އެމްޑީޕީގެ މަޖިލިސް ކެންޑިޑޭޓުން ހުވާ ކުރައްވަނީ (ދައުރު ފޮޓޯ/ އިފާޒު)
އެމްޑީޕީ ކެންޑިޑޭޓުން ޕާޓީ ބަދަލު ނުކުރާނެ ކަމަށް ﷲގަންދީ ހުވާކޮށްފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރާ ކެންޑިޑޭޓުން ޕާޓީ ބަދަލުނުކުރާނެ ކަމަށް މާތްﷲ ގަންދީ ހުވާކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ކެންޑިޑޭޓުން މިގޮތަށް ހުވާ ކުރީ އެ ޕާޓީގެ މަޖިލިސް ކެމްޕެއިން 'މިސްރާބު ހަމަމަގަށް' ރަސްމީކޮށް ލޯންޗުކުރުމަށް މިރޭ އާޓިފިޝަލް ބީޗްގައި ބާއްވަމުން ގެންދާ ޖަލްސާގަ އެވެ.
ޖަލްސާ ފެއްޓުމަށް ފަހު ކެންޑިޑޭޓުން ތައާރަފުވެ، އެޖެންޑާގައި ފުރަތަމަކަމަށް އޮތީ ކެންޑިޑޭޓުން ލައްވާ ހުވާކުރުވުމެވެ. މި ހުވާ ކެންޑިޑޭޓުންނަށް ލައިދެއްވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ.
ހުވާގެ އިބާރާތް - "އަހުރެން (ކެންޑިޑޭޓުގެ ނަން) ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި ވާދަކޮށް ކާމިޔާބުކުރެވިއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރުމަށާއި ޕާޓީގެ އަސާސީ ގަވައިދާއި ޕާޓީގެ އުސޫލުތަކާއި ނިންމުންތަކަށް ޕާލިމަންޓްރީ ގްރޫޕުގެ ހިންގާ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިގުރާރުވެ، މާތްﷲ ގަންދީ ހުވާކުރަމެވެ."
ފާހަގަކޮށްލެވޭ ކަމެއް - އެންމެ ފަހުން 2019ގައި ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީން 65 ގޮނޑި ކާމިޔާބު ކުރި އެވެ. ނަމަވެސް މިހާރު މަޖިލީހުގައި ތިބީ އެ ޕާޓީގެ 40އަކަށް މެންބަރުންނެވެ. އެ ޕާޓީން ވަކިވި މެންބަރުންގެ ތެރޭގައި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށް މި ފަހުން ސޮއިކުރެއްވި 12 މެންބަރަކު ހިމެނެ އެވެ.
ކޮމެންޓް (1)
ތެފައާސާ.