ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް) ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސައީދު ވާހަކަ ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ޑިވެލޮޕްމެންޓު ބޭންކުގެ މަސައްކަތް ކުރަނީ ފިނޭންސް މިނިސްޓްރީން: ސައީދު

މީގެ ކުރިން ބޭންކު އުފެއްދުމުގެ މަސައްކަތްތަކާއި އޭގެ ފަހުން ވެސް ޑީބީއެމްއާ ގުޅޭ ކަންތައްތަކުގައި މައުލޫމާތު ހިއްސާ ކުރަމުން އައީ އިކޮނޮމިކް މިނިސްޓްރީން

ތަރައްގީގެ މަޝްރޫއުތަކާއި އެފަދަ ކަންކަމަށް ލުއި ގޮތްތަކެއްގެ މަތިން ފައިސާ ދޭން އުފައްދާފައިވާ ޑިވެލޮޕްމެންޓު ބޭންކު (ޑީބީއެމް)ގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޑީބީއެމް އުފެއްދި ފަހުން އެ ތަނުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާ ނުކުރާތީ، މިއަދު އިކޮނޮމިކް މިނިސްޓަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.

މީގެ ކުރިން އެ ބޭންކު އުފެއްދުމުގެ މަސައްކަތްތަކާއި އޭގެ ފަހުން ވެސް ޑީބީއެމްއާ ގުޅޭ ކަންތައްތަކުގައި މައުލޫމާތު ހިއްސާ ކުރަމުން އައީ އިކޮނޮމިކް މިނިސްޓްރީންނެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އެ ބޭންކުގެ މަސައްކަތް ކުރަނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ.

"އެ ބޭންކުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސުން އެ ގެންދަނީ ވަރަށް ބާރަށް ކުރިއަށް،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ޑިވެލޮޕްމެންޓު ބޭންކެއްގެ މުހިއްމުކަން މީގެ ކުރީގެ ސަރުކާރުތަކުން ވެސް ފާހަގަކުރި ކަމަށާއި ނަމަވެސް އަމަލީ ގޮތުން އެފަދަ ބޭންކެއް އުފެއްދީ މި ސަރުކާރުން ކަމަށެވެ.

އެ ބޭންކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސައީދު ވިދާޅުވީ އެއީ އެހެން ބޭންކުތައް ފަދައިން ކޮންމެ ދުވަހަކު ފައިސާ ޖަމާކޮށް، ނަގާ ތަނަކަށް ނުވެދާނެެ ކަމަށެވެ.

"ނަމަވެސް ރާއްޖޭގައި ހުރި އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް ރާއްޖޭގެ ސޮވަރިން ބޭންކަކުން ބައިނަލްއަގުވާމީ ފައިނޭންޝަލް މާކެޓަށް ނުކުމެ، އެ ސޮވެރިން ސްޓްރެންތުގައި އެ ފައިސާ ބޮރޯ ކުރެވޭނެ ސަރުކާރުން އުފެއްދި އަދި ސްޓޭޓުން އެމްޕަވާކޮށް ފައިނޭންޝަލް މާކެޓުގެ އެންޑޯޒްމެންޓާއި ކޮންފިޑެންސް ލިބޭ ގޮތަށް އުފައްދާފައިވާ ބޭންކެއް [މިއީ]،" އޭނާ ވިދާޅުވި އެވެ.

ބޭންކުގެ ލައިސަންސް ލިބި އިދާރީ ސެޓްއަޕް ހަދާފައިވާކަން ސައީދު ފާހަގަކުރެއްވި އެވެ.

އެ ބޭންކަށް ގެނައި ބޭރުގެ ސީއީއޯ އިސްތިއުފާ ދެއްވުމާ ގުޅޭ ގޮތުން ސައީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ބޭންކެއް ހިންގޭނެ ގާބިލު ބޭފުޅަކު ރާއްޖޭން ނުވަތަ ރާއްޖޭން ބޭރުން ގެނެސްގެން ވިޔަސް ބޭންކުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.

"އޭގެ ނަފާވެރިކަން ދިވެހި އިގްތިސޯދަށް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމް ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ވައުދު ފުއްދުމަށްޓަކައި މި ބޭންކް ހުޅުވުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެމްއެމްއޭއިން މި ބޭންކް އުފެއްދުމަށް ލައިސެންސް ދިނީ މިދިޔަ 16 އޮކްޓޯބަރުގަ އެވެ.

ޑީބީއެމް ގާއިމްކޮށްފައިވަނީ އެލައިޑް އިންޝުއަރެންސް ހިންގާ އުމަރު އާކޭޑިއާ އިމާރާތުގަ އެވެ.

މި ބޭންކް ހުޅުވުމަށް ސަރުކާރުން ނިންމީ ރާއްޖޭގެ އިގްތިސާދު އިތުރު ހަރުފަތަކަށް ގެންދިއުމަށް ހުރި މާލީ އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމުގެ ބޭނުމުގަ އެވެ. އެގޮތުން:

  • މި ބޭންކުން ދިގު މުއްދަތުގެ މާލީ ވަސީލަތްތައް ފޯރުކޮށްދިނުމާއި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދޭނެ

  • ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންތައް ގެނައުމަށް މަސައްކަތް ކުރާނެ

ކޮމެންޓް (1)

ސިކުނޑި

21 އޭޕްރީލު 2025
ވާނެ، ކުރާނެ، ވޭ ވެއްޖެ މިނޫންއެއްޗެއްގެ އަޑެއްނީވޭ އެކަމަކު އަމަލީގޮތުން އެއްވެސް ކަމެއް ނުއެއްފެނޭ!
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް