ފްލެޓް ލިސްޓުގެ މައްސަލާގައި އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - (ފޮޓޯ/ އެމްޑީޕީ)
ކުރީގެ ސަރުކާރުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ބެލީ ކައުންސިލެއްގެ ލިޔުމަކަށް އެކަންޏެއް ނޫން: އެމްޑީޕީ
އެމްޑީޕީގެ މިދިޔަ ސަރުކާރުން އެކުލަވާލި 'ބިންވެރިޔާ ސްކީމް'ގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ނިންމީ ހަމައެކަނި ކައުންސިލެއްގެ ލިޔުމަކަށް ބަލައިގެން ނޫން ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މާލޭގައި 15 އަހަރު އުޅުނު ކަން ސާބިތުކުރަން ހުށަހެޅި ލިޔުންތަކުގައި، ހާއްސަކޮށް ކައުންސިލްތަކުން ހުށަހަޅާފައިވާ ލިޔުންތަކުގައި މައްސަލަ އުޅޭކަން ފާހަގަކޮށް މި ސަރުކާރުން ނިންމާފައި ވަނީ 4،000 ފްލެޓަށް ޝަރުތު ހަމަވަނީ އެންމެ 1،820 މީހުން ކަމަށެވެ.
ބުނީ ކީކޭ؟ - އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ވަކީލު އަހުމަދު މައުރޫފް ވިދާޅުވީ ހަމައެކަނި ކައުންސިލަކުން ލިޔުމެއް ދޫކުރި ކަމަށް ބުނެ ލިސްޓުން އުނިކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ކުރީގެ ސަރުކާރުގައި ފްލެޓް ލިސްޓަށް ޝަރުތު ހަމަވި ކަމަށް ނިންމަން މައުލޫމާތުތަކަށް ބެލި ގޮތް ވެސް އޭނާ ހިއްސާކުރެއްވި އެވެ. އެ ގޮތުން ކައުންސިލުން ދޫކުރި ލިޔުމަކީ ޝަރުތު ހަމަވި ކަމަށް ނިންމުމުގައި އެންމެ އިސްކަން ދިން މައުލޫމާތު ނޫން ކަމަށް ވިދާޅުވި އެވެ.
ޕްރައިމަރީ ވެރިފިކޭޝަނަށް ނުވަތަ ޝަރުތު ހަމަވާ ކަމަށް ނިންމަން ފުރަތަމަ ބަލާނެ މައުލޫމާތަކީ ޕޯޓަލްގައި ހިމަނާފައިވާ ޑޭޓާބޭސް އެކަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ޕެންޝަން
-
އެންސްޕާ
-
އެޑިއުކޭޝަން މިނިސްޓްރީ
-
ސިވިލް ސާވިސް
-
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)
-
އިކޮނޮމިކް މިނިސްޓްރީ
-
ފެމިލީ ކޯޓް
ކުރީގެ ސަރުކާރުން ބެލީ ވީހާވެސް ގިނަ ބަޔަކަށް ފްލެޓް ދެވޭނެ ގޮތަށް އުސޫލު ހަރުކަށި ނުކުރަން ކަމަށް މައުރޫފް ވިދާޅުވި އެވެ.
"މި ސްކީމް ހިންގީ ވީހާވެސް ބޮޑަކަށް ރައްޔިތުންނަށް ތަކުލީފު ކުޑަވާނޭ ހެން ވަރަށް ގިނަ މައުލޫމާތު ދައުލަތުގެ މުއައްސަސާތަކުން އެއްކޮށް ބަލާ ގޮތަށް. ޕްރައިމަރީ ވެރިފިކޭޝަނަކީ ޕޯޓަލަށް އެއްކޮށްފައިވާ މައުލޫމާތު. ހުށަހަޅާ ލިޔުންތައް ބެލީ ސެކަންޑަރީ ވެރިފިކޭޝަނެއް ގޮތަށް،" މައުރޫފު ވިދާޅުވި އެވެ.
ނަމަވެސް މި ސަރުކާރުން މަސައްކަތްކުރީ ބަޔަކު ގަސްތުގައި ޑިސްކޮލިފައިކޮށް، އެހެން ބަޔަކަށް ފްލެޓް ދޭން މަގުފަހިކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރަށް ހައުސިން ޔުނިޓުތަކެއް އެޅޭނެ ދުވަހެއް ނޭނގޭތީ. ރިޔާސީ އިންތިހާބުގައި ކެމްޕެއިން ކޮށްދިން ބަޔަކަށް ފްލެޓް ދޭން ވެގެން، މި 4،000 ފްލެޓުގެ ތެރެއިން ފްލެޓު ހަމަަޖައްސަންވެގެން މިއޮތީ ބަޔަކު ޑިސްކޮލިފައި ކޮށްފައި،" ސަރުކާރަށް ތުހުމަތުތަކެއްކޮށް މައުރޫފު ވިދާޅުވި އެވެ.
ކައުންސިލަކުން އެންމެ ގިނަ ލިޔުންތައް އޭރު ދޫކޮށްފައިވަނީ ވެސް މާލެ ސިޓީ ކައުންސިލުން ކަމަށް އެމްޑީޕީން ބުންޏެވެ. މާލޭގެ މޭޔަރަކަށް އޭރު ހުންނެވީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒެވެ.
ފާހަގަކޮށްލެވޭ - މި މަހުގެ ނިޔަލަށް ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ހައުސިން މިިނިސްޓްރީން ހުޅުވާލާފައިވާ ފުރުސަތުގައި ޝަކުވާ ހުށަހެޅުމުގައި އެމްޑީޕީން އެހީވާން ނިންމާފައިވެ އެވެ. އެގޮތުން:
-
ފްލެޓު ލިސްޓާ ގުޅޭ ޝަކުވާއެއް އޮތް ނަމަ https://flat.mdp.org.mv/ މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ
-
7571637 ނަންބަރަށް ވަޓްސްއެޕް، ވައިބާ އަދި ޓެލެގްރާމް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ
-
މާދަމާ ރެއިން ފެށިގެން ކޮންމެ ރެއެއްގެ 9:15 އިން ފެށިގެން 11:30 އަށް ޗާނދަނީ މަގުގައި ހުންނަ ދަނޑިކޮށީ ހަރުގެއިން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ
ކޮމެންޓް (4)
ނަރޫޓޯ
ރަށުމީދާ
އާކިލް
ދިމާލި