އެޕްރީލް 21، 2025: އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ފޮޓޯ/ ރައީސް އޮފީސް)

ސަރުކާރުގެ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

ރައީސް މަސައްކަތް ކުރައްވަނީ އެ މަނިކުފާނުގެ ވައުދުތައް ފުއްދަވަން ކަމަށާއި ވައުދުތައް ފުއްދަވަން މަސައްކަތް ކުރައްވާއިރު މަޝްރޫއުތައް ހަވާލު ކުރުމުން އަމިއްލަ ވިޔަފާރިތައް ބާކީ ކުރުމަކީ ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށް ސައީދު ވިދާޅުވި

ސަރުކާރުގެ މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލު ކުރި ނަމަވެސް އޭގެ ސަބަބުން އަމިއްލަ ކުންފުނިތައް ބާކީ ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ގިނަ މަޝްރޫއުތައް މި ފަހުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ، ފެނަކަ އަދި އާރުޑީސީ އަށެވެ. އޭގެ ތެރޭގައި ހޮސްޕިޓަލް އިމާރާތް ކުރުމާއި ސްކޫލުތަކުގެ މަސައްކަތް ވެސް ހިމެނެ އެވެ.

ތަފްސީލް - މީގެ ކުރިން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުތައް ސަރުކާރު ކުންފުނިތަކާ ހަވާލުކުރުމުގެ ސަބަބުން އަމިއްލަ ކުންފުނިތަކަށް ކޮށްފާނެ އަސަރުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މިއަދު ވިދާޅުވީ އަމިއްލަ ކުންފުނިތައް ސަރުކާރުގެ މަޝްރޫއުތަކުން ބާކީ ނުކުރާނެ ކަމަށެވެ.

މިއީ އަލަށްވާ ކަމެއް ނޫން ކަމަށާއި ބަޖެޓު ނެތިގެން ބަނދަރު ނުހެދި އަދި ފުޓްބޯޅަ ދަނޑު ނުހެދި އޮތުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް މަސައްކަތް ކުރައްވަނީ އެ މަނިކުފާނުގެ ވައުދުތައް ފުއްދަވަން ކަމަށާއި ވައުދުތައް ފުއްދަވަން މަސައްކަތް ކުރައްވާއިރު މަޝްރޫއުތައް ހަވާލު ކުރުމުން އަމިއްލަ ވިޔަފާރިތައް ބާކީ ކުރުމަކީ ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށް ސައީދު ވިދާޅުވި އެވެ.

"އެކަންތައް ކުރާއިރު ވަކި ބަޔަކަށް ދެރަގޮތެއް ވުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެކަމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސީ އާއި އެ ނޫން ވެސް ކަމާ ގުޅޭ އެހެން ޖަމްއިއްޔާތަކާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"ހާއްސަކޮށް ވިޔަފާރިތަކަށް، ކުދި ވިޔަފާރިކުރާ ފަރާތްތަކަށް އަޅުގަނޑު އަމިއްލައަށް އެބަ ޒިޔާރަތް ކުރަން... އެ ބޭފުޅުންގެ އަޑުއަހާ، އެ ބޭފުޅުންގެ ހުރި ދަތިތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް (2)

ފީލިންގ

21 އޭޕްރީލު 2025
ތެދެއް. ބާކީ އެއް ނުކުރާނެ. ޕްރޮޖެކްޓް ނުދޭނީ.
2 0

ޒަމީރު

21 އޭޕްރީލު 2025
އާން ސަރުކާރުން ބާކީ އެއް ނުކުރޭ. އަމިއްލަ އަށް އެ ކުންފުނިތައް ބާކީ ވެގަންނަނީ، މަސައްކަތަށް ދޭންވާ ފައިސާ ނުދީ ގިނަ ދުވަސްވެ ކުންފުނި ނުހިންގޭ ވަރު ވާތީ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް