2 ޑިސެމްބަރު 2024 - 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލޭގައި ހަދަމުން އަންނަ 4،000 ފްލެޓް ހިމެނޭ މަޝްރޫއުގެ ބައެއް އިމާރާތްތައް (ދައުރު ފައިލް ފޮޓޯ)
އެއްވެސް މީހެއްގެ ފްލެޓު އެހެން މީހަކަށް ހަމަޖައްސާފައިނުވާނެ: ހައުސިން މިނިސްޓްރީ
ގެދޮރިވެރިޔާ ފްލެޓު ލިބިފައިވާ އެއްވެސް މީހަކަށް ކަނޑައަޅާފައިވާ ފްލެޓު އެހެން މީހަކަށް ހަމަޖައްސާފައިނުވާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ސަރުކާރުގައި ކުރިއަށް ގެންދިޔަ 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލޭ ފޭސް2ގައި އަޅާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ވެރިފައި ކުރުމަށް ފަހު މިދިޔަ މަހުގެ 27ގައި ވަނީ އާންމުކޮށްފަ އެވެ. އިދިކޮޅު އެމްޑީޕީގެ ވެރިކަމުގެ ފަހުކޮޅު އާންމު ކުރި ލިސްޓު އިވެލުއޭޓުކޮށް އަލުން އިއުލާނު ކުރި އިރު ލިސްޓުން އެތައް ބަޔަކު ވަނީ އުނިވެފަ އެވެ.
ތަފްސީލް - އެ މައްސަލައާ ގުޅޭ ގޮތުން އިއްޔެ އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާ ޕާސަން އިބްރާހިމް ވަހީދު ވަނީ، ކުރީ ސަރުކާރުގެ ލިސްޓުގައި ނުހިމެނޭ ބަޔަކު މި ސަރުކާރުގެ ފްލެޓު ލިސްޓުގައި ހިމަނާފައިވާ ކަމަށް ބުނެފަ އެވެ.
އެމްޑީޕީގެ ވާހަކަތަކަށް ރައްދު ދީ ހައުސިން މިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ވެރިފިކޭޝަން ޕްރޮސެސްގެ ތެރެއިން ބެލީ ކުރީ ސަރުކާރުން އާންމު ކުރި ލިސްޓުގައި ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވެފައިވާ މީހުންގެ ފޯމުތައް އެކަނި ކަމަށެވެ.
އެއީ ތިން ކޮޓަރިއަށް ކުރިމަތި ލީ މީހުންގެ ތެރެއިން 75 އަށް ވުރެ ގިނަ މާކްސް ލިބުނު މީހުންނާއި ދެ ކޮޓަރީގެ ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން 73 އަށް ވުރެ ގިނައިން މާކްސް ލިބުނު މީހުންނެވެ. އެނޫން އެއްވެސް ފޯމެއް ވެރިފިކޭޝަން މަރުހަލާގައި ނުބަލާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެ ބަޔާނުގައި ބުނީ، ފްލެޓު ލިބިފައިވާ އެއްވެސް މީހަކަށް ކަނޑައާޅާފައިވާ ފްލެޓު މިހާތަނަށް އެހެން މީހަކަށް ހަމަޖައްސާފައި ނުވާނެ ކަމަށެވެ. އަދި މިހާރު އާންމުކޮށްފައިވާ ލިސްޓަށް ހުށަހަޅާ ޝަކުވާތަކަށް ބަލައި ގޮތެއް ނިންމުމަށް ފަހު ނޫނީ އެއްވެސް މީހަކަށް ދީފައިވާ ފްލެޓު އެހެން މީހަކަށް ދޭން ކަނޑަނާޅާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން މާލޭގައި ރަށްވެހިވެފައިވާތާ 15 އަހަރުވީ އެއްވެސް މީހަކު ޑިސްކޮލިފައި ކޮށްފައިނުވާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
-
މާލޭގައި ރަށްވެހިވެހިވީތާ 15 އަހަރު ނުވާ ނަމަ އެ މުއްދަތުގައި މާލޭގައި އުޅުނުކަން ބެލުމަށް ލިޔުންތަކަށް ބަލާފައިވޭ
-
މިއީ ކުރީ ސަރުކާރުގެ ފްލެޓު ކޮމެޓީގެ ގައިޑްލައިންގައި ކަނޑައަޅާފައިވާ ގޮތް
އެ ބަޔާނުގައި ބުނީ އެއްވެސް މީހަކަށް ލިބިފައވާ ޕޮއިންޓަށް ބަދަލު އައިސްފައިވާ ނަމަ، އެ ބަދަލު އައިސްފައިވާނީ ދީފައިވާ މައުލޫމާތާ ހިލާފަށް ޕޮއިންޓު ދީފައިވާ ނަމަ ކަމަށެވެ. އެކަން ޕޯޓަލް އިން އެނގެން ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، ވެރިފިކޭޝަން މަރުހަލާގައި އެއްވެސް މީހެއްގެ ފޯމެއް ގޯސްކޮށް ބެލިފައިވާ ނަމަ އެކަން ރަނގަޅު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ. އަދި އެއަށް ފަހު ފްލެޓު ބާކީވާ ނަމަ، އެ ފްލެޓުތަކާ މެދު ގޮތެއް ކަނޑައަޅާނީ ވެރިފިކޭޝަން މަރުހަލާއަކަށް ފަހުކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން؛
-
އެންމެ މަތިން ޕޮއިންޓު ލިބޭ މީހުން ކަނޑައަޅާނެ
-
ނަމަވެސް ފޯމު ހުށަހެޅިއިރު ދީފައިވާ މައުލޫމާތު ބަދަލު ކުރަން ފުރުސަތެއް ނުދޭނެ
"އެހެންކަމުން ވަކި ބަޔަކަށް ފްލެޓުތަކެއް ހުސްކުރީއޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ." ހައުސިންގެ ބަޔާނުގައިވެ އެވެ.
ވެރިފިކޭޝަނަށް ފަހު ނެރުނު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ ފުރުސަތަކީ ލިޔުންތައް ބެލުމުގައި ކަމެއް ގޯސްކޮށް ކުރެވިފައިވާ ނަމަ އެކަން ބެލުމަށް ދީފައިވާ ފުރުސަތެއް ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.
އިތުރު ލިޔުން ހުށަހަޅަން ފުރުސަތު ނުދިނީ މިނިސްޓްރީ އިން ބުނިގޮތުގައި އިވެލުއޭޝަނަށް ފަހު ނެރުނު ވަގުތީ ލިސްޓާ ގުޅިގެން ހުޅުވާލި ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި ލިޔުން ހުށަހެޅުމަށް ފުރުސަތުދީ، ފައިނަލް ކުރެވިގެން ނެރެފައިވާ ލިސްޓެއް ޗެކު ކުރަން ކުރި މަސައްކަތަކަށްވާތީ ކަމަށެވެ.
މީގެ އިތުރުން 4،000 ފްލެޓު ލިބުމުގެ ފުރުސަތު ނުލިބޭ މީހުންނަށް އަލުން ބޯހިޔާވަހިކަމަށް ހުށަހެޅުމުގެ ތަކުލީފު ތަހަންމަލު ކުރަން ނުޖެހޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އެގޮތުން ރައީސް މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް އެ ހުރިހާ އެންމެންނަށް ވެސް މި ދައުރުގައި ބޯހިޔާވަހިކަން ލިބޭނެ ކަމުގެ ޔަގީންކަން ވެސް އެ ބަޔާނުގައ ދީފައިވެ އެވެ.
އެނގުން މުހިއްމު - ފްލެޓު ލިބޭ މީހުންގެ ލިސްޓުގެ ވެރިފިކޭޝަނަށް ފަހު އާންމު ކުރި ލިސްޓުގައިވާގޮތުން ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުންނެވެ. މިދިޔަ ސަރުކާރުން ގެޒެޓުކުރި ލިސްޓުގައި 8،660 މީހުން ޝަރުތު ހަމަވި އެވެ.
އިތުރަށް ކިޔާލަން
ފްލެޓް ދޭން ނިންމީ އެންމެ ލިޔުމަކަށް ބަލައިގެނެއް ނޫން: އެމްޑީޕީ
8 މާރިޗު 2025
4،000 ފްލެޓްގެ ލިސްޓް މުރާޖައާކޮށް އެންމެ ފަހުން ނެރެފި
27 ފެބްރުއަރީ 2025
ބާކީ ފްލެޓުތައް ދޭނީ 15،000 ފޯމު އިވެލުއޭޓުކޮށްފައި
27 ފެބްރުއަރީ 2025
ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތާ އެކު ޝަކުވާއަށް މަހެއް
27 ފެބްރުއަރީ 2025
ގެދޮރުވެރިޔާ ފްލެޓު: 2 ކޮޓަރިއަށް 7،000ރ.؛ 3 ކޮޓަރިއަށް 9،000ރ.
27 ފެބްރުއަރީ 2025
ފްލެޓަށް ޝަރުތު ހަމަވީ 1،820 މީހުން؛ ކުރީގެ ލިސްޓުގައި 8،660
27 ފެބްރުއަރީ 2025
ކޮމެންޓް (1)
ސިކުނޑި