ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ފަށައި، ޝަކުވާ ހުށައަޅަން މަހެއް ދެނީ

ހައުސިން މިނިސްޓަރު މުއްތޮލިބު ދެއްވި މައުލޫމާތަށް ބަލާއިރު ފްލެޓު ލިބޭނެ ކަމަށް ކުރީ ސަރުކާރުގައި ޝަރުތު ހަމަވި މީހުންގެ ތެރެއިން %36 މީހުންގެ ޕޮއިންޓަށް ވަނީ ބަދަލު އައިސްފައި

ފްލެޓު ލިބޭ މީހުންގެ ލިސްޓު މިއަދު އާންމުކުރުމާ އެކު ފްލެޓަށް ޝަތުރު ހަމަވާ މީހުންނަށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ހައުސިން ޔުނިޓު ލިބޭ މީހުންގެ ފައިނަލް ލިސްޓުގެ އިވެލުއޭޝަން ހެދުމަށް ފަހު، އެ ލިސްޓު މިއަދު އާންމު ކުރާނެ އެވެ. ލިސްޓު އާންމު ކުރުމުގެ ކުރިން މުއްތޮލިބު ވަނީ އިވެލުއޭޝަން މަސައްކަތް ކުރިއަށް ދިޔަ ގޮތް ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

ތަފްސީލް - ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތޮލިބު ވިދާޅުވީ ކުރީގެ ލިސްޓުން ޝަރުތު ހަމަވީ 1،820 މީހުން ކަމަށެވެ.

ފްލެޓު ލިބޭ މީހުންނާ ތަން ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި ފްލެޓަށް ޝަރުތު ހަމަނުވާ މީހުންނަށް ޝަކުވާ ހުށައަޅަން އެއް މަސް ދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި މުއްދަތުގެ ތެރޭގައި ލިސްޓުން އުނިވި ފަރާތްތަކަށް ޕޯޓަލްއިން ޝަކުވާ ހުށަހެޅޭނެ. އަދި އާންމު ފަރާތަކުން، ލިސްޓުގައި ހިމެނޭ ފަރާތަކާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ، މިނިސްޓްރީއަށް ސިޓީއަކުން ނޫނީ އީމެއިލްއަކުން ޝަކުވާ ހުށަހެޅޭނެ،" މުއްތޮލިބު ވިދާޅުވި އެވެ.

ވެރިފިކޭޝަނަށް ފަހު މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު

  • ޖުމްލަ 4،939 ފޯމު ޗެކުކުރި

  • ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75އަށް ވުރެ ގިނަ ޕޮއިންޓު ލިބުނީ 1،423 މީހަކަށް

  • ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 73އަށް ވުރެ މަތިން ޕޮއިންޓު ލިބުނީ 397 މީހަކަށް

"މުޅި ޖުމްލަ 2،695 ފޯމު ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅިފައިވާއިރު 424 ފަރާތެއް ޕޮއިންޓަށް އައި ބަދަލާ އެކު ލިސްޓުން އުނިވެފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއްތޮލިބު ހިއްސާކުރެއްވި މައުލޫމާތަށް ބަލާއިރު ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވި މީހުންގެ ތެރެއިން %36 މީހުންގެ ޕޮއިންޓަށް ވަނީ ބަދަލު އައިސްފަ އެވެ.

މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުކުރަން ހުށަހެޅި ލިޔުންތަކުގައި މައްސަލަ

ހައުސިން މިނިސްޓަރު ވިދާޅުވީ ފްލެޓު ލިސްޓުގެ ޕޮއިންޓަށް އެންމެ ގިނައިން ބަދަލު އައިސްފައިވަނީ މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތުކުރަން ހުށަހެޅި ލިޔުމުގައި މައްސަލަ ހުރެގެން ކަމަށެވެ.

"މާލޭގައި 15 އަހަރު އުޅުނު މުއްދަތު ސާބިތުކުރުމަކީ އެޕްލައިކުރި ވަރަށް ގިނަ ފަރާތްތަކުން ކުރަން ޖެހިފައި އޮތް ކަމެއް. މާލޭގައި 2007 އިން ފެށިގެން ދިރިއުޅޭކަން ސާބިތުކޮށްދިނުމަކީ މީގައި ކަނޑައަޅާފައިވާ އެންމެ އަސާސީ އެއް ޝަރުތު،" މުއްތޮލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުގައި ފުރަތަމަ ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމު ކުރުމުން ލިބުނު ޝަކުވާތަކަށް ބަލާ، މާލޭގައި ދިރިއުޅުނު ކަން ސާބިތު ކުރުުމަށް، ފަހުން ގިނަ ލިޔުންތަކެއް ބަލައިގަނެފައިވާ ކަމަށެވެ.

"އެންމެ ގިނައިން ހުށަހަޅާފައިވާ ކަމަށް ފާހަގަވަނީ މާލޭގައި އެ ގެއެއްގައި ދިރިއުޅުނު ކަމަށް އެ ގެއަކުން ދީފައިވާ ލިޔުމެއް. 15 އަހަރު އެ ގެއެއްގައި ދިރިއުޅުނު ކަމަށް ލިޔެފައިވާ ލިޔުމެއް. ހަމައެއާ އެކު ކައުންސިލުން ސިޓީ ދީގެން ވަރަށް ގިނަ ފަރާތްތައް އެބަހުރި ލިސްޓަށް އަރުވާފައި. ހަމަ އެއާ އެކު އެއްވެސް ލިޔުމެއް ނެތި %8 މީހުން އެބަ ތިބި ލިސްޓަށް އަރުވާފައި،" މުއްތޮލިބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 4،000 ފްލެޓުގެ ތެރެއިން 1،820 މީހުންނަށް ދިނުމަށް ފަހު ބާކީ ހުރި ފްލެޓުތައް ލިބޭ މީހުން ކަނޑައަޅާނީ ގެދޮރުވެރިޔާއަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ބާކީ ތިބި މީހުންގެ ފޯމުތައް ވެސް އިވެލުއޭޓު ކުރުމަށް ފަހު ޕޮއިންޓު ހަމަވާ މީހުންނަށް ކަމަށެވެ. އެކަމަށް ހަތަރު މަސް ވަރު ހޭދަވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެން ކުރާނެ ކަމަކީ ބާކީ ހުރި ފޯމުތައް މި ދެންނެވި އުސޫލުން ވެރިފައިކުރުމަށް ފަހު ޕޮއިންޓު ދިނުން. އެހެން ނަމަވެސް، ފްލެޓު ލިބޭނެ ކަމަށް 15 ނޮވެމްބަރު 2023ގައި އިއުލާނުކުރި ލިސްޓުގައި ހިމެނުނު އެއްވެސް ފަރާތަަކަށް ދިނުމަށް ކަނޑައަޅާފައިވާ ފްލެޓެއް އެއްވެސް އެހެން ފަރާތަކަށް ދިނުމަށް އަދި އަޅުގަނޑުމެން ކަނޑައެއް ނާޅާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

"މާނައަކީ ޝަކުވާގެ މުއްދަތުގެ ތެރޭގައި އެފަރާތުން ހުށަހަޅާ ޝަކުވާއަށް ބަލާ އަދި އެހެން ގޮތަކުން ވެސް އެފަރާތަކުން އަޅުގަނޑުމެންގެ ނިންމުމަށް ޗެލެންޖު ކުރަން ބޭނުން ނަމަ އެ ފުރުސަތު ވެސް ދީފައި، މި ޕްރޮސެސްގެ ތެރެއިން ބާކީވާ ފްލެޓުތައް ކަނޑައެޅޭ ފަރާތްތަކަށް ދޭނީ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް