ސިންގަޕޫރުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް. އިސްވަރަން: ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް ވަނީ ޖަލު ހުކުމެއް އިއްވާފައި

ސިންގަޕޫރު

އަގު ބޮޑެތި ހަދިޔާ ހޯއްދެވި ސިންގަޕޫރުގެ ކުރީގެ ވަޒީރު އަހަރަކަށް ޖަލަށްލާން ހުކުމްކޮށްފި

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްވަރަން ވަނީ ވަޒީރަކަށް ހުންނެވިއިރު 300،000 ޑޮލަރަށް ވުރެ އަގު ބޮޑެތި ހަދިޔާތައް ގަބޫލުކުރައްވާފައި
3 އޮކްޓޯބަރު 2024

ވަޒީރުކަމުގައި ހުންނަވައިގެން ވިޔަފާރިވެރިންގެ އަތުން އަގު ބޮޑެތި ހަދިޔާ އާއި މަންފާ ހޯއްދެވި ކަމުގެ ކުށަށް އިއުތިރާފްވި ސިންގަޕޫރުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް. އިސްވަރަން އަހަރަކަށް ޖަލަށް ލުމަށް އެ ގައުމުގެ ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. 

މިއީ މިދިޔަ 50 އަހަރުގެ ތެރޭ ސިންގަޕޫރުގައި ސިޔާސީ މީހެއްގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށެއްގައި ދައުވާ އުފުލައި އެފަދަ ކުށެއް ސާބިތުވެ ހުކުމެއް އިއްވި ފުރަތަމަ ފަހަރެވެ. 

ހިޔާނާތާ ދުރު، ސާފު ވެރިކަމެއް ކުރާ ކަމަށް މަޝްހޫރުވެފައިވާ ސިންގަޕޫރުން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުގެ މައްޗަށް ދައުވާ އުފުލީ އޭނާ ވަޒީރުކަމުގައި ހުންނަވައިގެން، ސަރުކާރާ ވިޔަފާރީގެ މުއާމަލާތްތައް ކުރަމުން އައި ވިޔަފާރިވެރިންގެ އަތުން 403,000 ސިންގަޕޫރު ޑޮލަރު (311,882 އެމެރިކާ ޑޮލަރު)ގެ އަގުހުރި ހަދިޔާ އާއި މަންފާ ހޯއްދަވާފައިވާތީ އެވެ. އެގޮތުން: 

  • ރާއްޖޭގައި ވެސް ރިސޯޓް ހިންގާ ސިންގަޕޫރުގެ ބިލިއަނަރު އޮންގް ބެން ސެން ދެއްވި ފޯމިއުލާ-1 ގޯން ޕްރީ ކާރު ރޭސް ބެލުމަށް ވަނުމުގެ ޓިކެޓްތައް އޭނާ ގަބޫލުކުރައްވާފައިވުން 

  • އޮންގުގެ އަމިއްލަ ޖެޓްގައި ހިލޭ ދަތުރުތައް ކުރެއްވުމާއި އެފަދަ ދަތުރުތަކުގައި އޭނާގެ ހަރަދުގައި ހޮޓާ ކުއްޔަށް ނެންގެވުން 

  • ވިޔަފާރިވެރިއަކު ދެއްވި 14 ފުޅި ރާ އޭނާ ގަބޫލުކުރެއްވުން 

  • ވިޔަފާރިވެރިއަކު ހަދިޔާއަކަށް ދެއްވި އަގުބޮޑު ބްރޭންޑެއްގެ ބައިސްކަލެއް ގަބޫލުކުރެއްވުން 

ސިންގަޕޫރުގެ ގާނޫނުތައް އޮންނަ ގޮތުން ދައުލަތުގެ މަގާމެއްގައި ހުންނަ ބޭފުޅަކަށް އެއްވެސް ފަރާތަކުން ހަދިޔާގެ ގޮތުގައި އެއްޗެއް ދީފި ނަމަ އެކަން އަންގަން ޖެހެ އެވެ. އަދި އެފަދަ ހަދިޔާއެއް އޭނާ ބޭނުންކުރައްވާ ނަމަ އެ އެއްޗެއްގެ އަގު ދައުލަތަށް ދައްކަން ޖެހެ އެވެ. ނޫނީ އެތަކެތި ދައުލަތާ ހަވާލުކުރަން ޖެހެ އެވެ. 

ނަމަވެސް، އިސްވަރަންއަށް ވިޔަފާރިވެރިން ދިން އެ ހަދިޔާތައް ލިބުނުކަން އޭނާ ދައުލަތަށް އަންގަވާފައެއް ނުވެ އެވެ. އަދި އެ ތަކެތީގެ އަގު ވެސް އަދާކުރައްވާފައެއް ނުވެ އެވެ. 

މީގެ އިތުރުން، އޭނާގެ މައްޗަށް، އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާ ވެސް ދައުލަތުން އުފުލި އެވެ. އެ ހުރިހާ ދައުވާއަކަށް އޭނާ ވަނީ އިއުތިރާފްވެފަ އެވެ. 

އެ އިއުތިރާފާ ގުޅިގެން ހައި ކޯޓުން އޭނާގެ މައްޗަށް މިއަދު އިއްވި ޖަލު ހުކުމުގައި ފާހަގަކުރި ގޮތުގައި، މިނިސްޓަރެއްގެ މަގާމުގައި ހުންނަވައިގެން އޭނާ ކުރެއްވި އެ ކަންތައްތަކަކީ މަގާމާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ އަމަލުތަކެކެވެ. އަދި އެއީ ދައުލަތުގެ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ފަދަ އަމަލުތަކެއް ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި ހުކުމުގައި ބުނެފައި ވަނީ ވިޔަފާރީގެ މުއާމަލާތްތަކަށް ނުފޫޒު ފޯރުވޭ ފަދަ ދައުލަތުގެ މަތީ މަގާމެއްގައި ހުންނަ ބޭފުޅެއްގެ ކުށުގެ އަދަބު ބޮޑުވާނެ ކަމަށެވެ.

އިސްވަރަން ޖަލު ހުކުމް ތަންފީޒުކުރައްވަން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ. އޭނާ ހުކުމް ތަންފީޒު ކުރައްވާނީ ސިންގަޕޫރުގައި މަރުގެ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ބައިތިއްބާ ޖަލު ކަމަށްވާ، ޗަންގީގަ އެވެ. އެ ޖަލުގެ ގޮޅިތަކުގައި ފަންކާ އަދި އެނދު ބަހައްޓާފައެއް ނުހުރެ އެވެ. ގައިދީން ނިދަން ޖެހޭނީ ކުނާ އަޅައިގެން ބިންމަތީގަ އެވެ.

ރިޝްވަތު ދިން ވިޔަފާރިވެރިޔާ އޮންގު އާއި އަނެއް ވިޔަފާރިވެރިޔާގެ މައްޗަށް އެއްވެސް ކުށެއްގެ ދައުވާއެއް އުފުލާފައެއް ނުވެ އެވެ. ސިންގަޕޫރުގެ ބަންޑާރަ ނައިބުގެ އޮފީހުން މިދިޔަ ހަފުތާގައި ބުނެފައި ވަނީ އޮންގުއާ މެދު ފިޔަވަޅު އަޅާނެތޯ ނުވަތަ ނޫންތޯ ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް