އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (ފޮޓޯ/ރައީސް އޮފީސް)

އެމެރިކާގެ ޓެރިފް ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ: ސައީދު

ރާއްޖެއިން އެމެރިކާއަށް ބޭރުކުރަނީ މަހާއި މަހުގެ އުފެއްދުންތައް؛ އެ ތަކެތިން މިހާރު ވެސް ނަގަނީ %10 ޓެރިފް

އެމެރިކާއިން ދުނިޔޭގެ ހުރިހާ ގައުމަކަށް %10 އިމްޕޯޓް ޑިއުޓީ އަދި ބައެއް ގައުމުތަކަށް ވަރަަށް ބޮޑެތި ޑިއުޓީތަކެއް ނަގާ އާ ޓެރިފް ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމެރިކާގެ އެތެރޭގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން ކަމަށް ވިދާޅުވެ އެ ގައުމަށް އެތެރެކުރާ މުދަލަށް ނަގާ އާ ޓެރިފް ރޭޓްތަކެއް ވަނީ އިއުލާނުކޮށްފަ އެވެ.

ތަފްސީލް - އެމެރިކާގެ ޓެރިފް ރޭޓުތަކަށް ބަދަލު ގެނައި ނަމަވެސް ސައީދު ވިދާޅުވީ އޭގެ ސަބަބުން ރާއްޖެއަށް ސީދާ އަސަރު ނުކުރާނެ ކަމަށެވެ.

ސަބަބަކީ، ސައީދު ފާހަގަ ކުރެއްވި ގޮތުގައި:

  • ރާއްޖޭން އެ ގައުމަށް އެތެރެ ކުރަނީ މަހާއި މަހުން އުފައްދާފައިވާ ބާވަތްތައް ކަމަށް ވުން

  • އެ ބާވަތްތަކުން މިހާރު ވެސް %10 ޓެރިފް ނަގާ

""ރާއްޖެއަށް އޮންނަ ބޭސް ލައިން ޓެރިފަކީ %10 މިހާރު. އޭގެ ތެރޭގައި ރާއްޖެއިން އެމެރިކާއަށް އެކްސްޕޯޓު މިކުރަނީ މަހާއި މަހުގެ އުފެއްދުންތައް. އަޅުގަނޑުމެންގެ ކޮމްޕެޓިޓަރުންނަށް ލިބިފައި ހުރި ރޭޓުތައް އަޅުގަނޑުމެންނަށް ވުރެ ބޮޑުހެން ހީވަނީ،" ސައީދު ވިދާޅުވި އެވެ.

"ސީދާ ޓެރިފާ ގުޅޭ ގެއްލުމެއް ރާއްޖެއަށް އޮތްހެން ހިއެއް ނުވޭ."

ސައީދު ވިދާޅުވީ މަސައްކަތް ކުރަނީ ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓު ކުރާނެ އެހެން މާކެޓުތައް ހޯދުމަށް ކަމަށެވެ.

"ނަމަވެސް ދުނިޔޭގެ އެންމެ ބޮޑުތި އިކޮނޮމީތަކުން އެހެން ނިންމަ ނިންމުންތަކުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް ކުރާނެ އަސަރުތައް ހުންނާނެ. އެކަން އެ ދަނީ އެކަމާ ބެހޭ މާހިރުން ފާހަގަކުރައްވަމުން،" އޭނާ ފާހަގަ ކުރެއްވި އެވެ.

"ބައެއް ހާލަތްތަކުގައި ތަކެތީގެ އަގު އުފުލި، އިގްތިސޯދު މަޑުޖެހުން ފަދަ ކަންތައް ދިމާވެދާނެ."

ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދުގެ އެންމެ މުހިއްމު ސިނާއަތަކީ ޓޫރިޒަމް ކަމަށާއި ޓެރިފް ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ނަންބަރުތަކަށް އަސަރު ނުކުރާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް