އިހަވަންދިއްޕޮޅުގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ފެށުން.

ބަންކަރިން ހިދުމަތުން ރަނގަޅު އާމްދަނީއެއް ލިބޭ: ސައީދު

އުތުރުގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ފެށި ނަމަވެސް އެ ސަރަހައްދުގައި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވި

މިދިޔަ ސެޕްޓެމްބަރު މަހު ފެށި ބަންކަރިން ހިދުމަތުން ރަނގަޅު އާމްދަނީއެއް ލިބެމުން އަންނަ ކަމަށާއި އެ ހިދުމަތް ހުއްޓާލާފައިނުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އެ ހިދުމަތް އެސްޓީއޯއިން ދެމުން އަންނަ ކަމަށެވެ.

އެނގުން މުހިއްމު - ބަންކަރިން ހިދުމަތް ދޭން ފެށީ މިދިޔަ 10 ސެޕްޓެމްބަރުގަ އެވެ.

އެ ހިދުމަތުގެ ދަށުން: 

  • އޮފްޝޯ ބަންކަރިން ނުވަތަ ބޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނީ އެސްޓީއޯއިން

  • ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ހިދުމަތްތައް ދޭނީ އެމްޕީއެލްއިން

ތަފްސީލް - މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ބަންކަރިން ހިދުމަތް ހުއްޓާލި ކަމަށް ސަރުކާރުގެ އެއްވެސް އޮފިޝަލަކު ވިދާޅުވެފައި ނުވާނެ ކަމަށެވެ.

"އެސްޓީއޯގެ ބުކްސްއަށް އަންނާނެ [އޭގެ އާމްދަނީ]. އެސްޓީއޯ އަކީ އާންމުން ހިއްސާވާ ކުންފުންޏެއް. އެ ބޭފުޅުންގެ ބުކްސްގައި ހުންނާނެ ބަންކަރިން އިން ކިހާ އާމްދަނީއެއްތޯ ލިބުނީ،" އޭނާ ވިދާޅުވި އެވެ.

އުތުރުގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ފެށި ނަމަވެސް، އެ ސަރަހައްދުގައި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަން ސައީދު ފާހަގަކުރެއްވި އެވެ.

"އެ ކަމަށް ޝައުގުވެރިކަން ފާޅުކުރި ކުންފުންޏާ އެކު، އެ މަޝްރޫއު ފިޒިކަލީ ފެށުމަށްޓަކާ ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން [އަންނަނީ]،" ސައީދު ވިދާޅުވި އެވެ.

"އިކޮނޮމިކް މިނިސްޓްރީ ތެރޭ އެ މަސައްކަތް ކުރަމުން އަންނަނީ."

މިނިސްޓަރު ވިދާޅުވީ އިންޓަނޭޝަނަލް ބަންކަރިން އަކީ އެތައް ބިލިއަން ޑޮލަރުގެ ވިޔަފާރިއެއް ކަމަށާއި ރާއްޖޭގެ އުތުރާއި ދެކުނުގެ ކަނޑުއޮޅިން ދަތުރުކުރާ %1 ބޯޓުތަކަށް އެ ހިދުމަތް ދެވުނަސް އެއީ 400 މިލިއަނެއްހާ ޑޮލަރު ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ:

  • ބައިނަލްއަގުވާމީ ބަންކަރިންއާ ގުޅޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެބަދޭ

  • އިންޓަނޭޝަނަލް ބަންކަރިންގައި ބޭނުންކުރާ ވަސީލަތްތަކާއި އިންސްފްރާސްޓްރަކްޗާ ގާއިމް ކުރުމަށް މަސައްކަތް ކުރަމުން އެބަދޭ

  • އެ މަސައްކަތަށް ބޭރުން ފައިސާ ހޯދުމަށް ވެސް މަސައްކަތް ކުރަމުން އެބަދޭ

ފާހަގަ ކުރެވޭ - އުތުރުގެ އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ 13 މާޗު 2024ގަ އެވެ.

އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ދޭ ޗެނަލުން މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެ އެވެ.

ކޮމެންޓް (3)

ފިނިފެންމާ ސައިދު

22 އޭޕްރީލު 2025
ހޫން. އެސްޓީއޯ ބުކުސްއިން ދައްކާ ޕެނަމާ ކެނަލްއާ ސުއެޒް ކެނެލް ބަންދުކުރިކަމަަށް ހޯރަ ކެނަލްއާ ހެދި
0 0

ތެފައާސާ.

21 އޭޕްރީލު 2025
އިގްތިސާދާއި ބެހޭ ވަރީޒުގެ ނޫސްކޮންފަރެންސެކޭ ބުނެގެން ވަރަށް ޝައުގުވެރިވެގެން ޓީވީގެ އަޑުވެސް ތިރީހަށް ލައިގެން ބަލަން އިންދާ ވަޒީރު ވިދާޅުވެއްޖެ އެސްޓީއޯގެ *ޕޭރޯލްގައި* އިންނަ އިންކަމް އެންޑް އެކްސްޕެންޑީޗާރ އިން ބަންކަރިންގެ އާމްދަނީ އެނގޭނެޔޭ. ގަންނާކުރެއްވި ލަދުން ޓީވީ ނިއްވާލާފައި ނިކުމެގެން ގޮސްފިން.
4 0

ކޮސް

21 އޭޕްރީލު 2025
@ތެފައާސާ. ލިބޭނަމަ މަގުތަކުގާ އަޑުގަދަކުރާއިން މިވެރިން ގޮވާނެ. ނުލިބެއޭ ނުބުނަން އެބުނީ ވިކުރާގަ ލިބޭވަރު އޮންނާނޭ. ހެއް ހެއް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް