަށް ބުނި. އެކަމަކު އެ ވެސް ނުވި ރިޝްވަތަކަށް. މިހާރު ވެރިކަމުގައި ނެތީމާ ހަދިޔާއެއް ދޭނެ މީހަކު ނުވޭ.
3 0

ސްރީ ތިރިބުވަނަ އާދިއްތަ މަހާރަދުން

6 ސެޕްޓެމްބަރު 2025
އަސްލު މުއްސަނދިންނަކީ ބުރަ މަސައްކަތުން ހަލާލު ގޮތުގައި މުދާ ހޯދި މީހުން. މިކަމުގައި އެންމެ އުނދަގުލެއްވާނީ އެމީހުންނަށް، އެމީހުން ބުރަ މަސައްކަތުން ދާއޮހޮރައި ކަންކަން ކުރަނިކޮށް، އެއްވެސް ކަމެއް ނުކޮށް އެހެން މީހުން މިއޮއް މުއްސަނދިވަނީ. ދެން ވިސްނާ ރައްޔިތުންނަކަށް އަސްލު ބުރަ މަސައްކަތް ކޮށްގެން މުއްސަނދިވީ މީހެކޭ ނުހައްގުން ވައްކަމާ ފަސާދައިން މުއްސަނދިވީ މީހެކޭ ތަފާތެއް ނުކުރޭ. ސޯޝަލް މީޑިއާގައި ކިޔަނީ ކިޔަނީ ކިޔާނެ އެއްޗެއް. ސޯ ފެޑް އަޕް އޮފް ދިސް ޤައުމު. ދިވެއްސަކަށް އެހީއެއްވާކަށްވެސް ނޯވޭ. ކާންދޭއަތުގައި އަޅަނީ ދަތް
7 2

ސިކުނޑި

6 ސެޕްޓެމްބަރު 2025
ނުހައްގު މުއްސަނދިކަމަކީ ކުށެއް! މުއްސަނދިކަން ހައްގުނުވަނީ އެ ލިބުނުގޮތެއް ބުނެ ނުދެވުމުން! ހެޔޮއެދޭ ފަރާތަކުން ދިންއެއްޗެއް ކަމަށް ބުނާނަމަ ކަނޑައެޅިގެން ނުހައްގު މުއްސަނދިކަމަށްވޭނެ! ކަމާބެހޭ ފަރާތްތަކުން މިބޭފުޅުންގެ ތަހުގީގެއް ހިންގަންޖެހޭނެ! މިކަމަށް ވަކާލާތުކޮށް އާންމުން އަޑު އުފުލަންވެސް ޖެހޭނެ! އަންނަން އޮތް ޖީލުގެ ހައްގުގައި! މިއީ މިހާ ފަސޭހައިން ދޫކޮށްލެވޭނެ ކަމެއްނޫން! އަދުރޭ ރަށުގައި ފިހާރަ ހިންގަން ހުރި ނަމަ ތިވަރުގެ ހަދިޔާތަކެއް ލިބޭނެތޯ؟؟ ކޮންމެވެސް މީހަކު މިހުރިހާ ބަޔާންތަކެއް ރައީސްއަށް ހުށަޅަންފެނޭ! އޭރުން އެމަނިކުފާނު މިކަންކަން ބައްލަވާނެ!
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް