'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ ބައެއް ޓަވަރުތައް (ފޮޓޯ/ދައުރު)
ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުން؛ ކުރީގެ ލިސްޓުގައި 8،660
'ގެދޮރިވެރިޔާ' ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓުގެ ވެރިފިކޭޝަން ކުރިއަށް ގެންގޮސް، ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ. މީގެ ކުރިން، މިދިޔަ ސަރުކާރުން ގެޒެޓުކުރި ލިސްޓުގައި 8،660 މީހުން ޝަރުތު ހަމަވި އެވެ.
ވެރިފިކޭޝަނަށް ފަހު އެކުލަވާލާ ފްލެޓު ލިސްޓު މިއަދު އާންމު ކުރާނެ އެވެ.
ތަފްސީލް - ފްލެޓު ލިސްޓު އާންމު ކުރުމުގެ ކުރިން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއްތޮލިބު ވިދާޅުވީ ވެރިފިކޭޝަން ޕްރޮސެސްގެ ތެރެއިން ބެލީ ކުރީ ސަރުކާރުން އާންމު ކުރި ލިސްޓުގައި ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވެފައިވާ މީހުންގެ ފޯމުތައް އެކަނި ކަމަށެވެ.
"މި ވެރިފިކޭޝަންގެ ތެރެއިން 15 ނޮވެމްބަރު 2023ގައި އިއުލާނު ކުރި ތިން ކޮޓަރީގެ ލިސްޓުން 75 ޕޮއިންޓު ނުލިބޭ އެއްވެސް ފަރާތެއްގެ ފޯމު ބަލާ ޗެކުކުރެވިފައެއް ނުވާނެ އަދި ދެ ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓު ނުލިބޭ އެއްވެސް ފަރާތެއްގެ ފޯމު ޗެކު ކުރެވިފައެއް ނުވާނެ،" މުއްތޮލިބު ވިދާޅުވި އެވެ.
"އޭގެ މާނަ އަކީ މި ލިސްޓަށް އެއްވެސް ފަރާތެއް އިތުރު ކުރުމަށް އެއްވެސް ވަރަކަށް އިތުރު ފޯމެއް ބަަލައިފައެއް ނުވާނެއޭ. ލިސްޓުގައި ހިމެނޭ މި ދެންނެވި އަދަދަށް ޕޮއިންޓު ލިބުނު ފަރާތްތަކުގެ ތެރެއިން ފޯމުތައް ބަލައި ޝަރުތު ހަމަ ނުވާ ފަރާތްތަކާ އަދި ޕޮއިންޓު އުނިވެގެން ފްލެޓު ލިބޭ ވަރަށް ވުރެ ދަށުން ޕޮއިންޓު ލިބިފައިވާ ފަރާތްތައް މި ޕްރޮސެސްގެ ތެރެއިން ވާނީ ފާހަގަކޮށް، ފްލެޓު ނުލިބޭ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައި."
ވެރިފިކޭޝަނަށް ފަހު މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު 75 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބުނު މީހުންގެ އަދަދު ވަނީ ވަރަށް ބޮޑު ތަނުން މަދުވެފަ އެވެ. އެގޮތުން ކުރިން:
-
ތިން ކޮޓަރިއަށް 75 ޕޮއިންޓުން މަތިން ކުރިން ލިބުނީ 3،721 މީހުންނަށް
-
މިހާރު އެވަރަށް ޕޮއިންޓް ލިބިފައި ވަނީ 1،423 މީހުންނަށް
-
އެހެންކަމުން 2،298 މީހުން ލިސްޓުން ބާކީވުމުގެ ފުރުސަތު އެބަ އޮތް
ޖުމްލަ 73 ޕޮއިންޓަށް ވުރެ މަތިން ލިބިގެން ދެ ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ބަލާއިރު:
-
ކުރިން ލިސްޓްގައި އޮތީ 1،218 މީހުންގެ ނަން
-
އެކަމަކު 73 ޕޮއިންޓަށް ވުރެ މަތިން މިހާރު ޕޮއިންޓް ލިބިފައި ވަނީ 397 މީހުންނަށް
މިހާރު ކުރިއަށްދާ 4،000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ދަށުން އިމާރާތް ކުރަނީ:
-
ދެ ކޮޓަރީގެ 1،250 ފްލެޓު
-
ތިން ކޮޓަރީގެ 2،750 ފްލެޓު
-
އެހެންކަމުން 821 މީހުން ލިސްޓުން ބާކީވުމުގެ ފުރުސަތު އެބަ އޮތް
މީގެ ކުރިން އިއުލާނުކޮށްފައިވާ އުސޫލުގެ ދަށުން ޝަރުތު ހަމަވާ ކަމަށް ކުރިން ގެޒެޓުކޮށްފައިވާ ލިސްޓުގައި ވަނީ:
-
ދެ ކޮޓަރީގެ އެޕާޓުމެންޓަށް 4،939 މީހުން
-
ތިން ކޮޓަރީގެ އެޕާޓުމެންޓަށް 3،721 މީހުން
ފްލެޓު ލިބޭ މީހުންގެ ވެރިފިކޭޝަންގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފްލެޓަށް އެދި ހުށަހެޅުމަށް ތައްޔާރުކުރި ޕޯޓަލްގެ ތެރެއިންނެވެ. މުއްތޮލިބު ވިދާޅުވީ ޕޯޓަލުން ހުށަހަޅާފައިވާ އެއްވެސް ލިޔުމަކަށް އަދި މައުލޫމާތަކަށް ބަދަލު ގެނައުމުގެ ފުރުސަތެއް ފޯމުތައް ބެލި މީހުންނަށް ވެސް އަދި ފޯމު ހުށަހެޅި މީހުންނަށް ވެސް ލިބިފައި ނޯންނާނެ ކަމަށެވެ.
"ވެރިފިކޭޝަންގައި ބަލާފައިވާނީ އެ މީހަކު ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި ދީފައިވާ މައުލޫމާތުތަކަށް. ހުށަހަޅާފައިވާ ލިޔުންތަކާއި ސަރުކާރުގެ ޑޭޓާ ބޭސްތަކުގައި ހުރި މައުލޫމާތު ބަލައި މައުލޫމާތު ސައްހަތޯ ބެލިފައިވާނެ،" އޭނާ ވިދާޅުވި އެވެ.
ޕޮއިންޓު ދީފައިވަނީ ރަނގަޅަށްތޯ ބަލާފައިވާނީ އެ މީހަކު ދީފައިވާ މައުލޫމާތުގެ މައްޗަށް ކަމަށާއި އެކަމުގައި ވެސް ސަރުކާރުގެ ޑޭޓާބޭސްތަކުގައި ހުރި މައުލޫތުތަކަށް ބަލައި ވެރިފައި ކުރެވެން ހުރި މައުލޫމާތު ޗެކުކޮށްފައިވާނެ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.
ކޮމެންޓް (5)
ހަޒީ
66 ހަ
ކިނބޫ
ައަހްމަދު އިލްހާމް
އައިޒަ