(ކ-ވ) - ކުރެންދޫ ދާއިރާގެ މެންބަރު ޝާމިން، މާފަންނު ހުޅަނގު ދާއިރާގެ މުސްތަފާ، މާފަންނު އުތުރު ދާއިރާގެ ނާޒިމް، މައްޗަންގޯޅި މެދު ދާއިރާގެ ޒަމީރު، ފޭދޫ އުތުރު ދާއިރާގެ ނިޒާރު.
މާލީ ބަޔާން ހުށަނާޅަނީ ޕީއެންސީގެ 4 މެމްބަރުންނާއި އެމްއެންޕީގެ ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މި ނިމުނު އަހަރުގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތު ފާއިތުވެގެން ދިޔަ އިރު ފަސް މެންބަރަކު މާލީ ބަޔާން ހުށަނަޅާ ކަމަށް މަޖިލީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މެންބަރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ސުންގަޑި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަމަވެފަ އެވެ. މާލީ ބަޔާންތައް މަޖިލީހުގެ ސައިޓްގައި ޝާއިއުކުރަމުން ދިޔައީ މިއަދު އެވެ.
ތަފްސީލް - މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ސީނިއާ އޮފިސަރު މާން އައްސަދު ވިދާޅުވި ގޮތުގައި، މަޖިލީހަށް މާލީ ބަޔާން ހުށަހެޅުއްވީ 88 މެންބަރެކެވެ. އެ ހުރިހާ މެންބަރުންގެ މާލީ ބަޔާން މިހާރު ސައިޓުގައި ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ސައިޓް ދައްކާ ގޮތުން މާލީ ބަޔާން ނެތް ފަސް މެންބަރުންނަކީ:
-
މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު (ޕީއެންސީ)
-
މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (އެމްއެންޕީ)
-
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް (ޕީއެންސީ)
-
ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް (ޕީއެންސީ)
-
ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު (ޕީއެންސީ)
މާލީ ބަޔާންތަކުން ގެނެސްދިން ހަބަރުތައް:
އެނގުން މުހިންމު - މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން މެންބަރަކަށް އިންތިހާބުވާއިރު މާލީ ބަޔާން ހުށަހަޅަން ނުޖެހޭތީ، މަގާމާ ހަވާލުވާއިރު މެންބަރުގެ މުއްސަނދިކަމާއި ދެން މެންބަރުކަމުގައި ހުންނަވާ އަހަރުތަކުގައި މުއްސަނދިކަން އިތުރުވާ މިންވަރެއް އެނގޭނެ ގޮތެއް ނޯވެ އެވެ. މި ކަމުގެ ކަންބޮޑުވުން ޓްރާންސްޕޭރެންސީ އާއި މަދަނީ ޖަމިއްޔާތަކުން ފާޅުކޮށްފައިވެ އެވެ.