ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. (ފޮޓޯ/ރައްޔިތުންގެ މަޖިލިސް)

ސިޔާސީ

އެންޓި ޑިފެކްޝަން ބިލު ހުށަހެޅީ ރަށު އަދި އަތޮޅު ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީގެ މެންބަރުންގެ ގޮނޑި ވެސް ގެއްލޭ ގޮތަށް

އަމިއްލަ ގޮތުން ހޮވޭ މަޖިލިސް މެންބަރުންނާއި ޕާޓީން ވަކިކުރާ މެންބަރުން މެންބަރުކަމުން ވަކިވާނީ ރީކޯލް ވޯޓަކަށް ފަހު ކަމަށް ބިލުގައި ބުނޭ

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ހެދުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅި އެންޓި ޑިފެކްޝަން ބިލުގައި، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މައްސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން ވެސް ހިމަނައިފި އެވެ. ނަމަވެސް އޭގެ ތެރޭގައި ސިޓީ ކައުންސިލްތަކުގެ މެންބަރުންނެއް ނުހިމެނެ އެވެ.

ވީ ކިހިނެއް؟ - އެންޓި ޑިފެކްޝަން ބިލު އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅިކަން މިދިޔަ މަހު ފަހުކޮޅު އެ ޕާޓިން އިއުލާންކޮށް، އެ ބިލު މިހާރު މަޖިލީހުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.

ތަފްސީލު - އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕަސަން، ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލުގެ މަގްސަދެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ:

  • މަޖިލީހުގެ މެންބަރުންނާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމްކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބު ކުރާ މެންބަރުންނަކީ ދައުރުގެ ތެރޭގައި އިންތިހާބު ކުރި ސިޔާސީ ފިކުރުގައި ދެމިތިބޭނެ ބައެއްކަން ކަށަވަރުކުރުން

  • ރައްޔިތުން އިންތިހާބު ކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ، ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބަޔަކަށް ހެދުން

މި ބިލުގެ ތިންވަނަ ބާބުގައި، އަތޮޅު ކައުންސިލް، ރަށު ކައުންސިލް އަދި އަންހެނުންގެ ކޮމިޓީގެ މެންބަރުންގެ ގޮނޑި ހުސްވާނެ ތިން ހާލަތެއް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 1-

    ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރަކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވުން.

  • 2-

    އިންތިބާވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުން. 

  • 3-

    އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.

އެ ތިން ހަލާތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން އިލެކްޝަންސް ކޮމިޝަނުން ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް އަންގާ ދުވަހުން ފެށިގެން އެ މީހަކު އެ މަގާމަކުން ވަކިވާނެ ކަމަށް ބިލުގައި ބުނެ އެވެ.

މަޖިލިސް މެންބަރުންގެ ގޮނޑި ހުސްވާނެ ހާލަތްތައް ބަޔާން ކުރަނީ އެ ބިލުގެ ދެވަނަ ބާބުގަ އެވެ. އޭގައި ވެސް ހިމަނާފައިވާ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާދޭން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން:

  • ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީގެ މެންބަރުންގެ ހާލަތްތަކުގައި ވެސް ބަޔާންކޮށްފައިވާ ގޮތަށް، ހޮވޭ ޕާޓީން ވަކިވުމާއި އެހެން ޕާޓީއެއްގެ މެންބަރަކަށް ވުން ހިމެނޭ

  • އޭގެ އިތުރުން، އަމިއްލަ ގޮތުން ހޮވޭ މެންބަރުން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ހޮވޭ ޕާޓީގެ ފަރާތުން އޭނާ އެ ޕާޓީން ވަކިކުރާ ހާލަތުގައި އެ މެންބަރަކު މަޖިލިސް މެންބަރުކަމުން ވަކިކުރާނީ ރީކޯލް ވޯޓެއް ނެގުމަށް ފަހު؛ އެ ދާއިރާއެއްގެ ވޯޓުލާ މީހުންގެ އަގުލަބިއްޔަތުން އޭނާ މަގާމުން ވަކިކުރުމަށް ނިންމައިފި ނަމަ، އެ މީހަކު މެންބަރުކަމުން ވަކިވީ

މި ބިލު ހުށަހެޅުއްވި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ (ފައިލް ފޮޓޯ/މަޖިލިސް)

ރީކޯލް ވޯޓު ނެގުމަށް އޮންނަ ދެ ހާލަތުން ކުރެ ހާލަތެއް މެދުވެރިވާތާ 30 ދުވަހުގެ ތެރޭގައި، އޭނާ އެ މަގާމުގައި ހުންނަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ރީކޯލް ވޯޓެއް ނަގަން ވާނެ ކަމަށް ބިލުގައި ބުނެ އެވެ.

އެ ދެ ހާލަތަކީ:

  • ހޮވޭ ޕާޓީގެ ފަރާތުން އޭނާ އެ ޕާޓީން ވަކިކުރުން

  • އަމިއްލަ ގޮތުން ހޮވޭ މެންބަރުން ސިޔާސީ ޕާޓީއަކަށް ސޮއި ކުރުން

މި ބިލުގައިވާ ސަބަބަކުން ގޮނޑި ގެއްލޭ ހާލަތުގައި ބާއްވާ ބައި-އިލެކްޝަންގައި އެ މެންބަރަކަށް ވާދަކުރުމަށް ހުރަހެއް ނެތް ކަމަށް ވެސް ބިލުގައި ބުނެ އެވެ. ބައި-އިލެކްޝަން ބާއްވާނީ މިހާރު ވެސް ހުރި ގާނޫނުތަކުގައި ބައި-އިލެކްޝަން ބާއްވަން ޖެހޭ އިޖުރާއަތްތަކުގެ ދަށުންނެވެ.

މި އިސްލާހުތަކަށް އަމަލު ކުރަން އޮތީ، ބިލު މަޖިލީހުން ފާސްވެ، ރައީސް ތަސްދީގުކުރުމާ އެކު ގެޒެޓްގައި ގާނޫނު ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

އެނގުން މުހިންމު - މަޖިލީހަށް އިންތިހާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް 2017ގައި ސުޕްރީމް ކޯޓުން ކަނޑައެޅި އިރު އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން ވެސް މަޖިލީހަށް ލާޒިމްކުރި އެވެ. 

  • އެ ގާނޫނު މަޖިލީހުން ފާސްކޮށް އޭރުގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި 

  • ނަމަވެސް އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، އެ ގާނޫނު އުވާލަން މަޖިލީހުގެ އަގުލަބިއްޔަތުން 1 ނޮވެމްބަރު 2018ގައި ވަނީ ފާސްކޮށްފައި

މިހާރު ނިމެނުން މިދާ 19 ވަނަ މަޖިލީހަށް، އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށްގެން 65 މެންބަރުން އިންތިހާބުވި އެވެ. ނަމަވެސް އެ ޕާޓީގައި މިހާރު ތިބީ ސާޅީހަކަށް މެންބަރުންނެވެ.

އެމްޑީޕީން ވަކިވި މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ސަރުކާރު ބަދަލުވުމާ އެކު، މިހާރު ވެރިކަމުގައި އޮތް ޕީއެންސީއަށް ސޮއި ކުރި 12 މެންބަރުންގެ އިތުރުން، އެމްޑީޕީ ތެރޭގައި އުފުނު ހިޔާލުތަފާތުވުމުގެ ތެރެއިން އުފެއްދި ދަ ޑިމޮކްރެޓްސްއާ ގުޅުނު 13 މެންބަރުން ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް