4000 ހައުސިން ޔުނިޓުގެ ނަމޫނާ އެޕާޓުމެންޓެއް (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ގެދޮރުވެރިޔާ ފްލެޓު: 2 ކޮޓަރިއަށް 7،000ރ.؛ 3 ކޮޓަރިއަށް 9،000ރ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ހުޅުމާލޭ ފޭސް 2ގައި އަޅާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނަގަން ކުރިން އިއުލާނުކޮށްފައިވާ އަދަދުތަކަށް ބަދަލު ގެނެސްފި އެވެ.
ވީ ކިހިނެއް؟ - ފްލެޓު ލިސްޓު ރިވިއުކޮށް މިއަދު އިއުލާނު ކުރާއިރު މީގެ ކުރިން އިއުލާނު ކުރި ލިސްޓުގައި ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވި އެތައް ބަޔެއްގެ ޝަތުރު ހަމަނުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ތަފްސީލް - މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވީ ލޯނެއް ނަގައިގެން ހިންގާ މަޝްރޫއަކަށްވާއިރު، އެ މަޝްރޫއުގެ ދަށުން ނަގާ ކުލި ކަނޑައަޅާ މީގެ ކުރިން އިއުލާނުކޮށްފައި ހުރި އަގުތަކަކީ ރަނގަޅު އަގުތަކެއް ނޫން ކަމަށެވެ.
މީގެ ކުރިން ކަނޑައަޅާފައިވަނީ:
-
ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް 5،000ރ.ގެ ކުއްޔަކާއި މެއިންޓެނެންސްއަށް 1،000ރ.
-
ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް 7،000ރ.ގެ ކުއްޔާއި މެއިންޓެނެންސްއަށް 1،000ރ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން ދައްކަން ޖެހޭ ލޯނުގެ އަދަދަށް ބަލާއިރު ފްލެޓަށް ނަގަން ޖެހޭ މަހު ކުއްޔަކީ:
-
ދެ ކޮޓަރިއަށް 9،000ރ.
-
ތިން ކޮޓަރިއަށް 13،000ރ.
ރައްޔިތުންނަށް ލުއިވާނެ ގޮތަކަށް މި އަގުތައް ސަބްސިޑައިޒްކޮށް، މިހާރު ނިންމާފައިވަނީ:
-
ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް މަހު ކުއްޔަށް 7،000ރ. އަދި މެއިންޓެނެންސްއަށް 1،000ރ.އާ އެކު މަހަކު ޖުމްލަ 8،000ރ؛ ޑައުންޕޭމެންޓަށް 15،000ރ.
-
ތިން ކޮޓަރީގެ އެޕާޓުމެންޓަށް މަހު ކުއްޔަށް 9،000ރ. އަދި މެއިންޓެނެންސްއަށް 1،500ރ.އާ އެކު މަހަކު ޖުމްލަ 10،500ރ؛ ޑައުންޕޭމެންޓަށް 25،000ރ.
މިނިސްޓަރު ވިދާޅުވީ މި އަގުތައް ކަނޑައަޅާފައިވަނީ ބަޖެޓަށް ބުރަ ނުވާނެހެން ކަމަށެވެ. މި އަގުތަކާ އެކު ވެސް ލޯނަށް ސަބްސިޑައިން ކުރުމަށް ބަޖެޓުން 100 މިލިއަން ރުފިޔާ އަހަރަކު ހޭދަވާނެކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.