މަހާޒު (ކ) އަދި އަޒްމިރަލްދާ. (ފޮޓޯތައް/ސުޕްރީމް ކޯޓު)

ޖުޑިޝަރީ

އަޒްމިރަލްދާ އާއި މަހާޒު ސުޕްރީމް ކޯޓުން ވަކިކޮށްފި

އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން، ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގައި
14 މޭ 2025
2

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެއަކު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.

ޖޭއެސްސީން ފޮނުވި ރިޕޯޓް ރަނގަޅު ކަމަށް ކަނޑައަޅައި ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައި ތަޅުމަށް ފޮނުވީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމީ ގޯސްކޮށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ކޮމިޓީއަށް ލަފާ ދެއްވާފައި ވަނިކޮށް، އެ ލަފައަށް ބެލުމެއް ނެތި އެވެ.

ތަފްސީލް - އެ މައްސަލާގައި މިއަދުގެ މަޖިލިސް ޖަލްސާގައި މެމްބަރުން ވަނީ 1 ގަޑިއިރަށް ބަހުސްކުރައްވާފަ އެވެ. އޭގެ ތެރެއިން 40 މިނިޓު ލިބުނީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮންނަ ވެރިކަން ކުރާ ޕީއެންސީއަށެވެ.

އިދިިކޮޅުން މަޖިލިސް ދޮށުގައި މުޒާހަރާ ކުރަމުން ދަނިކޮށް މި މައްސަލައިގެ ބަހުސް ނިންމައި ކޮންމެ ފަނޑިޔާރަކަށް ވަކިވަކިން ނެގި ވޯޓުގައި 79 މެމްބަރުން ވޯޓު ދެއްވިއިރު:

  • ފަނޑިޔާރުން ވަކިކުރުމާ އެއްކޮޅަށް - 68 ވޯޓު

  • ފަނޑިޔާރުން ވަކިކުރުމާ ދެކޮޅަށް - 11 ވޯޓު

މައްސަލައިގެ ފެށުން - އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން، ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ.

ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ. އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.

ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ ދެ މަހަށް ވުރެ ގިނަ ދުވަސްވީ އެވެ. އެއީ:

  • ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން

  • ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް

  • ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ ބެންޗު ވެސް ބަދަލުކުރެވެނީ އޭގައި ހިމެނޭ ފަނޑިޔާރަކު ދުރުވާން ބޭނުންވުމުން ނޫނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުން ނޫނީ މަގާމުން ވަކިވުމުން

އެނގުން މުހިންމު - މި މައްސަލާގައި އދ. އާއި ބޭރުގެ ވަރަށް ގިނަ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް އިއްޔެ ވަނީ މި މައްސަލައާ ދެކޮޅަށް ބަޔާނެއް ނެރެފަ އެވެ.

ކޮމެންޓް (2)

ފޮޅިމީޑީއަ

15 މޭ 2025
ރިފޯމްގެ އަންމައާ އައްޕަކަމަށް ދައުވާ ކުރާ އެމްޑީޕީއިްނ ޖުޑީސަލް ކަމިސަންއިން ސިޔާސީ މީހުން ބޭރުކޮށް މިނިވަން ކުރަން ވައުދު ވެގެން ރައްޔިތުން ސުޕަރ މެޖޯރިޓީ ދިނީމާ އެކަން ނުކޮށް ދައުރު ނިންމާލީ ކީއްވެތޯ އެޕާޓީ ޕާރލިމެންޓް ރައީސް އާޒިމާ ޕާޓީ ރައިސް ފަޔާ އެންޑިޕީ ޖުޑީސަލް ރައީސް ހިސާނު ކައިރީ އަހ ބުނާ އެއްޗެއް ދިރާސާ ކޮށް ގެނެަސް ދޭނެ އެންމެ ނޫސްވެރިއެއްވެސް މިގައުމުގައި ނެތިއްޔާ މާނައަކީ ރައްޔިތުންގެ ހައްގުގައި އުޅޭނެ މީޑީއާއެއްމިރާއްޖެއަކުނެތޭ.
0 0

ތެފައާސާ.

14 މޭ 2025
މިއަދު ބާރެއް ލިބިފައި އޮތީތީ ބޭނުން އެއްޗެއް ހެދިދާނެ. ބާރަކީ ތާއަބަދަށް ދެމިއޮންނަ އެއްޗެއް ނޫންކަން. އެއީ އިލާހީ ގާނޫނު. ބޭއިންސާފުވި ހަމަ ކޮންމެ މީހަކާއި އިންސާފު އަރާ ހަމަކުރާނެ. ރައީސް މުއިއްޒުއާއި އިންސާފު އަރާ ހަމަކުރާނެ. ޝާމިލްއާއި އިންސާފު އަރާ ހަމަކުރާނެ. ކުޑަ ކޮމިޓީއާއި އިންސާފު އަރާ ހަމަކުރާނެ. ޖޭއެސްސީއާއި އިންސާފު އަރާ ހަމަކުރާނެ. ޖުޑީޝަރީ ކޮމިޓީއާއި އިންސާފު އަރާ ހަމަކުރާނެ. މަޖިލީހާއިވެސް އިންސާފު އަރާ ހަމަކުރާނެ. އެދުވަހެެއްގެ އިންތިޒާރުގައި އަހަރެމެން އެބަތިބިން.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް