މާލޭ ރަސްމީ ފާލަން ތަރައްގީ ކުރުމަށްފަހު، ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

މިއީ ނުފޫޒެއް ނެތި ނެރުނު ފުރަތަމަ ފްލެޓް ލިސްޓު: ރައީސް

ރައީސް ވިދާޅުވި ގޮތުގައި މި ލިސްޓަށް 'ޒައްރެއްގެ މިންވަރުގެ ނުފޫޒެއް ވެސް' ފޯރާފައި ނުވާނެ

މިއަދު ނެރުނު 'ގެދޮރުވެރިޔާ' ސްކީމްގެ ފްލެޓް ލިސްޓަކީ އަދި މިހާތަނަށް ނުފޫޒެއް ނެތި ނެރުނު ބޯހިޔާވަހިކަމުގެ އެފަދަ ފުރަތަމަ ލިސްޓުކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ސަރުކާރުން ނެރުނު 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު މުރާޖައާކޮށް، އޭގެ ތެރެއިން ޝަރުތު ފުރިހަމަވަނީ 1،800 މީހުން ކަމަށް ކަނޑައަޅައި ލިސްޓު ނެރެފަ އެވެ.

އެ ލިސްޓާ ގުޅޭ ގޮތުން ރައީސް ވާހަކަ ދައްކާފައި މި ވަނީ، މާލޭ ރަސްމީފާލަން ހުޅުވުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ލިސްޓު ދިފާއު ކުރައްވައި، ރައީސް ވާހަކަ ދެއްކެވިއިރު، ބައެއް ފަރާތްތަކުގެ ފާޑުކިޔުން އެ ލިސްޓު ވަނީ އަމާޒުވެފަ އެވެ.

ރަސްމީ ފާލަން ރައީސް މުއިއްޒު ހުޅުވައިދެއްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ބުނީ ކީކޭ؟ - "މިއީ ރާއްޖޭގައި ގެދޮރުވެރިކަމުގެ މައުލޫމާތު އަޅުގަނޑަށް އެނގެންފެށި ހިސާބުން އަދި އެކިއެކި ހައިސިއްުޔަތުތަކުން އެންމެ ޖޫނިއާ ލެވެލްއިން ފެށިގެން ސަރުކާެރުގެ ކަމާ ބެހޭ އެކި އެކި ދާއިރާތަކުގައި އުޅެން ފެށި ހިސާބުން ބެލިޔަސް، ނުފޫޒެއް ނުފޯރުވާ ހައުސިން [ނުވަތަ] ގެދޮރު ލިބޭނެ މީހުންގެ ލިސްޓެއް ނުކުތް ފުރަތަމަ ފަހަރު. ނުފޫޒެއް ނޯންނާނެ މި ލިސްޓަކު،" ދެ ސަރުކާރެއްގައި ޖުމްލަ ހަތް އަހަރު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު، އޭރު ގިނަ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގެވި ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ދޭނެ އެންމެ ބޮޑު ޔަގީންކަމަކީ، މި ލިސްޓު ހެދުމުގައި ޒައްރެއްގެ މިންވަރުގެ ވެސް ނުފޫޒެއް ފޯރުވާފައި އެއްވެސް ފަރާތަަކުން ނުވާނެ ކަން. މިއީ، ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް."

ތަފްސީލު - ރައީސް ވިދާޅުވީ މިއަދު ނެރުނު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެއް މަސް ދުވަހުގެ ފުރުސަތު އެވަނީ ހުޅުވާލާފައި ކަމަށާއި އެއްވެސް ފަރާތެއް ޝަކުވާއެއް އޮތް ނަމަ، އެ ޝަކުވާއެއް ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ކިރިޔާ ވެސް ކަމެއް ނުބެލި އޮތް ނަމަ މައްސަލަ ހުށަހަޅުއްވައި ދެއްވާ. ހަމަ ޔަގީން ވެސް ގަސްތުގައި އެއްވެސް މީހަކު ލިސްޓުން އުނިކޮށްފައި ނުވާނެ،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ސަރުކާރުގެ ޝައުގުވެރިކަން އޮތީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އަދުލުވެިރކަމާއެކު ހުރިހާ ރައްޔިތުންގެ ހައްގަށް ވެސް އުނިކަން ނާންނަހެން ހިދުމަތް ކުރުމުގަ އެވެ. އެއްވެސް ރައްޔިތަކަށް ހައްގުން ލިބުނު އެއްޗެއް އަތުލުމުގެ ޝައުގުވެރިކަން ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"ޝަކުވާ ހުށަހެޅީމަ، އަލުން ބަލައި، އެއްވެސް ސަބަބަކާ ހުރެ [ނުހައްގުން] އުނިވެފައިވާކަމަށް ސާބިތުވާނަމަ، [އެ ފްލެޓެއް] ހަމަޖެހިގެން ދާނެ،" ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ރައީސް ވިދާޅުވީ:

  • ބާކީ ހުރި ފްލެޓްތައް ވެސް ލިބޭނީ އެ ފްލެޓްތަކަަށް ފޯމުލާފައި ތިބި ބާކީތިބި މީހުންގެ ތެރެއިން ކަމަށް؛ އަދި މުރާޖާ ކުރަނީވެސް ކުރީ ސަރުކާރުގެ ޝަރުތުތަކަށް ކަމަށް ވިދާޅުވި

  • 4،000 ފެލެޓްގެ ލިސްޓަށް ނޭރިޔަސް ކަންބޮޑުވާކަށް ނުޖެހޭނެ، ރިޔާސީ ބަޔާނުގައިވެސް ވިދާޅުވި ފަދައިން މާލެ އާއި ހުޅުމާލެ އަދި ގުޅިފަޅުގައި މި އަހަރު ތެރޭ އެތައްހާސް ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފަށަން މި ވަނީ ނިންމާފައި

  • އޭގެ އިތުރުން، ގިރާވަރުފަޅު ހިއްކާ ނިމުމުން އެތަނުގައިވެސް ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފެށިގެންދާނެ؛ އަދި އުތުރު ތިލަފަޅާއި ރަސްމާލެ ހިއްކާ ނިމުމުން އެތަނުގައިވެސް އެކަންކަން ފެށިގެން ދާނެ

"މި ހުރިހާ ކަމެއް ފުރިހަމަ ވެގެން ދާއިރު، މާލޭގެ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް،18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަން އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ. އެ ޔަގީންކަން އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.


ކޮމެންޓް (2)

އައްޑާ

28 ފެބްރުއަރީ 2025
އެހެންވިއްޔާ އޭސީސީއިން ފިޔަވަޅު އަޅަންޖެހޭ މިނިސްޓަރަކަށް މުއިއްޒު ހުރިއިރު ނުފޫޒާއެކު ލިސްޓު ހެދިކަމަށް އެއްބަސްވީމާ.
4 0

ޙަލީމާ

28 ފެބްރުއަރީ 2025
ދެން މަދުން ޕޮއިންޓް ދީފަ ތިބި ހައްގުވާ މީހުންނަށް އޮތީ ކޮން ގޮތެއް. މިވީ ގޮތުން 20000 ފޯމު ބަލާލަން އަދި 3 އަހަރު ނަގާ ސީދާ ވޯޓަށް ކަންނޭގެދޯ މި ނެރެވޭނީ. އަސްލުޖެހޭނެ ދޯ ހުރިހާ ފޯމެއް ރިވިއުކުރަން. ވަކި ބަޔަކަށް އަވަހަށް ފްލެޓް ދިނީމަ ކަޑަ. އެންމެން އެޕްލައި ކުރީ އެއް ފަހަރާ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް