ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއީލް ނިޒާރު ވާހަކަ ދައްކަވަނީ

މެމްބަރުންގެ މާލީ ބަޔާނަށް 'ހާއްސަ ސަމާލުކަމެއް' ދިނުމުން، ނިޒާރު ގޮވާލެއްވީ މީޑިއާ ބިލް އަވަސްކުރަން

ނިޒާރު ވިދާޅުވި ގޮތުގައި، މެމްބަރުންގެ މާލީ ބަޔާންތައް އަބަދުވެސް އާއްމު ކުރޭ، އެކަމަކު މި ފަހަރު ނޫސްތަކުން އެ ބަޔާންތަކަށް ހާއްސަ ސަމާލުކަމެއް ދޭތީ އޭނާ އެކަން ކުށްވެރި ކުރެއްވި
4 ސެޕްޓެމްބަރު 2025

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތަކަށް މީޑިއާތަކުން 'މީގެ ކުރިންނުދޭހާ ބޮޑު ސަމާލުކަމެއް' ދީފައިވާ ކަމަށް ބުނެ، މިހާރު މަޖިލީހުގައި އޮތް މީޑިއާތައް ރެގުލޭޓް ކުރުމާ ގުޅޭ ބިލް އަވަހަށް ފާސްކުރުމަށް ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއީލް ނިޒާރު ރޭ ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އިއްޔެ ވަނީ އާއްމު ކުރަން ފަށާފަ އެވެ. އެއާ އެކު ނޫސްތަކުން އަންނަނީ މެމްބަރުންނަށް ލިބިފައިވާ 'އާދަޔާހިލާފު މުއްސަނދި' ކަމާއި 'ހަދިޔާގެ ގޮތުގައި' ބައެއް މެމްބަރުންނަށް މިލިޔަނުން ފައިސާ ލިބިފައިވާތީ އެ ވާހަކަތައް އާއްމު ކުރަމުންނެވެ.

އެކަމަކު، ފޭދޫ އުތުރު ދާއިރާގެ މެމްބަރަށް މިކަން ކަމަކު ނުދިޔަ އެވެ.

ބުނީ ކީކޭ؟ - މިރޭ ފޭސްބުކްގައި އާއްމު ކުރެއްވި ނަމަވެސް ފަހުން ޑިލީޓްކޮށްލެއްވި ސްޓޭޓަސްއެއްގައި ނިޒާރު ވިދާޅުވީ:

  • މިއީ މެމްބަރުން މާލީ ބަޔާން އާއްމު ކުރި ފުރަތަމަ ފަހަރެއް ނޫން

  • ގަވައިދުގައި ލިޔެފައި އޮންނާތީ އަބަދުވެސް މެމްބަރުން އެގޮތަށް އަމަލު ކުރައްވާ

  • ބަޔާން އާއްމު ނުކުރާ ނަމަ މަޖިލީހުން، އެ އޮންނަ އުސޫލުގެ ދަށުން މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ 

"މަޖިލީހުން މިފަދަ އެއްވެސް ފިޔަވަޅެއް ނުވަތަ ބަޔާނެއް ވެސް ނެރެފައި ނުވަނީސް ބައެއް މީޑިއާތަކުން ލިސްޓް ހަދައި އާންމުކޮށް ރައްޔިތުންނަށް ކަންކަން އޮޅޭ ގޮތަށް ޕަބްލިޝްކުރާ ކުރުން އަޅުގަޑު ކުށްވެރިކުރަން،" އޭނާ ވިދާޅުވި އެވެ.

ދެން އޭނާ ގޮވާލެއްވީ، މިހާރު މަޖިލީހުގެ ކޮމިޓީގެ މަރުހަލާގައި އޮތް އެ ބިލު އަވަސް ކުރުމަށާއި ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ވިޔަސް ބިލް އަވަހަށް ފާސްކުރުމަށެވެ.

އެނގުން މުހިއްމު - މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް އޮތް އެ ބިލްއާ ދެކޮޅަށް ގިނަ ނޫސްވެރިން އަންނަނީ އަޑުއުފުލަމުންނެވެ. އެ ބިލު ބޭރުކުރަން ގޮވާލާ ޕެޓިޝަނެއްގައި 151 ނޫސްވެރިއަކު ސޮއިކޮށް، އެ ޕެޓިޝަން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހަށް ވެސް ހުށަހަޅާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް