އެންޓި ޑިފެކްޝަން ބިލު ދިރާސާ ކުރި ވަގުތީ ކޮމިޓީގެ ބައްދަލުވެއްމެއްގެ ތެރެއިން

ގޮނޑި ގެއްލުން އިހްތިޔާރީ ކަމަކަށް ހަދައި އެންޓި ޑިފެކްޝަން ބިލް ކޮމިޓީން ފާސްކޮށްފި

ކޮމިޓީން ނިންމާފައިވަނީ ޕާޓީން ވަކިކުރާ ހާލަތުގައި ރީކޯލް ވޯޓު ނުނަގާ ގޮތަށް؛ އެ ބާބު އެއްކޮށް ބިލުން އުނިކޮށްފައިވޭ

މެންބަރުން ގަނެވިއްކުން ހުއްޓުމުގެ ގޮތުން، އިދިކޮޅު އެމްޑީޕީން ހުށަހެޅި އެންޓި ޑިފެކްޝަން ބިލުން، ޕާޓީ ބަދަލުކުރާ ނުވަތަ ވަކިވާ ހާލަތުގައި މަޖިލިސް މެންބަރުކަމުން ވަކިވުން އިހްތިޔާރީ ކަމަކަށް ހަދާ ގޮތަށް އެ ބިލު، މަޖިލީހުގެ ވަގުތީ ކޮމިޓީން ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އިންތިހާބުވާ ޕާޓީން ވަކިވުމުން ނުވަތަ ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގަނެ، އެބިލް ދިރާސާ ކުރުމަށް ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވީ މިދިޔަ ބުދަ ދުވަހު އެވެ.

ދެ ދުވަސް މަތިން ބޭއްވި ދެ ބައްދަލުވުމަކަށް ފަހު، އިއްޔެ އެ ކޮމިޓީން ވަނީ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ފާސްކޮށްފަ އެވެ.

ތަފްސީލު - ބިލް މަޖިލީހަށް ހުށަހެޅިއިރު، އޭގައި ބުނެފައި ވަނީ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކެވެެ. ނަމަވެސް މިހާރު "ގޮނޑި ގެއްލޭނެ ހާލަތު"ގެ ބަދަލުގައި އެ މާއްދާގެ އަރިމަތީ ސުރުހީ ކޮމިޓީން އިސްލާހުކޮށްފައި ވަނީ މެންބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ހާލަތްތައް" އެގޮތަށެެވެ.

އެގޮތަށް އިސްލާހު ގެނައި ސަބަބެއް ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ، އަރިމަތީ ސުރުހީގައި މެންބަރުގެ ގޮނޑި ގެއްލޭނެ ހާލަތްތައް ކަމަށް ބުނެފައިވީ ނަމަވެސް، މި މާއްދާގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މެންބަރުކަމުން އިސްތިއުފާ ދޭންވާނެ ހާލަތްތަކެއް ކަމުގައިވާތީ" ކަމަށެވެ.

އެގޮތަށް އިސްތިއުފާ ދޭނެ ހާލަތްތަކުގެ ގޮތުގައި އޮތީ ބިލު ހުށަހެޅި އިރު ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވާ މައިގަނޑު ތިން ހާލަތެވެ. އެއީ:

  • 1-

    ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރަކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވުން

  • 2-

    އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުން

  • 3-

    އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން

ބިލުގައިވާ ގޮތުން އެ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު "މެންބަރުކަމުން އިސްތިއުފާ ދޭންވާނެ" އެވެ. އިހްތިޔާރީ ކަމެއްގެ ގޮތުގައި އެ އިިބާރާތް ލިޔެފައިވާއިރު، އިސްތިއުފާ ނުދީފި ނަމަ، އަމަލު ކުރާނެ ގޮތެއް ކޮމިޓީ މަރުހަލާގައި ވެސް ބަޔާންކޮށްފައެެއް ނުވެ އެވެ.

ދެން ބިލަށް ކޮމިޓީން ގެނެސްފައިވާ އިސްލާހަކީ، ޕާޓީން އެ މެންބަރަކު ވަކިކުރާ ހާލަތުގައި އަމަލު ކުރާނެ ގޮތްތަކެވެ. ބިލުގެ ތިން ވަނަ މާއްދާގެ (ނ)އާ އެކު އެ މާއްދާގެ ފަހަތައް އިތުރު ކުރި ދެ އަކުރުގައި ބުނަނަނީ:

  • އިންތިހާބުވި ޕާޓީން، އެ މެންބަރުގެ ޕާޓީގެ މެންބަރުކަމުން އޭނާ ވަކިކުރާ ތާރީހުން ފެށިގެން ހަތް ދުވަސް ތެރޭ އެ ނިންމުމަކާ ގުޅޭ ގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށް

  •  އެ މުއްދަތުގައި މައްސަލަ ކޯޓަށް ހުށަހަނާޅާ ނަމަ، އެ ސިޔާސީ ޕާޓީގެ މެމްބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެންގުންމުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭން ވާނެ

  • އަދި އެ މެންބަރަކު ޕާޓީން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފި ނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެމްބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެންގުންމުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭން ވާނެ 

ބިލު މަޖިލީހަށް ހުށަހެޅިއިރު، ޕާޓީން ވަކިކުރާ ހާލަތުގައި އަމަލު ކުރާނެ ގޮތެއް ގޮތުގައި ބަޔާންކޮށްފައި ވަނީ އެ މެންބަރު އިންތިހާބުވި ދާއިރާގެ ރައްޔިތުންގެ މެދުގައި އޭނާ މަގާމުގައި ހުންނަން ފެނޭތޯ ބެލުމަށް ރީކޯލް ވޯޓެއް ނެގުމަށެވެ. އަދި އެ ހާލަތުގައި އޭނާގެ ގޮނޑި ގެއްލޭނީ އެ ވޯޓުގައި އަގުލަބިއްޔަތު މެންބަރުން އޭނާ އެ މަގާމުގައި ބަހައްޓަން ނުފެންނަ ނަމަ އެވެ. ނަމަވެސް އެ މާއްދާތައް ކޮމިޓީން ވަނީ އުނިކޮށްފަ އެވެ.

އޭގެ އިތުރުން ރިކޯލް ވޯޓާ ގުޅޭ މުޅި ބާބު ވެސް ކޮމިޓީން ވަނީ އުނިކޮށްފަ އެވެ. އެހެން ކަމުން، ޕާޓީން އެ މެންބަރަކު ވަކިކުރާ ހާލަތުގައި ރީކޯލް ވޯޓު ނުނަގާ ގޮތަށް ކޮމިޓީން އޮތީ ނިންމާފަ އެވެ. ސަބަބެއް ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނީ:

  • "މި ބިލުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ މަގްސަދުތައް ރީކޯލް ވޯޓު ނުނަގައި ހާސިލުކުރެވޭނެ ގޮތަށް ބިލުގެ އެހެން މާއްދާތައް އިސްލާހުކޮށްފައި ވަތީ، މި ބާބު މި ބިލުގައި އޮތުން މުހިންމު ނޫން ކަމަށް ކޮމިޓީގެ މެންބަރުންނަށް ގަބޫލު ކުރެވޭތީ"

  • އެ އިޝާރާތް ކުރި އިސްލާހުތަކަކަކީ، ކޯޓަށް މައްސަލަ ހުށަހަޅާ ހާލަތްތަކާ ގުޅޭ މައްދާތަކެވެ.

މަޖިލީހަށް ބިލު ހުށަހެޅިއިރު، މަޖިިލީހުގެ މެންބަރުންގެ އިތުރުން ރަށު ކައުންސިލް މެންބަރުންނާއި އަންހެހުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންވެެސް، މި އުސޫލުގެ ދަށުން ގޮނޑި ގެއްލޭ ގޮތަށެވެ. ނަމަވެސް ސިޓީ ކައުންސިލް މެންބަރުން ހިމަނާފައި ނުވެ އެވެ. ކޮމިޓީން ނިންމާފައި ވަނީ، މި ލިސްޓުގައި އިސްތިއުފާ ދޭނެ މީހުންގެ ތެރޭގައި ސިޓީ ކައުންސިލް މެންބަރުންވެސް ހިމެނުމަށެވެ.

އެނގުން މުހިންމު - މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާން ކުރަނީ ގާނޫނުއަސާސީގެ73 ވަނަ މާއްދާގެ (ނ)ގަ އެވެ. އިންތިހާބުވާ ޕާޓީ ބަދަލު ކުރުމާއި އެ ޕާޓީއަކުން ވަކިވުމުން، ގޮނޑި ގެއްލޭނެ ކަމަށް އެ މައްދާގައި ބަޔާންކޮށްފައި ނުވެ އެވެ.

ބައެއް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެންޓި ޑިފެކްޝަން ބިލެއްގައި ގޮނޑި ގެއްލޭނެ ކަމަށް ބަޔާން ކުރެވޭނީ ގާނޫނުއަސާސީއަށް އެ ގޮތަށް އިސްލާހު ގެނެސްގެންނެވެ.

ކޮމެންޓް (2)

ާއަކި

29 މާރިޗު 2024
އެއްކަލަ ނުކިޔާތިބި މީހުން މޮޅު ޤާނޫނެއް ހަދައިފި . އިސްތިއުފާދޭން ޖެހޭނެއޯ. އިސްތިއުފާ ނުދީފި ނަމަ ….. ހަނދަށްތަ ފޮނުވާލަނީ ؟ ނޫނީ މަޖިލިސްގެ ރައީސްކަންތަ ލިބެނީ
1 0

މަގޭ ޖީބު

29 މާރިޗު 2024
މިމީހުން އަަބަދުވެސް ކަންތައްތައް ކުރަނީ މިމީހުންގެ އަމިއްލަ ޖީބު ބޮޑުވާނެގޮތަށް. ގައުމަށް، ރައްޔިތުންނަށް ހެޔޮއެދޭ ބައެއްނޫން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް