18 ރަށެއްގެ ސްކޫލްތަކުގެ އިމާރާތްތައް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރަނީ (ފޮޓޯ/އެމްޓީސީސީ)
18 ސްކޫލެއްގެ މަސައްކަތް ނިންމަން ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި
އަތޮޅު ތެރޭގެ 18 ސްކޫލެއްގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އެޑިޔުކޭޝަން މިނިސްޓްރީން ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ދިރާސީ އާ އަހަރު އިއްޔެ ފަށާފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ:
-
އެމްޓީސީސީ، ފެނަކަ އަދި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީއާ) އެކު
-
އެ އެއްބަސްވުންތަކުގައި އެ ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު
-
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
ތަފްސީލް - އިއްޔެ ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން އެންމެ ގިނަ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެގޮތުން އެ ކުންފުންޏާ ހަވާލުކުރި 15 ރަށުގެ މަސައްކަތްތަކަކީ:
-
ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އެޅުމުގެ މަސައްކަތް: ށ. ބިލެއްފަހި، އއ. މަތިވެރި، ގދ. ވާދޫ އަދި ކ. ގުޅީ ސްކޫލް
-
އިތުރު ކްލާސްރޫމްތައް އެޅުމުގެ މަސައްކަތް: ހއ. މޮޅަދޫ، ހދ. ނޭކުރެންދޫ، ރ. ދުވާފަރު، ބ. ކުޑަރިކިލު، ތ. ގާދިއްފުށި، ހއ. މާރަންދޫ އަދި ލ. މާވަށު ސްކޫލް
-
މަލްޓިޕާޕަސް ހޯލް އެޅުމުގެ މަސައްކަތް: ދ. ނޮޅިވަރަމް، ރ. އިނަމާދޫ، ތ. މަޑިފުށި އަދި ހދ. ނައިވާދޫގައި ސްކޫލް
އާރުޑީސީއާ ހަވާލުކޮށްފައި ވަނީ:
-
އއ. މާޅޮސް އަދި އދ. ފެންފުށީ ސްކޫލްގެ މަސައްކަތް ނިންމަން
ފެނަކައާ ހަވާލުކޮށްފައި ވަނީ:
-
މ. ވޭވަށް ސްކޫލްގެ މަސައްކަތް ނިންމަން
ބުނީ ކީކޭ؟ - އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކުރި ސްކޫލްތަކުގެ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމާއި ވަސީލަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް މަގު ފަހިވާނޭ ކަމަށެވެ.