ރައްޔިތުންނާ އެކު ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އަހަރުގެ މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް ވަނީ މާރުކޮށްފައި: ރައީސް

އަހަރުގެ މެދަކާ ހިސާބަށް ދާއިރު، ސަރުކާރު ކުންފުނިތަކުން ކަޅުބާޒާރުން ޑޮލަރު ގަތުން ހުއްޓާލާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ އަގު ތިރިވަމުން އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި

ބޭރު ފައިސާގެ ދަތިކަމަށް އޮތް ހައްލު ގެނައުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު މިދިޔަ ޖެނުއަރީން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސްގެ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި އެ މަނިކުފާނު ވިދާޅުވީ މިއީ ކުރިން ބޭންކުތަކަށް މާރުކުރާ ޑޮލަރާ އަޅާބަލާއިރު %40 އިތުރު އަދަދެއް ކަމަށެވެ.

އެނގުން މުހިއްމު - މިދިޔަ ޖެނުއަރީން ފެށިގެން އަމަލު ކުރަމުން އަންނަ ބޭރު ފައިސާގެ ގާނޫނުގެ ދަށުން:

  • ރިސޯޓުތަކަށް ލިބޭ އާމްދަނީން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނޫނީ އާމްދަނީގެ %20 މާރުކުރަން ޖެހޭ

  • ކެޓަގަރީ ބީގެ ތަންތަނަށް (ގެސްޓުހައުސް، ސަފާރީ އަދި ހޮޓާތަކަށް) މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރަން ޖެހޭ

  • ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުގެ އިތުރުން މާލީ އިދާރާތައް ފިޔަވައި އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ހިދުމަތާއި މުދަލަކަށް ފާއިތުވި އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތައް ވެސް މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރަން ޖެހޭ

ތަފްސީލް - ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރު މާރުކުރުމުގެ ގާނޫނަށް ގިނަ ބަޔަކު އަމަލު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:

  • ގާނޫނުގެ ދަށުން ޑޮލަރު މާރުކުރަން ޖެހޭ މީހުންގެ %95 މީހުން ގާނޫނާ އެއްގޮތަށް ޑޮލަރު މާރުކުރޭ 

  • ބާކީ %5 ފަރާތްތަކުން ވެސް ގާނޫނުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން މަސައްކަތް ކުރާނެ

"ޖުމްލަކޮށް މި ގާނޫނުގެ ދަށުން 150 މިލިއަން ޑޮލަރު ޖެނުއަރީން ފެށިގެން މިހާތަނަށް ބޭންކުތަކަށް މާރުކޮށްފި. ކުރީގައި މާރުކުރަމުން އަންނަ އަދަދަށް ވުރެ %40 އިތުުރު،" ރައީސް ވިދާޅުވި އެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، ކުރިން އިއުލާނުކުރައްވާފައިވާ ގޮތަށް ބޭރަށް ފުރާ ދިވެހިންނަށް އެއާޕޯޓުން ވިއްކާ ޑޮލަރު 500 އިން 1،000އަށް އިތުރު ކުރެވޭނެ ކަމަށާއި ކްރެޑިޓް ކާޑުގެ ލިމިޓު ދެ ގުނަ ބޮޑުކޮށް، ޓީޓީ ހެދުމުގެ ކަންތައްތަކަށް ވެސް އިތުރު ފުރުސަތު އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރާ ހަވާލާދެއްވައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ޕްލޭނުކުރެވިފައިވާ ގޮތަށް ހުރިހާ ކަމެއް ވެސް ކުރިއަށް އެބަދެ އެވެ.

އަހަރުގެ މެދަކާ ހިސާބަށް ދާއިރު، ސަރުކާރު ކުންފުނިތަކުން ކަޅުބާޒާރުން ޑޮލަރު ގަތުން ހުއްޓާލާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ އަގު ތިރިވަމުން އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (1)

ސިކުނޑި

27 މާރިޗު 2025
މިރައީސަކީ އެއްވެސް އެއްޗެއް އެނގިގެން، ބަލައިގެން، ޕްރޮޖެކްޝަންތަކެއް ހަދައިގެން ޕްލޭންކޮށްގެން ކަންކުރާ މީހެއްނޫން!! ކުރިން ބުނި ނުވާނެޔޭ ޑޮލަރުގެ އަގު ބޮޑެއް! ހިފެހެއްޓިފައޭ ހުންނާނީ! އަނެއްކާވެސް ތިބޭނީ އަޑުއަހާލައިގެން! އަނެއްކާ ކަމެއް ނުވެއްޖިއްޔާ ރައީސް ދެނަހުރިކަމަށްވެސް ނަހަދާ!!
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް