މީގެ ކުރިން ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމެއް: މިއަދުގެ ބައްދަލުވުމުގައި ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން އެހީތެރިކަން ދޭން ފާސްކުރި - (ފޮޓޯ/މާލެ ސިޓީ ކައުންސިލް)

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި ކައުންސިލުން އެހީވާން ފާސްކޮށްފި

މާލެ ސިޓީ ކައުންސިލްގެ ބައިވެރިވުމެއް ނެތި ލިސްޓު އިވެލުއޭޓް ކުރުމުން ލިސްޓު ބަލައިނުގަތުމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް ހުށަހެޅުއްވި؛ ނަމަވެސް ހުށަހެޅުއްވުމަށް އެންމެ ދެ ވޯޓު ލިބުމުން ފާހެއް ނުވޭ

'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވާ މުއްދަތުގައި ޝަކުވާ ހުށަހަޅަން އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ސިޓީ ކައުންސިލްގައި އިންތިޒާމުތަކެއް ހަމަޖައްސަން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭގައި އަޅާ 4،000 ހައުސިން ޔުނިޓު ލިބޭ މީހުންގެ ލިސްޓުގެ އިވެލުއޭޝަން ހެދުމަށް ފަހު، ކުރީގެ ލިސްޓުގައި ހިމެނޭ ގިނަ ބަޔަކު އުނިކުރުމަށް ފަހު މިދިޔަ ހަފުތާ ބުރާސްފަތި ދުވަހު ލިސްޓު އާންމުކުރި އެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މަސް ދުވަސް ދީފައިވެ އެވެ. އެއީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 31ގެ ނިޔަލަށެވެ.

ތަފްސީލް - ހައުސިން މިނިސްޓްރީން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ޝަކުވާ ހުށަހަޅަން އެހީތެރިކަން ބޭނުންވާ މީހުނަށް ސިޓީ ކައުންސިލަށް އައިސް އެހީ ހޯދޭނެ އިންތިޒާމު ހަމަޖައްސަން ފާސްކުރީ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ. އެގޮތުން:

  • ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތާއީދުކުރައްވައި ބައެއް ކައުންސިލަރުން ވާހަކަ ދެއްކެވުމުން، މޭޔަރު އާދަމް އާޒިމް އެ ކަމަށް ވޯޓަށް އެއްސެވި

  • އެހީތެރިކަން ފޯރުކޮށްދޭނެ ސެޓްއަޕެއް ސިޓީ ކައުންސިލްގައި ގާއިމުކޮށްފައި ބަހައްޓަން ފާސްކުރީ، ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 12 ކައުންސިލަރުންގެ ތެރެއިން 8 ކައުންސިލަރުންގެ ވޯޓުން

މާލެ ސިޓީ ކައުންސިލްގެ ބައިވެރިވުމެއް ނެތި ލިސްޓު އިވެލުއޭޓް ކުރުމުން ލިސްޓު ބަލައިނުގަތުމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް ހުށަހެޅުއްވި އެވެ. ނަމަވެސް ހުށަހެޅުއްވުމަށް އެންމެ ދެ ވޯޓު ލިބުމުން ފާހެއް ނުވެ އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރިން ބޭއްވި ބައްދަލުވުމެއްގައި ސައިފް ފާތިހް (ފޮޓޯ/މާލެ ކައުންސިލް)

ބުނީ ކީކޭ؟ - ސައިފް ވިދާޅުވީ ފްލެޓް ލިބޭނެ ކަމަށް ސަރުކާރަކުން ނެރެފައިވާ ލިސްޓަކުން އުނިކުރަން ޖެހޭނީ ރައްޔިތު މީހާއަށް ޖަވާބުދާރީވުމުގެ ފުރުސަތެއް ދިނުމަށް ފަހު ކަމަށެވެ.

"މީހުންގެ ހަޔާތާ ގުޅޭ ކަންކަމުގައި މިހާ ރުންކުރުކޮށް، މިހާ ކުރުކޮށް ޖަވާބުދީގެން އެ މީހުންނަށް މި ފުރުސަތު ހަނިކޮށްގެން، މިހެން ކުރިއަށް ގެންދެވޭނެ ކަމަކަށް އަޅުގަނޑު ނުދެކެން،" ސައިފް ވިދާޅުވި އެވެ.

މާލޭގައި އެތައް އަހަރަކު ދިރިއުޅެފައިވާ، ފްލެޓް ހައްގު ކިތަންމެ ބަޔަކަށް ފްލެޓް ނުލިބިވާ ކަމަށް ވެސް ސައިފް ވިދާޅުވި އެވެ. ސައިފްގެ ވާހަކައިގައި ފާހަގަކުރައްވާފައިވަނީ:

  • ކުލީގެ ސައިކަލެއްގެ ތެރޭގައި ހަޔާތް މެހިފައި ތިބި ބައިވަރު މީހުން ލިސްޓުން އުނިކޮށްފައިވޭ

  • ރާއްޖޭން ލިބެން ނެތް ތައުލީމެއް ހޯދަން، ފަރުވާއެއް ހޯދަން ކައިރި އަވައްޓެރި ގައުމަކަށް ވަކި ދުވަސްވަރަކަށް ދިޔައަސް މުއްދަތު ހަމައެއްނުވޭ؛ 15 އަހަރު ނުވާ ކަމަށް ބަލާފައި އޮތް

  • ރަސްމީ ވަޒީފާއަށް ނުގޮސް އަމިއްލަ މަަސައްކަތްކުރާ މީހުންނަށް ނުލިބި އެބަ އޮތް؛ ވޭތުވެދިޔަ 15 އަހަރު އެންމެން 24 ގަޑިއިރު ވަޒީފާއަކު ވެސް ނޫޅޭނެ

"ރައީސް މުހައްމަދު މުއިއްޒު، މާލެ ސިޓީ ކައުންސިލަށް ފުރުސަތު ދޭނެ ކަމަށް ޔަގީންކަން ދެއްވުމަށް ފަހު އެ ފުރުސަތު ނުދިން. ފުރުސަތު ދިން ނަމަ މި މައްސަލަތައް މިހާ ބައިވަރު ފާހަގަ ކުރަން ނުޖެހި ރަނގަޅަށް ދިޔައީސް،" ސައިފް ވިދާޅުވި އެވެ.

އެނގުން މުހިންމު - މި ސަރުކާރުން އަލުން ބެލުމަށް ފަހު އާންމުކުރި ލިސްޓުގައި ޖުމްލަ 2695 ފޯމު ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާއިރު، 424 ފަރާތެއް ޕޮއިންޓަށް އައި ބަދަލާ އެކު ލިސްޓުން އުނިވެފައިވެ އެވެ.

ހައުސިން މިނިސްޓަރީން ބުނެފައިވާ ގޮތުގައި، ޝަރުތު ހަމަނުވާ ކަމަށް ނިންމި ގިނި މީހުންގެ ތެރޭގައި ހިމެނެނީ މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތުކުރަން ހުށަހެޅި ލިޔުމުގައި މައްސަލަ ހުރި މީހުންނެވެ.

ވެރިފިކޭޝަނަށް ފަހު މިނިސްޓްރީން އާންމުކުރި މައުލޫމާތަށް ބަލާއިރު:

  • ޖުމްލަ 4،939 ފޯމު ޗެކުކުރި

  • ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75އަށް ވުރެ ގިނަ ޕޮއިންޓު ލިބުނީ 1،423 މީހަކަށް

  • ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 73އަށް ވުރެ މަތިން ޕޮއިންޓު ލިބުނީ 397 މީހަކަށް

ކޮމެންޓް (2)

ޑަބިޔާދޫ

6 މާރިޗު 2025
ސައިފަށް އެނގޭތަ ހަމައެކަނި މާލޭގަ 15 އަހަރު އުޅުނުމީހުނަކަށް ނޫނޭބަލާފައިނީ، ކޮބާއެހެން ކަންތައްތައް، ތިމީހުން ތިއުޅެނީ ތީތި ސިޔާސީ ކުރަން،
2 0

ލީނާ ހަލީމް

5 މާރިޗު 2025
ތި ސޯޝަލް މީޑިޔާގަ ފާޑުކިޔާ މީހުންގެ ހަގީގަތް ދިރާސާ ކޮއްލަބަލަ ނޫސްވެރިން ، އެމީހުންގެ ޕޯޓަލްގައި ޝަރުތު ހަމަނުވި ސަބަބު އޮންނާނެ ، ގިނަ މީހުން މަކަރު ހަދައިގެން ފޯމު ލާފަ ހުރީ އެމީހުން އެކަންތައް ފޮރުވަން އަދިވެސް ސޯޝަލް މީޑިޔާގަ މި އެއްޗެހި ކިޔަނީ ! ފުލެޓް ލިސްޓް މިފަހަރު އޮތީ ވަރަށްވެސް އިންސާފުވެރިކޮށް ނެރިފައި
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް