އަޒްމިރަލްދާ ޒާހިރު ޖޭއެސްސީއަށް ހާޒިރުކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަޒްމިރަލްދާގެ ނަމުގައި ފޭކު އެކްސް އެކައުންޓެއް ހިންގާތީ ރިޕޯޓްކުރަން އެދިއްޖެ

އަޒްމިރަލްދާ ޒާހިރުގެ ނަމުގައި އެކްސް އެކައުންޓް ހުޅުވާފައިވަނީ މި މަހުގެ ތެރޭގައި؛ އެ އެކައުންޓުން އަޒްމިރަލްދާގެ ނަމުގައި ބަޔާނެއް ނެރެ، އަޒްމިރަލްދާ ތަމްސީލްކުރައްވާ 'ޝަމީލް އެންޑް ކޯ ލޯ ފާމް' އިން ނެރެފައިވާ ބަޔާންތައް ރިޕޯސްޓްކޮށްފައިވޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިއްޔެ ވަކިކުރި ޑރ. އަޒްމިރަލްދާ ޒާހިރުގެ ނަމުގައި ސައްހަ ނޫން 'އެކްސް' އެކައުންޓެއް ހިންގާތީ ރިޕޯޓްކުރަން އޭނާ ތަމްސީލްކުރާ ގާނޫނީ ވަކީލުން މިއަދު އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - އަޒްމިރަލްދާ ޒާހިރުގެ ނަމުގައި އެކްސް އެކައުންޓް ހުޅުވާފައިވަނީ މި މަހުގެ ތެރޭގަ އެވެ. އެ އެކައުންޓުން އަޒްމިރަލްދާގެ ނަމުގައި ބަޔާނެއް ނެރެ، އަޒްމިރަލްދާ ތަމްސީލްކުރައްވާ 'ޝަމީލް އެންޑް ކޯ ލޯ ފާމް' އިން ނެރެފައިވާ ބަޔާންތައް ރިޕޯސްޓްކޮށްފައި ހުއްޓެވެ.

އެ އެކައުންޓަށް މިހާރު ވެސް 91 މީހުން ފޮލޯކުރެ އެވެ.

ތަފްސީލް - ޝަމީލް އެންޑް ކޯ ލޯ ފާމްގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި އެއީ އަޒްމިރަލްދާއަށް ނިސްބަތްވާ އެކައުންޓެއް ނޫނެވެ.

"މީހަކު އަޒްމިރަލްދާއަށް ވެގެން ފޭކު އެކައުންޓެއް ހިންގަމުންދާއިރު، މި އެކައުންޓް ރިޕޯޓް ކުރުމަށް އެންމެންގެ ކިބައިން އެދެން،" ލޯ ފާމުން ކުރި ޕޯސްޓްގައިވެ އެވެ.

އެނގުން މުހިންމު - އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުވީ އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 68 މެންބަރުންގެ ވޯޓުން އަޒްމިރަލްދާ އާއި މަހާޒު ވަކިކުރުމަށް އިއްޔެ ފާސްކުރީ، މި ކަމާ ގުޅިގެން ބައިނަލްއަގުވާމީ ގާނޫނީ ޖަމިއްޔާތަކުންނާއި ރާއްޖޭގެ ގިނަ ވަކީލުންނާއި އާންމުން ވެސް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ޖޭއެސްސީން މައްސަލަ ބަލަން ފެށީ ވެސް އެ ކޮމިޝަނުގެ ގާނޫނާ ހިލާފަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލަ ޖެނެރަލް ފާތިމަތު ފިޒްލާ އެ މައްސަލަ ދިރާސާކުރި ޖުޑީޝަރީ ކޮމިޓީއަށް ލަފާ ދެއްވާފައިވަނިކޮށެވެ. ފިލްޒާގެ ލަފާގައި ފާހަގަކުރައްވާފައިވަނީ:

  • މި މައްސަލައަކީ ޖޭއެސްސީއަށް އާންމު މީހަކު ހުށަހެޅި މައްސަލައެއް

  • ޖޭއެސްސީއަށް މައްސަލައެއް ހުށަހެޅުމުން އިޖުރާއަތް އޮންނަ ގޮތް ކޮމިޝަނުގެ ގާނޫނުގެ 22ވަނަ މާއްދާގައި ބަޔާންކޮށްފައިވޭ

  • އެ މާއްދާގައި ބުނާ ގޮތުން، މައްސަލައެއް ބެލުމާ މެދު ގޮތެއް ނިންމަން ކޮމިޝަނުން ތިން މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައި ކޮމިޓީން އަލުން ކޮމިޝަނަށް ފޮނުވަން ޖެހޭ

  • މި ސުލޫކީ މައްސަލަ، މައްސަލަތައް ބެލުމަށް ގޮތް ނިންމަން އޮންނަ ކޮމިޓީއަށް ފޮނުވާފައެއް ނުވޭ؛ އޭގެ ބަދަލުގައި ކޮމިޝަނުގެ އިސްނެގުމަށް މައްސަލަ ބަލަން ނިންމީ

  • ފިލްޒާގެ ލަފައަކީ މައްސަލަތައް ބެލުމަކީ ކޮމިޝަނަށް ލިބިދޭ ބާރަކަށްވީ ނަމަވެސް ގާނޫނުގައި ލާޒިމުކޮށްފައި އޮންނަ ކޮންމެ އިޖުރާއަތެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް

މައްސަލައިގެ ފެށުން - އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން، ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ.

ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ. އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.

ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ ދެ މަހަށް ވުރެ ގިނަ ދުވަސްވީ އެވެ. އެއީ:

  • ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން

  • ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް

  • ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ ބެންޗު ވެސް ބަދަލުކުރެވެނީ އޭގައި ހިމެނޭ ފަނޑިޔާރަކު ދުރުވާން ބޭނުންވުމުން ނޫނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުން ނޫނީ މަގާމުން ވަކިވުމުން

ކޮމެންޓް (1)

ކޮސް

15 މޭ 2025
މިއީ ޕީ.އެން.ސީ އިން ބޯފަން އަބުޅޯ ކުރާނެ ކަމަކާ ވައްތަރީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް