ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ގޮނޑި ގެއްލޭ އިސްލާހު ދިފާއުކޮށް ގާސިމް ވިދާޅުވީ އެއީ މުޖުރިމު އަމަލެއް ނޫން ކަމަށް

ޖޭޕީގެ ލީޑަރު ވިދާޅުވި ގޮތުގައި ވެރިކަމުގައި އޮންނަ ޕާޓީން މެންބަރުން ގަންނަ މައްސަލަ ކުރިންސުރެ ވެސް ބޮޑު ކަމަށް. މި ސަރުކާރުން އެ އިސްލާހު ގެނައީ 'ސަލާމަތަށްޓަކައި' ކަމަށް

ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ބައެއް ހާލަތްތައް ބަޔާންކޮށް، ގާނޫނުއަސާސީއަށް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ގެނައި އިސްލާހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ދިފާއުކުރައްވައިފި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އިސްލާހުގައި ގޯހެއް އޮތް ނަމަ، އެކަން ކުރަން ޖެހޭނީ ސުޕްރީމް ކޯޓުންނެވެ.

ވީ ކިހިނެއް؟ - އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވުމަށް ފަހު، މިދިޔަ ދުވަސްތަކުގައި ސިޔާސީ ކަންކަމުގައި އެހާ ހަރަކާތްތެރިކޮށް ނުފެންނަ ގާސިމް މިއަދު ވަނީ ފުރަތަމަ ފަހަރަށް ނޫސްވެރިންގެ ބައްދަލުވުމެއް މަޖިލިހުގެ އިދާރާގައި ބާއްވަވައިފަ އެވެ. މި ބައްދަލުވުމުގައި އޭނާ ވަނީ ރައީސް މުހައްމަދު މުއިއްޒު މިއަދު ދެއްވި ރިޔާސީ ބަޔާނަށް ތައުރީފްކުރައްވައި، އޭގެ އިތުރުން އިދިކޮޅު އެމްޑީޕީއަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.

ތަފްސީލު - މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށް މިދިޔަ ނޮވެމްބަރު މަހު މަޖިލީހުން އެންމެ ދުވަހެއްގެ ތެރޭ ގާނޫނުއަސާސީއަށް އިސްލާހު ގެނައިއިރު އެކަމާ ގުޅޭ ގޮތުން ގާސިމް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އެ އިސްލާހު ދިފާއުކުރައްވައި ގާސިމް މިއަދު ވިދާޅުވީ އިންތިހާބުވާ ޕާޓީން އެހެން ޕާޓީތަކަށް މެންބަރުން ބަދަލުވުމަކީ 2009ގެ މަޖިލީހުން ފެށިގެން މިދިޔަ ތިން މަޖިލީހުގައި ވެސް ކަން ހިނގާފައިވާ ގޮތް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • 2009ގެ އިންތިހާބުގައި އޭރު އެމްޑީޕީއަށް 26އަކަށް ގޮނޑި ލިބުނުއިރު، ފަހުން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު ގާތްގަނޑަކަށް 30އަކަށް އެރި.

  • އެގޮތަށް އެ ޕާޓީއަށް މަޖިލިސް މެންބަރުން އިތުރުވީ އެހެން ޕާޓީތަކުގެ ޓިކެޓުގައި ހޮވިފައި ތިބި މީހުން ގެންގޮސްގެން

  • އޭގެ ފަހުން 2013ގައި ރައީސް ޔާމީންގެ ސަރުކާރުގައި ވެސް 18 ވަނަ މަޖިލީހުގެ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކޮށްގެން ހޮވުނު ނުވަ ވަރަކަށް މެންބަރުން ޕީޕީއެމްއަށް ގެންދިޔަ

  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި 19 ވަނަ މަޖިލީހުގެ ބައެއް މެންބަރުން ވެސް އެ ޕާޓީއަށް ގެންދިޔަ

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ނަވާރަ ވަނަ މަޖިލީހުގެ ފަހު ދުވަސްކޮޅު އެމްޑީޕީން ވަނީ ޕާޓީ ބަދަލުކުރުމުން މެންބަރުން  މަގާމުން އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭ ގޮތަށް ގާނޫނެއް ހަދައިފަ އެވެ. އެކަމަކު ގާސިމް ވިދާޅުވީ އެއީ ގާނޫނުއަސާސީއާ ހިލާފަށް ގެނައި އިސްލާހެއް ކަމަށެވެ.

"ތިބޭފުޅުން ހަނދުމަފުޅު ހުންނާނެ ގާނޫނުއަސާސީއާ ހިލާފަށް ގާނޫނެއް ހަދައިގެން އަމިއްލައަށް އިސްތިއުފާ ހުށަހަޅަން މަޖުބޫރުވާ ގޮތަށް އެބޭފުޅުން [އެމްޑީޕީން 19 ވަނަ މަޖިލީހުގައި] ގާނޫނެއް ފާސްކުރީ. އެއީ ގާނޫނުއަސާސީއާ ހިލާފަށް. އެހެންވީމާ އިންޓެންޝަން އެ ގޮތަށް އޮތްކަން އެނގޭ،" ގާސިމް ވިދާޅުވި އެވެ.

"އަނެއްކާ ހޮވާފައި ތިބޭ މީހުން އެއް ޕާޓީން އަނެއް ޕާޓީއަށް ގެންދިޔުމުގެ ކަންތައް ފެށީ ކޮން ބައެއް؟ އެމްޑީޕީ ފުރަތަމަ ފެށީ ވެސް."

އޭރު އެމްޑީޕީއަށް އެ އިސްލާހު ގާނޫނުއަސީއަށް ނުގެނެވުނީ، ގާސިމް ގަބޫލުކުރައްވާ ގޮތުގައި، ގާނޫނުއަސާސީ އިސްލާހުކުރަން ބޭނުންވާ މެޖޯރިޓީ އެމްޑީޕީގައި ނެތުމުންނެވެ. އެހެންވެ އެކަން ގާނޫނެއްގައި ހިމެނީ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި މިފަހަރު މި ސަރުކާރުން ގާނޫނުއަސީއަށް އެ އިސްލާހު ހިމެނީ ރައީސް މުއިއްޒު އާއި ސަރުކާރުގެ 'ސަލާމަތަށްޓަކަ' އެވެ.

"މިފަހަރު މި ސަރުކާރުގައި މުއިއްޒު ހެއްދެވި ގޮތަކީ، އެބޭފުޅާ ވެރިކަމަށް އައިސް ތިން މަސް ދުވަސް ނުވެ އުޅެނިކޮށް ބޭރުކޮށްލާނަމޭ ނޯ-ކޮންފިޑެންސް ވޯޓު ނަގާނަމޭ ކިޔާ އަޑުގަދަވެގެން ދިޔަކަން އަޅުގަނޑުމެންނަށް އެނގޭ. ކޮންމެ ބަޔަކު ވެސް އެބައެއްގެ ސަލާމަތަށް އެޅެން އޮތް ފިޔަވަޅެއް އަޅާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެހެންވީމާ އެގޮތަށް އެމަނިކުފާނު މިހާރު އައިސް އޮތް ބަދަލު ގެންނެވީ ކަންނޭނގެ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ ގޯސްކޮށް އޮތް ކަމެއް ނަމަ އެކަން ބަލާނީ ސުޕްރީމް ކޯޓުން ކަމަށެވެ. އެއީ ގާނޫނުއަސާސީގައި ވެސް އެކަން ލިޔެފައި އޮތް ގޮތް ކަން ފާހަގަކުރެއްވި އެވެ.

"އެއީ މީހަކު ކުރި މުޖުރިމު އަމަލެއް ނޫން ގާނޫނުއަސާސީ ބުނާ ގޮތުން. ވެރިއަކު ކުރި މުޖުރިމު އަމަލެއް ނޫނޭ އެއީ. އަދި އެ ފާސްކުރަން ވޯޓު ދިން މެންބަރުން ވެސް ކުރި މުޖުރިމު އަމަލެއް ނޫން. އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަށް އެބޭފުޅުން ނިންމެވީ،" ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓަށް އެ މައްސަލަ ވަދެފައި އެ އޮތީ. އެހެންވީމާ ސުޕްރީމް ކޯޓުން ނިންމެވީމަ އެއީ ފައިނަލް ކަމަށް ގާނޫނުއަސާސީގައި ބުނެފައި އޮތީ. އެއީ މީހަކު އެއްޗެހި ކިޔަން އޮތް ކަމެއް ނޫން."

އޭގެ އިތުރުން ގާސިމް ވިދާޅުވީ:

  • ޕާޓީތަކުގެ ޕާލިމަންޓްރީ ގްރޫޕުން މެންބަރުން ވަކި ގޮތަކަށް ވޯޓު ދިނުމަށް މަޖުބޫރުވާ ގޮތަށް ވިޕް ނެރުމަކީ، ކުރެވިގެން ވާނެ ކަމެއް ނޫން

  •  އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް 

  • ނަމަވެސް މަޖިލީހުގައި ތަމްސީލު ކުރާ ޕާޓީތަކުން އެކަން ދަނީ ކުރަމުން

  • މެންބަރުން ވަކި ގޮތަކަށް ވޯޓު ދިނުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ލިޔެފައިވާ ކަމަށް

ގާސިމް މި ހުރިހާ ވާހަކައެއް ދެއްކެވީ ނޫސްވެރިންގެ ސުވާލުތަކަށް ހުޅުވާލުމުގެ ކުރިންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފެވެ.

އޭގެ އެންމެ ބޮޑު އެއް މައްސަލައަކީ، ޕާޓީއަކުން މަޖިލިސް މެންބަރަކު ކަނޑާލި ނަމަވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް އޮތުމެވެ. ރައްޔިތުން އިންތިހާބުކުރާ މަންދޫބުން، ޕާޓީއެއްގެ ފިޔަވަޅު އަޅާ ކޮމިޓީއަކުން ނިންމާ ނިންމުމަކުން ގޮނޑި ގެއްލުވާލަން އެ އިސްލާހުން ފުރުސަތު ލިބެ އެވެ.

އެ ގޮތަށް އެކަން އޮތުމުން ރައްޔިތުންގެ ހައްގުތަކެއް ގެއްލޭތޯ އާއި ގާނޫނުއަސާސީގެ ރޫހާ މި އިސްލާހު ހިލާފު ކަމަށް ގާނޫނުއަސާސީ އެކުލަވާލުމުގައި ބޮޑު ހިއްސާއެއް އޮތް ބޭފުޅެއްގެ ހައިސިއްޔަތުން ގާސިމް ގަބޫލުކުރައްވަންތޯ ނޫސްވެރިއަކު އެހި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ "ގާނޫނުއަސާސީގެ ތަރަހައިގެ ތެރޭގައި އެވަހަކަ ދައްކަންޏާ، އެ ވާހަކަ ދެއްކޭކަަށް ނެތް" ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިފައި އޮތުމުން ކަމަށެވެ.

"ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި އެއަށް ހިޔާލުފާޅުކޮށް ވާހަކަ ދެއްކުމުގެ ފުރުސަތެއް އަޅުގަނޑުމެންނަކަށް ނޯންނާނެ ގާނޫނުއަސާސީގެ ހުދޫދުގެ ތެރެއިން. އަޅުގަނޑަށް އެކަމުގައި ދެންނެވެން އޮތް ވަރަކަށް ދަންނަވައިފިން، އިތުރަށް އެ ވާހަކަ ދައްކާކަށް ނެތިން،" ގާސިމް ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި ކުރީގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބަރު އަލީ ހުސައިން އެވެ. 

އެކަމަކު އަލީއަކީ ޖޭޕީގެ މެންބަރެއްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހަޅުއްވީ އޭނާއާ މަޝްވަރާނުކުރައްވާ ކަމަށެވެ. އެކަމަށް ﷲ ގަންދީ ހުވާ ވެސް ކުރެއްވި އެވެ.

ކޮމެންޓް (2)

ކޮސް

7 ފެބްރުއަރީ 2025
ޤާޞިމުގެ ބަހުރުވަ ބަދަލުވާނީ ބޮޑު ފައިދާގަނޑެއް ލިބެން އޮވެގެން ނޫނީ މުއިއްޒު އިންޒާރުދީގެން. އަޑިނޭންގޭ ކަމެއް ފޮރުވިފަ އެބައޮތް. ޤާޞިމަކީ އިޞްލާޙަށް މަސައްކަތް ކުރި މީހަކަށްވާއިރު ، ޤާނޫނު އަސާސީ ފުނޑާލިއިރު އެކަމަށް ތަރުހީބުދޭނީ ވަރެއްވެގެންތާ!!!!!!!
0 0

ޔާސިމް

6 ފެބްރުއަރީ 2025
ބަލަގަ ތިކަލަ މީހުންނާހެދި ގައުމު ހަލާކުވަނީ. އަދި ތިބޭޅާއަށް ވެރިކަން ނުލިބިގެން އުޅެނީވެސް ތިބޭޅާގެ ތިކަލަ ވިޔާނުދާކަމުން
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް