މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި އެބަ ފެނޭ: ސައީދު

ސައީދު އެގޮތަށް ވިދާޅުވި ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 19ރ. އިން މަތީގައި

ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ އެކު ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވަމުންދާ ކަމުގެ ކޮޅުމަތި ފެންނަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު މިގޮތަށް ވިދާޅުވީ، ޑޮލަރުގެ ކަޅު ބާޒާރާ ގުޅޭ ގޮތުން ބައެއް ނޫސްވެރިން ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ތަފްސީލު - އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސައީދު ތަކުރާރު ކުރެއްވީ، މިދިޔަ މަހު ފަހުކޮޅު ރައީސް އޮފީހުން ގެނެސްދިން 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި، ޑޮލަރު މާރު ކުރުމާ ގުޅޭ ގޮތުން ރައީސް މުހައްމަދު މުއިއްޒު ހިއްސާ ކުރެއްވި ބައެއް ތަފާސް ހިސާބުތަކެވެ. އެގޮތުން ސައީދު ވިދާޅުވީ:

  • މިދިޔަ ޖެނުއަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފައިވޭ

  • "އެއީ ވަރަށް ބޮޑު ކުރިއެރުމެއް. އޭގެ [ޖެނުއަރީ މަހުގެ] ކުރިއާ ބަލާއިރު، އަޅުގަނޑުމެން އުންމީދު ވެސް ނުކުރާ ވަރުގެ ކުރިއެރުމެއް އެއީ."

  • ރައީސް ވިދާޅުވެފައިވާ ގޮތަށް ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރު %40 އިތުރުވެފައިވާއިރު، އެ ހާލަތު ބަދަލެއް ނުވޭ؛ އެ ހާލަތު އިރާދަކުރެއްވިއްޔާ ކުރިއަށް އެއަށް ވުރެ ރަނގަޅުވާނެ

"އެމްއެމްއޭގެ އާ ގަވައިދުގެ ދަށުން ޑޮލަރުގެ އަގު އިތުރަށް ދަށްވެ، ކަޅު ފައިސާގެ ބާޒާރު ކުރިއަށް އޮތް ތަނުގައި ހީނަރުވެގެން ދާނެ ކަމުގެ ކޮޅުމަތި އަޅުގަނޑުމެންނަށް ފެންނާތީ އެކަން އެގޮތަށް ލަފާ ކުރެވޭ ކަމުގައި އެ އޮތީ އެމްއެމްއޭއިން ވެސް ވިދާޅުވެފައި އަވަސް ފުރުސަތެއްގައި،" ސައީދު ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ:

  • ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރުމަށް ވެސް ސަރުކާރުން ގިނަ މަސައްކަތްތައް އަންނަނީ ކުރަމުން؛ އޭގެ އިތުރުން ރާއްޖެއިން ބޭރު ކުރާ މުދާގެ އަދަދު އިތުރު ކުރުން ހިމެނޭ

  • މި އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު އެކްސްޕޯޓުން ލިބުނު ޖުމްލަ ބޭރު ފައިސާގެ އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު %11 އިތުރުވެފައިވޭ

  • އެ މުއްދަތުގައި މަސް ބޭރު ކުރި މިންވަރު %40 އިތުރު

  • ދަރިވަރުންނާއި އުމްރާއަށް ދާ މީހުންނަށް ވެސް ކުރިއަށް ވުރެ ފަސޭހައިން ޑޮލަރު މާރު ކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގައި ކުރިއެރުންތަކެއް ވަނީ ލިބިފައި

ކަޅު ބާޒާރުގައި ހީނަރުވަމުންދާ ކަމުގެ ކޮޅުމަތި ފެންނަމުންދާ ކަމަށް ސައީދު ވިދާޅުވި ނަމަވެސް، އެ ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ އަދިވެސް 19ރ. އިން މަތީގަ އެވެ.

އެ އަގު އަދިވެސް ތިރި ނުވާތީ އެކަމާ ގުޅުވައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ، ފްރީ މާކެޓެއްގައި އެއް ދުވަހުން އެ އަގު ދަށްވެގެން ނުގޮސްދާނެ ކަމަށެވެ. އެކަމަކީ، އޮތް ޑިމާންޑަށް ބަލައި ބަދަލުވާނެ ކަންކަމުގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ރައީސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތަށް ސަރުކާރު ކުންފުނިތަކުން ކަޅު ބާޒާރުގައި ޑޮލަރު ގަތުން ނިމުމަކަށް އައުމުން އެ ބާޒާރުގެ ޑިމާންޑަށް ވަރަށް ބޮޑު ދަށްވުމެއް އަންނާނެ

  • މި މަސައްކަތް ރަނގަޅަށް ނިމޭއިރު، އެފަދަ އެތައް ސަބަބުތަކާ އެކު މިހާރަށް ވުރެ ޑޮލަރުގެ ހާލަތު ރަނގަޅު ވަމުންދާނެ

  • ޑޮލަރުގެ މާރު ކުރުމުގެ ސިޔާސަތަކީ މީގެ ކުރިން ސަރުކާރުތަކުން އަބަދުވެސް ދެއްކަމުން އައި ވާހަކައެއް؛ އެކަމަކު އޭގެ އަމަލީ ފިޔަަވަޅު އަޅަން ކެރުނު ވެރިޔަކީ ހަމައެކަނި ރައީސް

"ބެންކަށް މާރު ކުރި ޑޮލަރުގެ %40އަށް އިތުރުވެގެން ދިޔުމަކީ ކުރިއެރުމެއް. ދެން ސީދާ އެކަމާ ހެދި މާދަމާ ނޫން އަނެއް ދުވަހު މިވެނި ރޭޓެއް މިހެން ވާނެއޭ [ކަޅު ބާޒާރުގައި ރޭޓު ތިރިވުން] އެ ފޯކާސްޓު އެގޮތަށް ދަންނަވަން އެއްވެސް ބޭފުޅަކަށް އެހާ ޔަގީންކަމާ އެކު އެނގިވަޑައިނުގަންނަވާނެހެން،" ސައީދު ވިދާޅުވި އެވެ.

ސައީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން:

އެނގުން މުހިއްމު - މިދިޔަ ޖެނުއަރީން ފެށިގެން އަމަލު ކުރަމުން އަންނަ ބޭރު ފައިސާގެ ގާނޫނުގެ ދަށުން:

  • ރިސޯޓުތަކަށް ލިބޭ އާމްދަނީން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނޫނީ އާމްދަނީގެ %20 މާރުކުރަން ޖެހޭ

  • ކެޓަގަރީ ބީގެ ތަންތަނަށް (ގެސްޓުހައުސް، ސަފާރީ އަދި ހޮޓާތަކަށް) މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރަން ޖެހޭ

  • ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުގެ އިތުރުން މާލީ އިދާރާތައް ފިޔަވައި އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ހިދުމަތާއި މުދަލަކަށް ފާއިތުވި އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތައް ވެސް މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރަން ޖެހޭ


ކޮމެންޓް (1)

ތެފައާސާ.

22 އޭޕްރީލު 2025
ކޮޅުމަތި ފެނުމުގެ ފެހި ސިގްނަލް އެ ލިބުނީ. ދެން މާކަގިނަ ދުވަހެއް ނުވާނެ. ޕޭޕަލް ގެންނަންވެސް ފެހި ސިގްނަލް ހޯދައިގެން އަހަރެމެން ތިބޭތާ އަހަރުވެގެން ދިޔައީވިއްޔާ!!!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް