ރައީސް މުއިއްޒު އާއި ސަރުކާރުގެ އިސް ބޭފުޅުން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ބައްލަވާލައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ޑިވެލޮޕްމަންޓް ބޭންކަކީ އިގްތިސާދާއި އިޖުތިމާއީ ތަރައްގީގެ ބިންގަލަށް ވާނެ: ސައީދު
ރާއްޖޭޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކު، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އަކީ މުސްތަގުބަލުގައި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ބިންގަލަށް ވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެސްއެމްއީ ހަބް ކުރިން ހުރި އުމަރު އާކޭޑިއާ އިމާރާތުގައި ގާއިމް ކުރި އެ ބޭންކު ހުޅުއްވައިދެއްވީ، އެ ތަނާ ޖެހިގެން ހުންނަ އިސްލާމީ މަރުކަޒުގެ ހޯލުގައި އެކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުހައްމަދު މުއިއްޒެވެ.
ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި ރާއްޖޭގެ މުސްތަގުބަލާއި މި ބޭންކާ އޮންނާނެ ގުޅުމަށް ސައީދު ވަނީ އަލިއަޅުވާލައްވާފަ އެވެ.
"މި ބޭންކަކީ މުސްތަގުބަލުގައި ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ބިންގަލަށް ވާނެ،" ސައީދު ވިދާޅުވި އެވެ.
ތަފްސީލު - ޑީބީއެމްއަކީ، ސައީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދު ވަރުގަދަކޮށް، ސިންދަފާތު ކުރުމަށްޓަކައި ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގައި ހިމެނޭ ވަރަށް މުހިންމު ބައެކެވެ.
"ކުރިއަށް އޮތް ތަނުގައި މި ބޭންކުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ފައިނޭންސް ކުރުމާއި ދިވެހި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އިގްތިސާދީ ކުރިއެރުމުގެ ދެމެހެއްޓެނިވިކަން ކަށަވަރު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ،" ސައީދު ވިދާޅުވި އެވެ.
މި ބޭންކަކީ ކާމިޔާބު ތަނަކަށް ހެދުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް ބޭރުގެ ޕާޓްނަރުންނާއި ދިވެހި ވިޔަފާރިތަކާއި ކަމާ ގުޅޭ އެންމެހާ ފަރާތްތަކަށް ސައީދު ވަނީ ގޮވާލައްވާފަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމް ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެ ވައުދު ފުއްދުމަށްޓަކައި މި ބޭންކް ހުޅުވުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ ޖެނުއަރީ މަހު އެވެ. އެމްއެމްއޭއިން މި ބޭންކް އުފެއްދުމަށް ލައިސެންސް ދިނީ 16 އޮކްޓޯބަރުގަ އެވެ.
'
ކޮމެންޓް