ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ފޮޓޯ/ މަޖިލިސް)

އަބްދުއްރަހީމުގެ ކްރެޑިޓު ކާޑަށް ފައިސާ ދައްކަން ވެސް ހެޔޮއެދޭ ފަރާތްތަކުގެ އެހީ

އަބްދުއްރަހީމްގެ މާލީ ބަޔާނުގައިވާ ގޮތުން މިދިޔަ 2 ޖުލައިގެ ނިޔަލަށް އޭނާގެ ބީއެމްއެލްގެ ސޭވިންގް އެކައުންޓުގައި، 101،698.21ރ. ހުރި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ހެޔޮއެދޭ އެކި ފަރާތްތަކުން 900،000ރ. އަށް ވުރެ ގިނަ ރުފިޔާ ދަތުރުފަތުރުކުރުމަށާއި ކްރެޑިޓް ކާޑުގެ ފައިސާ ދެއްކުމަށް ލިބިފައިވާކަން މާލީ ބަޔާނުން ހާމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރަން މިއަދު ވަނީ ފަށައިފަ އެވެ.

ތަފްސީލް - މިދިޔަ އަހަރުގެ މެއި 28 އިން މި އަހަރުގެ މެއި 27ގެ ނިޔަލަށް މަޖިލީހުގެ މުސާރައިގެ ގޮތުގައި 658،894.95ރ. އަބްދުއްރަހީމަށް ވަނީ ލިބިފަ އެވެ.

އެ މުއްދަތުގައި ހެޔޮ އެދޭ އެކި ފަރާތްތަކުން ލިބުނު ފައިސާ އާއި ވަސީލަތްތައް އަދި މުދަލުގެ އަގު 958،982.48ރ. އަށް އަރަ އެވެ.

އަބްދުއްރަހީމްގެ މާލީ ބަޔާނުގައިވާ ގޮތުން މިދިޔަ 2 ޖުލައި ވަނަ ދުވަހުގެ ނިޔަލަށް އޭނާގެ ބީއެމްއެލްގެ ސޭވިންގް އެކައުންޓުގައި 101،698.21ރ. ހުއްޓެވެ.

  • ވިޔަފާރީގެ ނަފާ، ކުލި އަދި ހިއްސާގެ ފައިދާގެ ގޮތުގައި އެއްވެސް އާމްދަނީއެއް ލިބިފައިނެތް ކަމަށް މާލީ ބަޔާނުގައިވޭ

މަޖިލިސް ރައީސް އަބްދުއްރަހީމްގެ ނަމުގައި ރެހެންދި ފްލެޓުން ތިން ކޮޓަރީގެ އެޕާޓުމެންޓެއް ހުރެ އެވެ. އެތަނަށް ފައިސާ ދައްކާ އަމިއްލަކޮށްފައިވަނީ ދިރިއުޅުމަށް އެއްކުރި ފައިސާ އާއި ހެޔޮއެދޭ ފަރާތްތަކުން ދިން ފައިސާ އަދި ހެޔޮ އެދޭ ފަރާތްތަކުން ލޯނުގެ ގޮތުގައި ދީފައިވާ ފައިސާ އިން ކަމަށް މާލީ ބަޔާނުގައިވެ އެވެ.

  • އެތަން ގަތީ 2017 ވަނަ އަހަރު، 4.5 މިލިއަން ރުފިޔާ އަށް

  • ދެން އަބްދުއްރަހީމްގެ މިލްކިއްޔާތުގައި އޮތީ ލ. ފޮނަދޫގައި ހުންނަ އަރާއިރު ގޯތި، އެ ގޯއްޗާއި އިމާރާތުގެ އަގަކީ 5 މިލިއަން ރުފިޔާ

އަބްދުއްރަހީމްގެ މިލްކިއްޔާތުގައި 67،000ރ.ގެ ސައިލަކެއްގެ އިިތުރުން 2006 ވަނަ އަހަރު ގަނެފައިވާ 3.5 މިލިއަން ރުފިޔާގެ ކަނޑުބޯޓެއް ވެސް އޮންނަ ކަމަށް ބަޔާނުގައިވެ އެވެ.

  • މަޖިލިސް ރައީސްގެ އަމިއްލަ ޔޫއެސްޑީ ކްރެޑިޓް ކާޑަށް 3،680.04 ޑޮލަރު ނުދައްކާ އެބައޮތް؛ އެ ކާޑުގެ ލިމިޓަކީ 11،571 ޑޮލަރު

  • އަނބިކަނބަލުންގެ ނަންމަތީ ވެސް އެ ލިމިޓަށް ޑޮލަރު ކްރެޑިޓު ކާޑެއް އޮވޭ

ކޮމެންޓް (3)

މަގޭ ޤައުމުގެ ހާލަތު

4 ސެޕްޓެމްބަރު 2025
މިކަހަލަ ބަޔާންތައް އަމިއްލައަށް ލިޔެފަ ފޮނުވާއިރު ލަދުގެ ކަންފުޅެއްވެސް މިރައީސްގެ ނެތްކަންއެބައެނގޭ. އަމިއްލަ އިއުތިރާފު ކޮބާ އީސީ ކުދިންކޮޅު؟
1 0

ސިކުނޑި

3 ސެޕްޓެމްބަރު 2025
ހެޔޮއެދޭ ފަރާތަކީ، އަދީބު އެފައިސާއަކީ އެމްއެމްޕީއާރސީގެ ފައިސާ! ޔާމީނަށް ވަގަށް ގޮވި އިރު އަބްދުއްރަހީމުގެ ހާލަކީ މީ! މި އަދި އަމިއްލައަށް ލިޔުނު ބަޔާނެއް! ކެމްޕޭނަށް ދިން އެތިކޮޅުވެސް މިއޮތީ ނަގާފަ ހެޔޮއެދޭ މީހަކު ދިން އެއްޗެއްގެ ގޮތުގައި!
4 0

ތެފައާސާ.

3 ސެޕްޓެމްބަރު 2025
މި ޚަބަރާއު ގުޅުމެއް ނެތަސް، މިފަހަކުން މާރުކޭޓު ގޮޅިއަކުން ރިހާކުރު ފުޅިއެއް ވަގަށް ނަގައިގެން ޖަލަށް ހުކުމްކުރި މީހާއަކީވެސް ސިޔާސީ ބޭފުޅެއްނަމަ އޭނާގެ މާލީ ބަޔާނުގައިވެސް އޮންނާނީ ހެޔޮއެދޭ ފަރާތަކުން މާރުކޭޓު ގޮޅިއަކުން ހިލޭދިން ރިހާކުރު ފުޅިއެއްކަމަށް.
12 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް