އެމްއެމްއޭ ބިލްޑިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްއެމްއޭ

50 މިލިއަން ޑޮލަރު މާރުކޮށްފި؛ ރިޒާވް %5 އިތުރުވެ، 708 މިލިއަނަށް

މިދިޔަ މަހުގެ ނިޔަލަށް ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރު ފައިސާގެ މިންވަރު ވަނީ ޑިސެމްބަރު މަހާ އަޅާބަލާއިރު %12 އިތުރުވެފައި
10 ފެބްރުއަރީ 2025

ރާއްޖޭގެ މަރުކަޒީ ބޭންކުން މިދިޔަ އޮކްޓޯބަރުގައި ހެދި ގަވާއިދުގެ ދަށުން، މިދިޔަ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް މާރުކޮށްފައިވާ ކަމަށާއި މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް %5 އިތުރުވެ، 708.1 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެމްއެމްއޭން މިރޭ ބުނެފި އެވެ.

އެނގުން މުހިންމު -  އެމްއެމްއޭން ކުރިން ލަފާކޮށްފައިވަނީ އޮކްޓޯބަރު މަހު ރިސޯޓްތަކަށް ލިބުނު އާމްދަނީން ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު މާރުކުރާނެ ކަމަށެވެ.

ވީ ކިހިނެއް؟ - އެމްއެމްއޭން މިރޭ ވަނީ ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ މަސް ނިމުނުއިރު ހުރި މިންވަރު އަންގައިދޭ ތަފާސްހިސާބު ޝާއިއުކޮށްފަ އެވެ.

ތަފްސީލް - އެ ތަފާސްހިސާބުގައިވާ ގޮތުން:

  • މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 708.1 މިލިއަން ޑޮލަރުގައި 

  • މިއީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރި މިންވަރާ އަޅާބަލާއިރު %5ގެ އިތުރުވުމެއް

"މީގެ މައިގަނޑު ސަބަބަކީ ޖެނުއަރީ މަހު ރިޒާވުން ހަރަދު ކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުމެވެ،" އެމްއެމްއޭން ނެރުނު ބަޔާނެއްގައިވެ އެވެ.

އެމްއެމްއޭން ބުނި ގޮތުގައި:

  • މިދިޔަ މަހުގެ ނިޔަލަށް ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރު ފައިސާގެ މިންވަރު ވަނީ ޑިސެމްބަރު މަހާ އަޅާބަލާއިރު %12 އިތުރުވެފައި 

  • އޮކްޓޯބަރުގައި އަމަލު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން، މި މުއްދަތުގެ ތެރޭގައި އެމްއެމްއޭއަށް ލިބުނު ބޭރު ފައިސާ އިތުރުވެފައި ވުމަކީ ވެސް މީގެ ސަބަބެއް

މިދިޔަ މަހުގެ ނިޔަލަށް، އޮކްޓޯބަރުގައި ލިބުނު އާމްދަނީއަށް ބިނާކޮށް 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް މާރުކޮށްފައިވާ ކަމަށް އެމްއެމްއޭން ބުންޏެވެ.

"މި މުއްދަތުގައި، ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން %90 ރިޒޯޓުތަކުން މި ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާތީ، ފަތުރުވެރިކަމުގެ ސިނާއަތުން މިކަމަށް ލިބޭ އެއްބާރުލުން ފާހަގަކުރަމެވެ،" އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.

އެނގުން މުހިންމު - ރިސޯޓްތަކުން މި ވަގުތު މާރުކުރަމުން ދަނީ މިދިޔަ އޮކްޓޯބަރު މަހުގެ އާމްދަނީންނެވެ. އެއީ އެމްއެމްއޭން ނެރުނު ބޭރު ފައިސާގެ ގަވާއިދުގެ ދަށުންނެވެ. ގަވާއިދު ބުނާ ގޮތުން ރިސޯޓެއް ނަމަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރަން ޖެހެ އެވެ.

ގަވާއިދު ނެރުނު އިރު އެއީ ނުވާނެ ކަމެއްކަން ފާހަގަކޮށް، ރިސޯޓް ވިޔަފާވެރިން ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރި އެވެ. ދެން ރައްޔިތުންގެ މަޖިލީހުން އާ ގާނޫނެއް ފާސްކުރީ އާމްދަނީގެ %20 މާރުކުރުމުގެ އިހުތިޔާރު ބޭނުން ކުރެވޭ ގޮތަށެވެ.

އަލަށް އެކުލަވާލައި މިދިޔަ މަހު އަމަލު ކުރަން ފެށި ބޭރު ފައިސާގެ ގާނޫނުގެ ދަށުން: 

  • ރިސޯޓުތަކަށް ލިބޭ އާމްދަނީން، ބޮލަކަށް 500 ޑޮލަރު ނޫނީ އާމްދަނީގެ %20 މާރުކުރަން ޖެހޭ

  • ކެޓަގަރީ ބީގެ ތަންތަނަށް (ގެސްޓުހައުސް، ސަފާރީ އަދި ހޮޓާތަކަށް) މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރަން ޖެހޭ

  • ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުގެ އިތުރުން މާލީ އިދާރާތައް ފިޔަވައި އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ހިދުމަތާއި މުދަލަކަށް ފާއިތުވި އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތައް ވެސް މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރަން ޖެހޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް