މާލެ ސިޓީ ކައުންސިލްގެ ކުރީގެ ބައްދަލުވުމެއްގައި މޭޔަރު އާދަމް އާޒިމް - (ފޮޓޯ/ މާލެ ސިޓީ ކައުންސިލް)
ފްލެޓް ދިނީ ގޯސް ލިޔުމަކުން ނަމަ، ސާބިތުކުރަން ކޯޓަށް ދާން ޖެހޭނެ: މޭޔަރު
ކޮންމެ ސަރުކާރަކުން ވިޔަސް ފްލެޓެއް ދިނުމަށް ދައުލަތުގެ ސިއްކަ ޖަހައި ލިޔުންދީ، މާލޭގައި އުޅުނު ކަމަށް ކައުންސިލަކުން ދީފައިވާ ލިޔުމެއް ގޯސްކަމަށް ކަނޑައަޅައި ފްލެޓް އަތުލަން ވާނީ ކޯޓަށް ގޮސްގެން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކުރީގެ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ 4000 ފްލެޓް ދޭން ނިންމި މީހުންގެ ލިސްޓު މި ސަރުކާރުން އިވެލުއޭޓްކޮށް އެއިން ގިނަ ބަަޔަކު އުނިކޮށްފައިވާ ލިސްޓު ސިޓީ ކައުންސިލުން ބަލައިނުގަތުމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު މިއަދު ކައުންސިލަށް ހުށަހެޅުއްވި އެވެ.
ފްލެޓް ލިސްޓުން ގިނަ ބަޔަކު އުނިކުރީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތުކުރަން ހުށަހެޅި ލިޔުންތަކުގައި މައްސަލަ ހުރި ކަމަށް ފާހަގަކޮށްފަ އެވެ.
އެ ކަމާ ގުޅޭ ގޮތުން މޭޔަރު އާޒިމް ވާހަކަ ދެއްކެވީ ސިޓީ ކައުންސިލަށް މިއަދު ހުށަހެޅި ހުށަހެޅުމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑު ވެސް ގަބޫލުކުރާ ގޮތުގައި ރައްޔިތަކަށް ދީފައި އިން ލިޔުމެއް އެއީ ސައްހަ ނޫން ލިޔުމެއް ކަމަށް ދެން ސާބިތުކޮށްދޭން ޖެހޭނީ ދައުލަތުން،" ސައިފް ވެސް ދެއްކެވި ވާހަކަތަކަށް ތާއީދުކުރައްވަމުން އާޒިމް ވިދާޅުވި އެވެ.
ކޮންމެ ސަރުކާރަކުން ދޫކުރި ލިޔުމަކަށް ވީ ނަމަވެސް ދައުލަތުގެ ސިއްކަ ޖަހާފައިވާ ލިޔުންތައް ބަލަން ޖެހޭނީ ދައުލަތުގެ ލިޔުމެއް ގޮތުގައި ކަމަށް އާޒިމް ވިދާޅުވި އެވެ. ދައުލަތުން ދޫކުރި ލިޔުމެއްގައި ގޯހެއް އުޅޭ ނަމަ ގޯސްކަން ސާބިތުކުރުމަކީ ދައުލަތަށް އޮންނަން ޖެހޭނެ ބުރައެއް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
"ސިއްކަ ޖަހާފައި ދީފައި އޮތް ކަމަށް ވަންޏާމުން، ދައުލަތުން ދާން ޖެހޭނީ ކޯޓަށް އޭތި ގޯސް ކަމަށް ސާބިތުކޮށްދޭން. ރައްޔިތު މީހާ އޭތި އެއީ ރަނގަޅު އެއްޗެއް ކަން ސާބިތުކޮށްދޭން އުޅެން ޖެހޭނެ ކަމަކަށް ނުދެކެން،" އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އަދި މިދިޔަ ސަރުކާރުގައި ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އާޒިމް ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ފާސްކުރި ކަންތަކުގެ ހަބަރު
ފާހަގަކޮށްލެވޭ - ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ފާސްކުރީ ހައުސިން މިނިސްޓްރީން ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތުގައި ޝަކުވާ ހުށަހެޅުމުގައި ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ. އެގޮތުން:
-
ޝަކުވާ ހުށަހަޅަން އެހީތެރިކަން ބޭނުންވާ މީހުނަށް ސިޓީ ކައުންސިލަށް އައިސް އެހީ ހޯދޭނެ އިންތިޒާމު ހަމަޖައްސަން ފާސްކުރީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 12 ކައުންސިލަރުންގެ ތެރެއިން 8 ކައުންސިލަރުންގެ ވޯޓުން
-
ހައުސިން މިނިސްޓްރީން ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މަސް ދުވަސް ދީފައިވޭ؛ އެއީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 31ގެ ނިޔަލަށް
އެނގުން މުހިންމު - މި ސަރުކާރުން އަލުން ބެލުމަށް ފަހު އާންމުކުރި ލިސްޓުގައި ޖުމްލަ 2695 ފޯމު ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާއިރު، 424 ފަރާތެއް ޕޮއިންޓަށް އައި ބަދަލާ އެކު ލިސްޓުން އުނިވެފައިވެ އެވެ.
ހައުސިން މިނިސްޓަރީން ބުނެފައިވާ ގޮތުގައި، ޝަރުތު ހަމަނުވާ ކަމަށް ނިންމި ގިނި މީހުންގެ ތެރޭގައި ހިމެނެނީ މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތުކުރަން ހުށަހެޅި ލިޔުމުގައި މައްސަލަ ހުރި މީހުންނެވެ.
ވެރިފިކޭޝަނަށް ފަހު މިނިސްޓްރީން އާންމުކުރި މައުލޫމާތަށް ބަލާއިރު:
-
ޖުމްލަ 4،939 ފޯމު ޗެކުކުރި
-
ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75އަށް ވުރެ ގިނަ ޕޮއިންޓު ލިބުނީ 1،423 މީހަކަށް
-
ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 73އަށް ވުރެ މަތިން ޕޮއިންޓު ލިބުނީ 397 މީހަކަށް
ކޮމެންޓް (7)
ބަނދަރުއާދަނު
އިބްރާހީމް މޫސާ
އިބްރާހީމް
ދާއިމީ
ސިކުނޑި
ނިމާލާ
ބެސްތް