ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އާޒިމް (ކ) އަދި ޕީއެންސީގެ ޕީޖީ ލީޑަރު ސިރާޖު: އެންޓި ޑިފެކްޝަން ބިލުގެ މަސައްކަތުގައި ބައިވެރިނުވާން އެ ދެ ޕާޓީން ނިންމީ ވަގުތީ ކޮމިޓީއެއް ނެގި ގޮތާ ދެކޮޅު ކަމަށް ބުނެ.

އެންޓި ޑިފެކްޝަން ބިލުގެ މަސައްކަތުން ޕީއެންސީ އާއި ޑިމޮކްރެޓްސް ތަނާޒުލްވެއްޖެ

އެ ދެ ޕާޓީން ހިތްހަމަނުޖެހުން ފާޅުކޮށް ބައިވެރިނުވުމުން، ބިލު ދިރާސާ ކުރުމަށް ނެގި ހަތް މެންބަރުންގެ ކޮމިޓީ އެންމެ ފަހުން އެކުލަވާލީ އެމްޑީޕީ މެންބަރުން އެކަނި ހިމަނައިގެން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީން ވަކިވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް އެކުލަވާލާފައިވާ އެންޓި ޑިފެކްޝަން ބިލުގެ މަސައްކަތުން، ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އާއި އިދިކޮޅު ޑިމޮކްރެޓްސްގެ މެންބަރުން މިއަދު ތަނާޒުލްވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން މިދިޔަ މަހު ފަހުކޮޅު މަޖިލީހަށް ހުށަހެޅި މި ބިލު ބަލައިގަތުމަށް، މިއަދު މަޖިލީހުގައި ނެގި ވޯޓުގައި، ޕީއެންސީ އާއި ޑިމޮކްރެޓްސް އިން ވެސް ތާއީދު ކުރި އެވެ. ނަމަވެސް އެ ބިލުގެ މަސައްކަތް ވަގުތީ ކޮމިޓީއަކަށް ފޮނުވަން އުޅުނު ހިސާބުން ހިޔާލުފާތުވުން އުފެދުނެވެ.

ތަފްސީލު - އެ ބިލު ބަލައިގަތުމަށް، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ އިއްތިފާގުން ފާސްވުމާ އެކު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވޯޓަށް އެއްސެވީ ފުނަދޫ ދާއިރާގެ މެންބަރު އަހުމަދު ޝާހިދު ހުށަހެޅުއްވި ހުށަހެޅުމަކަށެވެ.

ޝާހިދުގެ ހުށަހެޅުމަކީ، ބިލު ދިރާސާ ކުރުމަށް ދާއިމީ ކޮމިޓީއަކަށް ފޮނުވުމުގެ ބަދަލުގައި، ބިލުގެ މަސައްކަތް އަވަސް ކުރުމަށް، ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމެވެ.

މަޖިލީހުގެ މި ދައުރު އަންނަ މެއި މަހަށް ނިމޭތީ ބިލުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން ވަގުތީ ކޮމިޓީއަކަށް ފޮނުވުމުގެ އެ ހުށަހެޅުން ފާސްވީ 29 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް:

  • ޕީއެންސީގެ ހަ މެންބަރުން އެކަމާ ދެކޮޅަށް ވޯޓު ދެއްވި 

  • ޑިމޮކްރެޓްސްގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ފިޔަވައި ދެން ތަޅުމުގައި ތިއްބެވި އެ ޕާޓީގެ މެންބަރުން އެ ވޯޓުގައި ބައިވެރިއެއް ނުވޭ

މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި މިއަދު އިންނެވި ނައިބު ރައީސް ސަލީމް

ޝާހިދުގެ ހުށަހެެޅުން ފާސްވުމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ހަތް މެންބަރުންގެ ކޮމިޓީ އެކުލަވާލުމަށް ނަންތައް ހުށަހެޅުއްވި އެވެ. އޭގެ ތެރޭގައި ހިމެނީ އެމްޑީޕީގެ ފަސް މެންބަރަކާއި ޑިމޮކްރެޓްސްގެ ދެ މެންބަރެކެވެ. ނަމަވެސް ޑިމޮކްރެޓްސްގެ މެންބަރުން އެ ކޮމިޓީގައި ތިބުމަށް އުޒުރުވެރިވި އެވެ. ސަބަބެއް ކަމަށް ދެއްކީ، ހުރިހާ ޕާޓީތަކުގެ މައްޗަށް އެކުލެވޭ ކޮމިޓީއަކަށް ނުވުމެވެ.

"ޑިމޮރެޓްސްގެ ދެ މެންބަރުންނަކީ ވެސް މި ކޮމިޓީގައި އިންނާނެ ދެ މެންބަރުން. އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ މުހިންމު ކަމެއް ކުރާއިރު ހުރިހާ ސިޔާސީ ޕާޓީއެއް ހިމެނުމަކީ މުހިންމު ކަމެއް... އަޅުގަނޑު ހުށަހަޅަނީ އިތުރު ސިޔާސީ ޕާޓީތަކެއް ހިމަނައިގެން މި ކޮމިޓީ އެކުލަވާލުމަށް،" ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވި އެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް (ފޮޓޯ/ރަައްޔިތުންގެ މަޖިލީސް)

އާޒިމްގެ އެ ހުށަހެޅުމަށް ޑިމޮކްރެޓްސްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ތާއީދު ކުރެއްވި އެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި ނައިބު ރައީސް ސަލީމް ބޭނުންވީ މިކަމުގައި އިތުރަށް ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށެވެ.

އެހެންވެ ކުޑަ ވަގުތުކޮޅަކަށް މަޖިލިސް މެދުކަނޑާލި އެވެ. ނަމަވެސް ޕާޓީތަކަށް މިކަމުގައި ހިޔާލު އެއްގޮތެއް ނުކުރެވުނެވެ.

"ރައްޔިތުންގެ މަޖިލީހުގައި ދާއިމީ ކޮމިޓީތަކެއް އެކުލަވާލެވިފައިވޭ. އެއީ މި މަޖިލީހުގެ ހުރިހާ ސިޔާސީ ޕާޓީއެއް ނިސްބަތުން ހަމައަށް ބަހައި ކަނޑައެޅިފައި އޮންނަ ކޮމިޓީތަކެއް. މިފަދަ ބޮޑު މައްސަލައެއް ދާއިމީ ކޮމިޓީއަކަށް ނުފޮނުވާ، ވަކި ކުޑަ ކޮމިޓީއެއް ހަދައިގެން ގެންދިޔުމަކީ އަޅުގަނޑުމެން ޕީއެންސީން ތާއީދު ކުރާ ކަމެއް ނޫން،" ހުސް ވަގުތުކޮޅަށް ފަހު ޖަލްސާ އަލުން ފެށުމާ އެކު ޕީއެންސީގެ ޕީޖީ ލީޑަރު ފޮނަދޫ ދާއިރާ މެންބަރު މޫސާ ސިރާޖު ވިދާޅުވި އެވެ.

"މިވަރުގެ ބޮޑު ކަމެއް ކުރަން ވާނީ، މަޖިލީހުގެ ހުރިހާ ޕާޓީއެއް ތަމްސީލުވާ ގޮތަށް އެކުލެވިފައިވާ ދާއިމީ ކޮމިޓީތަކުން."

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު. (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

އެ ނޫން ގޮތަކަށް ތާއީދު ކުރާކަށް ޕީއެންސީން ބޭނުމެއް ނުވި އެވެ. ނަމަވެސް ސަލީމް ވިދާޅުވީ، މިހާރު ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް މަޖިލީހުން ފާސްކޮށްފައިވާ ކަމަށާއި އެހެންކަމުން މިކަމުގައި އިތުރަށް ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ކަމަށެވެ.

ފަހުން ޕީއެންސީ އާއި ޑިމޮކްރެޓްސްގެ މެންބަރުން ތަޅުން ދޫކޮށްލާފައި ގޮސްފައިވެ އެވެ.

އެހެންވެ އެންމެ ފަހުން ކޮމިޓީ އެކުލަވާލީ ހަމައެކަނި އެމްޑީޕީ މެންބަރުން ހިމަނައިގެންނެވެ. ދެވަނަ ފަހަރަށް ނަންތައް ހުށަހަޅުއްވަމުން މެންބަރު ޝަފީގު ވިދާޅުވީ، ފުރަތަމަ ވެސް ނަން ހުށަހަޅަން ބޭނުންވީ ހުރިހާ ޕާޓީތައް ހިމޭނޭ ގޮތަށް ކަމަށާއި ނަމަވެސް އެހެން ޕާޓީތަކުގެ މެންބަރުން އެކަމާ އޭރު ވެސް ދެކޮޅު ހެދީ ކަމަށެވެ.

ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

އެހެންކަމުން، ތިބި ބަޔަކާ އެކު ނުވަތަ ބިލުގެ މަސައްކަތް ކުރަން ޝައުގު އޮތް މެންބަރުންނާ އެކު ކުރިއަށްދާން ބޭނުންވާ ކަމަށް ވިދާޅުވެ، އަލުން ކޮމިޓީ އެކުލަވާލުމަށް ނަންތައް އޭނާ ހުށަހެޅުއްވި އެވެ.

އެ މެންބަރުންނަކީ:

  • 1-

    ބިލު ހުށަހެޅުއްވި މެންބަރު އަހުމަދު އަބްދުﷲ

  • 2-

    ފުނަދޫ ދާއިރާގެ މެންބަރު އަހުމަދު ޝާހިދު

  • 3-

    މަނަދޫ ދާއިރާ މެންބަރު އަހުމަދު ހާރޫން

  • 4-

    ކެލާ ދާއިރާ މެންބަރު އިބްރާހިމް ޝަރީފް

  • 5-

    ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ

  • 6-

    ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު

  • 7-

    ދާންދޫ ދާއިރާ މެންބަރު އަބްދުﷲ ޔައުގޫބު

މިއަދުގެ ޖަލްސާ ނިމުނީ އެ ނަންތައް ފާސްވެގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް